ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ އުފެއްދުންތައް ބޭރު ގައުމުތަކުގައި ވިއްކާ ފަރާތްތަކުން އަންނަ މަހުން ފެށިގެން އަމަލުކުރަންޖެހޭ ޓެކްސްގެ އައު އުސޫލުތަކުގެ ސަބަބުން ވިޔަފާރިތަކަށާއި ހިންގުމަށް ކުރާނެ އަސަރުތައް ވަޒަންކުރުމަށްޓަކައި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އޭޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ) އިން "ޓީޖީއެސްޓީ ޑެސްޓިނޭޝަން ޕްރިންސިޕަލް އިމްޕެކްޓް ސަވޭ" އެއް ފަށައިފިއެވެ.
މިއީ މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން އާންމުކޮށްފައިވާ އިރުޝާދުތަކުގައިވާ ގޮތަށް، ރާއްޖެއަށް އަންނަ ފަތުރުވެރިކަމުގެ އުފެއްދުންތަކާއި، އެއާ ގުޅުންހުރި ބުކިންގް ނުވަތަ އޭޖެންސީ ހިދުމަތްތަކާ ގުޅޭގޮތުން ގެންނަ ބަދަލުތަކެކެވެ.
މި ސަވޭގައި ބައިވެރިވުމުގެ ފުރުސަތު މަޓާޓޯ އިން ވަނީ ރާއްޖެއާއި ރާއްޖެއިން ބޭރުގެ ޓްރެވަލް އޭޖެންޓުން، ޓުއާ އޮޕަރޭޓަރުން، ރިސޯޓު، ހޮޓާ، ގެސްޓްހައުސް، އޮންލައިން ޓްރެވަލް އޭޖެންސީ (އޯޓީއޭ)، ބެޑް ބޭންކު، އެއާލައިން އަދި ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ އެހެނިހެން ހުރިހާ ވިޔަފާރިތަކަށް ވެސް ހުޅުވާލާފައެވެ.
މި ކުރު ސަވޭގެ މައިގަނޑު މަގުސަދަކީ އަގުތަކަށާއި، އެއްބަސްވުންތަކަށާއި، ބުކިންގްތަކަށާއި، ފައިދާގެ މިންވަރަށް، ގަވާއިދުތަކަށް ބޯލެބުމަށް ހިނގާނެ ހަރަދުތަކަށާއި، މަންޒިލެއްގެ ގޮތުގައި ރާއްޖޭގެ ވާދަވެރިކަމަށް ކުރާނެ އަސަރުތައް ދެނެގަތުން ކަމަށް މަޓާޓޯއިން ބުނެއެވެ.
މީގެ އިތުރުން، ގެއްލިގެން ހިނގައިދާނެކަމަށް އަންދާޒާކުރެވޭ އަހަރީ އާމްދަނީގެ މިންވަރާއި، މި ބަދަލުތަކަށް ފުރިހަމައަށް ތައްޔާރުވުމަށް ވިޔަފާރިތަކަށް އެކަށީގެންވާ ވަގުތު ލިބިފައިވޭތޯ ބެލުންވެސް މި ދިރާސާގައި ހިމެނެއެވެ.
މިއީ މަޓާޓޯ އިން ކުރިންވެސް ކުރިއަށްގެންދިޔަ ދާއިރާގެ ސަވޭތަކާއި ހިއްސާދާރުންގެ މަޝްވަރާތަކުގެ މައްޗަށް ބިނާކޮށް، ހެކީގެ އަލީގައި ވަކާލާތުކުރުމަށް އެ އެސޯސިއޭޝަނުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ހިންގާ ހަރަކާތެކެވެ.
މި ސަވޭއިން ލިބޭ ޖަވާބުތަކުގެ އެހީގައި، ދިމާވާ ގޮންޖެހުންތަކުން އަރައިގަތުމަށާއި ފަތުރުވެރިކަމުގެ ދާއިރާއަށް އެހީތެރިވުމަށްޓަކައި އެޅިދާނެ އަމަލީ ފިޔަވަޅުތަކާ ގުޅޭގޮތުން ސަރުކާރަށާއި ދާއިރާގެ ހިއްސާދާރުންނަށް ހުށަހެޅުންތައް ހުށަހެޅުމަށް ވަނީ ހަމަޖެހިފައެވެ.
ފަތުރުވެރިކަމުގެ ސަޕްލައި ޗެއިންގެ ހުރިހާ ފަންތިއަކަށް މީގެއިން ކުރާނެ އަސަރުތައް ދެނެގަތުމާއި، ދިވެހި ވިޔަފާރިތަކާއި ބޭރުގެ ބައިވެރިންގެ ކަންބޮޑުވުންތަކަށް މަންޒިލްގެ މުސްތަގުބަލާ ގުޅޭ މަޝްވަރާތަކުގައި ފުރުސަތު ދިނުމަކީ މުހިންމު ކަމެއްކަން މަޓާޓޯ އިން ފާހަގަކުރެއެވެ.
އެހެންކަމުން، ފަތުރުވެރިކަމުގެ ދާއިރާގެ ހުރިހާ ހިއްސާދާރުން ވެސް ވީ އެންމެ އަވަސް ފުރުސަތެއްގައި މި ސަވޭ ފުރިހަމަކުރުމަށް އެ ޖަމިއްޔާއިން އިލްތިމާސްކުރެއެވެ. މި ސަވޭ ފުރިހަމަކުރާއިރު ގުޅޭނެ ތަފްސީލު ފޯރުކޮށްދިނުމަކީ މަޖުބޫރު ކަމެއް ނޫންކަމަށް ވެސް މަޓާޓޯއިން ބުނެއެވެ.
ފާހަގަކުރެވޭ ގޮތުގައި އަންނަ މަހުން ފެށިގެން ބޭރުގެ ޓްރެވަލް އެޖެންޓުންގެ އަތުން ޓެކްސް ނަގާ ގޮތަށް ޖީއެސްޓީ ގާނޫނަށް ގެނައި އިސްލާހާއި މެދު ކަންބޮޑުވުން ފާޅުކޮށް، އެ އިސްލާހަށް އަމަލުކުރުން ފަސްކުރުމަށް ޔޫރަޕްގެ ޓުއާ އޮޕަރޭޓަރުންނާއި ޓުއާ އެޖެންޓުން ތަމްސީލްކުރާ ބައެއް އެސޯސިއޭޝަންތަކުން ދިވެހި ސަރުކާރާއި މީރާގައި އަންގާރަ ދުވަހު ވަނީ އެދިފައެވެ.
ޖީއެސްޓީ ގާނޫނަށް އަށް ވަނަ އިސްލާހު ގެނައުމުގެ މި ބިލު ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކުރައްވާފައިވަނީ މިދިޔަ މަހުގެ 31 ގައެވެ.
މި އިސްލާހާ ގުޅިގެން ކުރިމަތިވާނެ މާލީ އަދި އިދާރީ ގޮންޖެހުންތަކާ މެދު ކަންބޮޑުވުން ފާޅުކޮށްފައިވަނީ ފްރާންސްގެ ޓްރެވަލް އެޖެންސީތަކާއި ޓުއާ އޮޕަރޭޓަރުން ތަމްސީލުކުރާ ޖަމިއްޔާ 'ލޭޒް އަންޓްރްޕްރީޒް ޑޫ ވޮޔާޖް' (އީޑީވީ)، ވިޔަފާރި ޔޫނިއަން ސިންޑިކާ ޑެޒް އަންޓްރަޕްރީޒް ޑޫ ޓުއާ އޮޕަރޭޓިން (ސެޓޯ) އަދި އިޓަލީގެ ޓުއާ އޮޕަރޭޓަރުން ތަމްސީލުކުރާ އެސްޓޯއީ ކޮންފިންޑޫސްޓްރިއާ ވިއާގީންނެވެ.
އިޓަލީގެ އެސްޓޮއިގެ ރައީސް ޕިއާ އެޒާޔާ ސޮއިކުރައްވައި ރައީސުލްޖުމްހޫރިއްޔާއަށާއި ޓޫރިޒަމް މިނިސްޓަރަށް ފޮނުއްވި ސިޓީގައި ފާހަގަކުރައްވާފައިވަނީ، އަހަރެއްގެ މައްޗަށް 153،000 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރާ އިޓަލީ މާކެޓަކީ ދިވެހި ފަތުރުވެރިކަމުގެ މުހިންމު ސޯސް މާކެޓެއް ކަމަށެވެ.
އަދި ރާއްޖޭގެ މާލީ ސިޔާސަތު ކަނޑައެޅުމުގެ އިހުތިޔާރު އޮތް ނަމަވެސް، މި އިސްލާހު ތަންފީޒުކުރުމަށް ދީފައިވަނީ އެކަށީގެންނުވާ ކުރު މުއްދަތެއް ކަމަށް ބަޔާންކޮށްފައިވެއެވެ.