ދުނިޔޭގެ ފަތުރުވެރިކަމުގެ ސިނާއަތުގެ އެންމެ ޝަރަފުވެރި އެއް އެވޯޑު ހަފުލާ ކަމަށްވާ، އަންނަ އާދީއްތަ ދުވަހު އޮންނަ "ވޯލްޑް ޓްރެވަލް އެވޯޑްސް އޭޝިއާ، އޯޝެނިއާ އެންޑް އިންޑިއަން އޯޝަން ގާލާ 2026"ގެ ޕްލެޓިނަމް ޓައިޓަލް ސްޕޮންސަރަކަށް ގައުމީ ބޭންކު ބީއެމްއެލް ހަމަޖައްސައިފިއެވެ.
ރާއްޖޭގައި އެންމެ ފަހުން ޓްރެވަލް އެވޯޑްސް ބާއްވައިފައި ވަނީ މީގެ 10 އަހަރު ކުރިންނެވެ.
ކްރޮސްރޯޑްސްގައި ބާއްވަން ހަމަޖެހިފައިވާ މި އެވޯޑު ހަފުލާގައި ފަތުރުވެރިކަމުގެ ސިނާއަތުގައި ހިމެނޭ 40އަށް ވުރެ ގިނަ ގައުމުގެ އިސް މަންދޫބުން ބައިވެރިވާ މި ޝަރަފުވެރި ހަފްލާ ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާއިރު މި ހަފުލާގައި ބައިވެރިވުމަކީ ބޭންކަށް ލިބޭ ވަރަށް ބޮޑު ޝަރަފެއްގެ ގޮތުގައި ބީއެމްއެލުން ވަނީ ސިފަކޮށްފައެވެ.
ބީއެމްއެލުން ބުނީ، މި ހަފުލާގައި ދުނިޔޭގެ މަޝްހޫރު ހޮޓެލްތަކާއި ރިސޯޓުތަކުގެ އިސްވެރިންނާއި ފަތުރުވެރިކަމުގެ ބޯޑުތަކާއި ސަރުކާރުތަކުގެ މަންދޫބުންގެ އިތުރުން، އެ ދާއިރާގެ އިންވެސްޓަރުންނާއި އެއާލައިންތަކާއި އޭވިއޭޝަން ދާއިރާގެ އިސް ފަރާތްތަކާއި ބައިނަލްއަގުވާމީ ޓްރެވަލް މީޑިއާތަކުން ބައިވެރިވާނެ ކަމަށެވެ.
ރާއްޖޭގެ ފަތުރުވެރިކަން ކުރިއަރުވާ ސަރުކާރު ކުންފުނި ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނާއެކު އެކުލަވައިލި އެއްބަސްވުމުގެ ސަބަބުން ރާއްޖެއާއި ބައިނަލްއަގުވާމީ ފަތުރުވެރިކަމުގެ ދާއިރާގެ އިސް ފަރާތްތަކާއެކު ގުޅުން ބަދަހިކޮށް، ގާތުން މަސައްކަތްކުރުމުގެ ފުރުސަތު ބީއެމްއެލަށް ފަހިވެގެންދާނެ ކަމަށް އެ ބޭންކުން ބުންޏެވެ.
ވާރލްޑް ޓްރެވަލް އެވޯޑްސްއަކީ ދުނިޔޭގެ ފަތުރުވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް، އެންމެ ކުރިއަރާފައިވާ ފަތުރުވެރި މަންޒިލްތަކާއި، ޖަމިއްޔާތަކާއި، އަދި ބްރޭންޑްތައް ފާހަގަކޮށް އަގުވަޒަންކުރުމަށް ބައިނަލްއަގުވާމީ ފެންވަރުގައި ދެވޭ އެންމެ ޝަރަފުވެރި އެއް އެވޯޑެވެ.
މި އެވޯޑުގެ އޭޝިއާ، އޯޝޭނިއާ އެންޑް އިންޑިއަން އޯޝަން 2026 ގެ އެޑިޝަން ރާއްޖޭގައި ބޭއްވުމަކީ ދުނިޔޭގެ ލީޑިން ޑެސްޓިނޭޝަނެއްގެ ގޮތުގައި ރާއްޖޭގެ ބްރޭންޑް އިތުރަށް ވަރުގަދަކުރުމަށް ލިބޭނެ މުހިންމު ފުރުސަތެކެވެ.