މާލޭ، ސަބުދެރިޔާމަގުގައި ދެ ސައިކަލުޖެހި ހިނގި އެކްސިޑެންޓެއްގައި އެއް ސައިކަލު ކޮންޓްރޯލްނުވެ ގޮސް ފިހާރައެއްގެ ބިއްލޫރިގަނޑަކަށް އަރައި، އެ ސައިކަލުގައި އިން މީހާއަށް އަނިޔާވެއްޖެއެވެ.
ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނީ މާލޭ، ސަބުދެރިޔާމަގުގައި ދެ ސައިކަލުޖެހި ހިނގި އެކްސިޑެންޓެއްގައި އެއް ސައިކަލު ކޮންޓްރޯލްނުވެ ގޮސް ފިހާރައެއްގެ ބިއްލޫރިގަނޑުގައި ޖެހި އެކްސިޑެންޓްވެފައިވާ ކަމަށެވެ. އަދި ސައިކަލުގައި އިން މީހާއަށް އަނިޔާވުމާ ގުޅިގެން އެމީހާއަށް ހޮސްޕިޓަލްގައި ދަނީ ފަރުވާ ދެމުން ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މި ހާދިސާއާ ގުޅޭ އިތުރު މައުލޫމާތު ފަހުން ހިއްސާކުރާނެ ކަމަށެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއިން ފެންނަ ގޮތުގައި ސައިކަލު ކޮންޓްރޯލް ނުވެ، ގޮސް ފިހާރައިގެ ބިއްލޫރިގަނޑަށް ވަނީ ވަރަށް ބޮޑަށް އަރައި، ފިހާރަ ތެރެއަށް ސައިކަލު ވަދެފައެވެ. އަދި ސައިކަލަށް ވެސް އެކި ވަރުގެ ގެއްލުން ވެފައިވެއެވެ.