ޔޮޓުތައް އާންމުކޮށް ބަނދަރުކުރާ އުލިގަމުގައި، ޔޮޓް މެރީނާއެއް ހަދަން ބަޔަކު ހޯދަނީ

އުލިގަމުގައި ޔޮަޓްތަކެއް ބަނދަރުކޮށްފައި: ރާއްޖޭން ބޭރުން އަންނަ ޔޮޓުތައް އެ ރަށް ކައިރީގައި އާންމުކޮށް ބަނދަރުކުރޭ --

ރާއްޖޭގެ އެންމެ އުތުރުން އޮންނަ އުލިގަމުގައި ޔޮޓް މެރީނާއެއް ތަރައްގީކޮށް ހިންގުމަށް ޝައުގުވެރިވާ ފަރާތްތައް ހޯދުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން އެކްސްޕްރެޝަން އޮފް އިންޓަރެސްޓް (އީއޯއައި) ހުށަހެޅުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ.

އެ ކުންފުނިން ބުނި ގޮތުގައި، މި މަޝްރޫއުގެ ބޭނުމަކީ އުލިގަމަކީ ފެންވަރު ރަނގަޅު މެރިޓައިމް އަދި ފަތުރުވެރިކަމުގެ މަންޒިލަކަށް ހެދުމަށްޓަކައި ތަޖުރިބާކާރު މާސްޓަރު ޑިވެލޮޕަރެއް ނުވަތަ އޮޕަރޭޓަރެއް ހޯދުމެވެ.

އެމްޕީއެލްއިން އާންމުކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، މި މަޝްރޫއަށް ބޭނުންވާ 70،471 އަކަމީޓަރުގެ ބިން އުލިގަމު ކައުންސިލާއެކު ވެފައިވާ އެއްބަސްވުމެއްގެ ދަށުން ވަނީ ހަމަޖައްސާފައެވެ. މެރީނާގެ އަސާސީ އުމްރާނީ މަސައްކަތްތައް އެމްޕީއެލްއިން ކުރިއަށްގެންދާއިރު، އޭގެ ތެރޭގައި ފަސް މީޓަރު ފުންމިނުގެ ބޭސިނަކާއި، ބްރޭކްވޯޓާ އަދި އައިއެސްޕީއެސް މިންގަނޑަށް ފެތޭ ބައިނަލްއަގުވާމީ އެންޓްރީ ފެސިލިޓީއެއް ހިމެނެއެވެ.

މި މަޝްރޫއާ ހަވާލުވާ ފަރާތުން މެރީނާ އޮޕަރޭޓްކުރުމުގެ އިތުރުން، ހޮޓާ ނުވަތަ ބުޓީކް ރިސޯޓާއި، ރެސްޓޯރެންޓްތަކާއި، ފަޅުވެރިންނަށް ޚާއްސަ ވަސީލަތްތަކާއި، ވޯޓަސްޕޯޓްސް އަދި ވެލްނެސް ފެސިލިޓީތައް ތަރައްގީކުރަން ޖެހޭނެ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.

މީގެ އިތުރުން، ބައިނަލްއަގުވާމީ ފެންވަރުގައި މި މަންޒިލް އިޝްތިހާރުކޮށް، ޗާޓަރު ކުރާ ކުންފުނިތަކާ ގުޅުން ގާއިމުކުރުމަކީވެސް ޑިވެލޮޕަރުގެ ޒިންމާއެއް ކަމަށް އެމްޕީއެލްއިން ފާހަގަކޮށްފައިވެއެވެ.

އެމްޕީއެލްގެ އިއުލާނުގައި ފާހަގަކޮށްފައިވާ ގޮތުގައި، އިންޑިއާ ކަނޑުގެ މައި ޔޮޓް ރޫޓުތަކުގައި އުލިގަން އޮންނަނީ ވަރަށް މުހިންމު ހިސާބެއްގައެވެ. އިރުދެކުނު އޭޝިއާއާއި، މެދުއިރުމައްޗާއި، އެފްރިކާ އަދި މެޑިޓަރޭނިއަން ގުޅުވައިދޭ މި ރޫޓުން ދަތުރުކުރާ ގިނަ އަދަދެއްގެ ޔޮޓުތައް ކޮންމެ އަހަރަކުވެސް އުލިގަމަށް މަޑުކުރެއެވެ.

އެހެންކަމުން، މިހާރުވެސް އަންނަ ޔޮޓުތަކަށް ރަނގަޅު ނިޒާމެއްގެ ތެރެއިން ޚިދުމަތްދީ، އެކަން ރަސްމީ މެރީނާ އިގުތިސާދަކަށް ބަދަލުކުރުމަކީ މި މަޝްރޫއުގެ މައިގަނޑު އެއް އަމާޒު ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ. އަދި މިއީ އުތުރުގެ އިގުތިސާދު ސިންދަފާތުކޮށް، ފަތުރުވެރިކަން ފުޅާކުރުމަށް އެ ކުންފުނިން ގެންގުޅޭ ދިގު މުއްދަތުގެ ސްޓްރެޓެޖީގެ މުހިންމު ބައެއް ކަމަށްވެސް އެމްޕީއެލްއިން ބުނެފައިވެއެވެ.

މި މަޝްރޫއަށް ޝައުގުވެރިކަން ފާޅުކުރުމުގެ ފުރުސަތު ވަކި ކުންފުނިތަކަށާއި ޖޮއިންޓް ވެންޗާތަކަށް ވެސް ވަނީ ހުޅުވާލާފައެވެ. އެމްޕީއެލްއިން ކަނޑައަޅާފައިވާ ގޮތުން، އީއޯއައި ހުށަހެޅުމުގެ އެންމެ ފަހު ވަގުތަކީ މި މަހުގެ 21 ވަނަ ދުވަހުގެ މެންދުރުފަހު 2:00 އެވެ.

https://sun.mv/219269

ޝައުގުވެރިވާ ފަރާތްތަކުން ހުށަހަޅަންޖެހޭ ލިޔެކިޔުންތަކުގެ ތެރޭގައި ފާއިތުވި ތިން އަހަރުގެ އޮޑިޓްކޮށްފައިވާ މާލީ ބަޔާންތަކާއި، ބޭންކް ރެފަރެންސް ސިޓީއެއް ހިމެނެއެވެ. އަދި ޕްރޮޕޯސަލްތައް ހުށަހަޅަން ޖެހެނީ ޕީޑީއެފް ފޯމެޓުގައި އެ ކުންފުނީގެ ޓެންޑަރ އީމެއިލްއަށެވެ.

މަޝްރޫއާ ގުޅޭގޮތުން ސުވާލެއް އޮތްނަމަ، މި މަހުގެ 16 ވަނަ ދުވަހުގެ މެންދުރުފަހު 2:00 ގެ ކުރިން އީމެއިލް މެދުވެރިކޮށް ހުށަހެޅުމަށް ވަނީ އަންގާފައެވެ. މިއީ ވާދަވެރި ބީލަމުގެ މަރުހަލާގެ ފުރަތަމަ ފިޔަވަހި ކަމަށްވާއިރު، މި މަރުހަލާއިން ޝޯޓްލިސްޓުވާ ފަރާތްތަކަށް ތަފުސީލީ ޓެކްނިކަލް އަދި ފައިނޭންޝަލް ޕްރޮޕޯސަލް ހުށަހެޅުމަށް ރިކުއެސްޓް ފޯ ޕްރޮޕޯސަލް (އާރްއެފްޕީ) ފަހުން ދޫކުރާނެ ކަމަށް އެމްޕީއެލްއިން ބުނެފައިވެއެވެ.

އުލިގަމުގައި ޔޮޓް މެރީނާއެއް ހަދަން އެމްޕީއެލާއި އުލިގަމު ކައުންސިލާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފައިވަނީ އޮގަސްޓު 1، 2024ގައެވެ.

އުލިގަމަކީ ރާއްޖޭން ބޭރުން އަންނަ ޔޮޓުތައް އާންމުކޮށް ބަނދަރުކުރާ މަންޒިލެކެވެ. އުލިގަމަށް ޚާއްސަ އިގުތިސާދީ މަސައްކަތެއްގެ ގޮތުގައި ޔޮޓް މެރީނާއެއް ތަރައްގީކޮށް އެ ޚިދުމަތް ފުޅާކޮށް، އިގުތިސާދީ ނަފާ ހޯދުމަކީ ސަރުކާރުގެ އަމާޒެކެވެ.

comment ކޮމެންޓް