ނަފުސާނީ ބަލީގެ ހޮސްޕިޓަލް ހުޅުމާލޭގައި އިމާރާތްކޮށްދޭނެ ފަރާތެއް ހޯދަނީ

ހުޅުމާލޭގެ ދެ ފިޔަވަހި : -- ފޮޓޯ: އެޗްޑީސީ

ސަރުކާރުން ޚަރަދުކޮށް އިމާރާތްކުރާ ނަފުސާނީ ބަލީގެ ނުވަތަ މެންޓަލް ހެލްތު ހޮސްޕިޓަލް އިމާރާތްކޮށްދޭނެ ބަޔަކު ހޯދަން ފިނޭންސް މިނިސްޓްރީން މިއަދު އިއުލާނުކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީގެ އިއުލާނެއްގައިވަނީ، ހައުސިން މިނިސްޓްރީގެ އެދުމުގެ މަތިން ނަފުސާނީ ބައްޔަށް ޚާއްސަ، 50 އެނދުގެ އެ ހޮސްޕިޓަލު އިމާރާތްކޮށްދޭނެ ފަރާތެއް ހޯދަން ބީލަން ހުށަހެޅުމުގެ ފުރުސަތު މިއަދު ހުޅުވައިލާ ކަމަށެވެ.

އެ ބީލަމުގައި ބައިވެރިވުމަށް 1،500 ރުފިޔާ ދައްކަން ޖެހޭނެއެވެ. މިއަދުން ފެށިގެން އަންނަ އޮކްޓޯބަރު މަހުގެ 20ވަނަ ދުވަހުގެ ނިޔަލަށް އެ ފައިސާ ދައްކަންޖެހޭނީ ފިނޭންސް މިނިސްޓްރީގެ އޮންލައިން ޕޭމަންޓް ޕޯޓަލް ބަނޑޭރިޕޭ މެދުވެރިކޮށެވެ. އަދި ފައިސާ ދެއްކުމަށްފަހު ފައިސާގެ ރަސީދު ހިމެނޭހެން ބީލަމުގައި ދަފުތަރުވާން އެދޭ ފަރާތުގެ މައުލޫމާތު އީމެއިލްކުރުމަށް މިނިސްޓްރީން އެދެއެވެ.

މިނިސްޓްރީން ބުނި ގޮތުގައި ބިޑް ސެކިއުރިޓީގެ ގޮތުގައި 864،000 ރުފިޔާ، ބީލަމަށް ހުޅުވާ ދުވަހުން ފެށިގެން 148 ދުވަހުގެތެރޭ ހުށަހަޅަން ޖެހޭނެއެވެ.

އިއުލާނުގައިވާ ގޮތުން ހޮސްޕިޓަލު އިމާރާތްކުރުމުގެ މަސައްކަތް ކޮށްދިނުމަށް އެދޭ ފަރާތްތަކުން ބީލަން ހުށަހަޅަންޖެހޭނީ ބީލަން ޕޯޓަލް މެދުވެރިކޮށް، އަންނަ މަހުގެ 25ވަނަ ދުވަހުގެ މެންދުރުފަހު އެކެއް ޖެހުމުގެ ކުރިންނެވެ.

ފާހަގަކުރެވޭ ގޮތުގައި، ބޭރު ގައުމުތަކުން ލޯނު ނުލިބުމުގެ ސަބަބުން ސަރުކާރުގެ ޚަރަދުގައި މެންޓަލް ހެލްތު ހޮސްޕިޓަލު އަޅަން ސަރުކާރުން ނިންމައިފައިވާކަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވީ މިދިޔަ އޭޕްރިލް މަހުގެ 27ވަނަ ދުވަހު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

https://sun.mv/221169

ރައީސް ވިދާޅުވީ، މެންޓަލް ހެލްތު ހޮސްޕިޓަލް ގާއިމުކުރަން އޭރު ނިންމީ ބޭރުގެ އެހީތެރިކަމާ އެކު ކަމަށާއި، ބޭރުގެ ލޯނުގެ އެހީތެރިކަމާ އެކު ހޮސްޕިޓަލް ގާއިމުކުރުމަށް ގިނަ މަސައްކަތްތަކެއް ސަރުކާރުން ކުރި ކަމަށެވެ.

"ނަމަވެސް އެ ޕްރޮސީޖާ ދިގުކަމުން މީގެން ލޯނެއް ހަމަޖެހިގެން މި ކަހަލަ އެއްވެސް ޕްރޮޖެކްޓެއް ނުފެށި ލަސްވަމުން ދާތީ، އަދި މި މައްސަލައަކީ އިތުރު އެހީތެރިކަމެއް ބޭނުންވާ ހިސާބަށް ގޮސްފައިވާ މައްސަލައެއް ކަމަށް ވާތީ، އަޅުގަނޑުމެން މިހާރު މަޝްވަރާކޮށްފައި ސަރުކާރުގެ ސީދާ ބަޖެޓުން މެންޓަލް ހެލްތު ހޮސްޕިޓަލް އެޅުމަށް މިހާރު މި ނިންމީ،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ސަރުކާރުން މަސައްކަތްކުރާނީ މެންޓަލް ހެލްތު ހޮސްޕިޓަލް އިމާރާތްކުރުމަށް ހޯދަން މަސައްކަތްކުރި ލޯނު ފެސިލިޓީ، ސިއްހީ ދާއިރާގެ އެހެން ކަމަކަށް ބަދަލުކުރުމަށް ކަމަށެވެ.

https://sun.mv/223747

އޭގެ ގާތްގަނޑަކަށް ދެ މަސް ފަހުން ރައްޔިތުންގެ މަޖިލީހުގައި ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުޙައްމަދު އިބްރާހީމް (ކުޑޫ) ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ހެލްތު މިނިސްޓަރު ޤީލާ ޢަލީ ވިދާޅުވީ މެންޓަލް ހެލްތު ހޮސްޕިޓަލެއް އިމާރާތްކުރަން 10,000 އަކަފޫޓުގެ ބިމެއް މިހާރު ކަނޑައަޅައިފައިވާ ކަމަށެވެ.

ޤީލާ ވިދާޅުވީ، ނަފުސާނީ ފަރުވާ ދިނުމަށް އެ ދާއިރާގެ އެކި ފަންނުތަކުގެ މީހުން ތިބެން ޖެހޭ ކަމަށެވެ.

"އަދި މާލެ ސަރަހައްދުގައި މިފަދަ ހޮސްޕިޓަލެއް އަޅަން މި ޖެހެނީ ގިނަ ރިސޯސްތައް މާލޭގައި ހުރީ، އަދި މިފަދަ ބަލިމީހުންނަށް ބޭނުންވާ ތަފާތު ޓެސްޓުތަކާއި ދޭންޖެހޭ ފަރުވާތައް ޖަމާވެފައިވަނީ މާލެ ސަރަހައްދަށް ކަމަށް ވާތީ،" ޤީލާ ވިދާޅުވިއެވެ.

މެންޓަލް ހެލްތު ހޮސްޕިޓަލް ފުރަތަމަ ގާއިމްކުރަން ނިންމީ ލ. ގަމުގައެވެ.

comment ކޮމެންޓް