"އެމްޕްރެސް އޮފް ދަ ސީޒް"ގެ ނަމުން މަޝްހޫރު، އެމްއެސް އެމްޕްރެސް ރާއްޖެއަށް ކުރި ފުރަތަމަ ދަތުރާއެކު އެމްޕީއެލްއިން އެ ޝިޕަށް ހޫނު މަރުހަބާއެއް ކިޔައިފިއެވެ.
އެމްޕީއެލް އިން ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ، އެ ކްރޫޒް ޝިޕް މިއަދު ރާއްޖެ އައިސްފައި ވަނީ 1,473 ފަސިންޖަރުންގެ އިތުރުން 613 ފަޅުވެރިންނާއެކު ކަމަށެވެ. މާލެއަށް ބަނދަރުކުރުމާއެކު، އެމްއެސް އެމްޕްރެސްއަށް ހޫނު މަރުހަބާއެއް ކިޔައި، އެ ޝިޕު ރާއްޖެއަށް ކުރި ފުރަތަމަ ދަތުރު ފާހަގަކުރުމުގެ ގޮތުން ހަނދާނީ ފިލައެއް އަރުވާފައިވާ ކަމަށް އެމްޕީއެލްގެ ޕޯސްޓުގައި ބުނެފައިވެއެވެ.
މި ހަނދާނީ ފިލާ ހަވާލުކޮށްދެއްވާފައި ވަނީ، އެމްޕީއެލްގެ ސީއީއޯ ކެޕްޓަން ޙުސައިން ޝަފީޤެވެ.
އެމްއެސް އެމްޕްރެސް ރާއްޖެއަށް ކުރި ފުރަތަމަ ދަތުރު ފާހަގަކުރުމުގެ ގޮތުން ހަނދާނީ ފިލައެއް އަރުވާފައިވޭ-- ފޮޓޯ: އެމްޕީއެލްއެމްއެސް އެމްޕްރެސް އަކީ، 1600 އާއި 1910 ދެމެދުގެ އަދަދަކަށް ފަސިންޖަރުންނާއި 671 ފަޅުވެރިން އުފުލުމުގެ ގާބިލުކަން ލިބިފައިވާ ކްރޫޒް ޝިޕެކެވެ. ދިގުމިނުގައި 689 ފޫޓު ހުންނަ މި ޝިޕުގައި ރެސްޓޯރެންޓަކާއި ބުފޭއެއްގެ އިތުރުން ސްވިމިންގް ޕޫލްތަކާއި، ޖިމެއް، އަދި މޫވީ ތިއޭޓަރެއް ވެސް ހުރެއެވެ.
މިއީ އިންޑިއާގެ ކުންފުންޏެއްގެ ކްރޫޒްލައިނާއެކެވެ. މި ކްރޫޒް ޝިޕު އިމާރާތްކޮށް، ފުރަތަމަ ފަހަރަށް ލޯންޗުކޮށްފައި ވަނީ 1989 އާއި 1990 އާ ދެމެދު، ފްރާންސްގެ ކުންފުންޏަކުންނެވެ.