ތެޔޮ އެތެރެކުރުމަށް ހިނގާ ޚަރަދު ކުޑަ ކުރުން ހިމެނޭހެން، ރައީސާއި ވޯލްޑް ބޭންކްގެ މަޝްވަރާތަކެއް

ދެ ބޭފުޅުންގެ ބައްދަލުވުން: ތެލުގެ ޚަރަދު ކުޑަ ކުރުމާ ގުޅޭ ގޮތުން މަޝްވަރާކުރެއްވި -- ފޮޓޯ/ ރައީސް އޮފީސް

ރާއްޖެއަށް ތެޔޮ އެތެރެކުރުމަށް ހިނގާ ޚަރަދު ކުޑަ ކުރުމުގެ ވާހަކަފުޅުތައް ހިމެނޭހެން، ރައީސް ޑރ. މުޙައްމަދު މުއިއްޒު ވޯލްޑް ބޭންކާ މިއަދު މަޝްވަރާކުރައްވައިފިއެވެ.

ވޯލްޑް ބޭންކުން ދެކުނު އޭޝިއާ ސަރަޙައްދަށް ކަނޑައަޅާފައި ހުންނަވާ ނައިބު ރައީސް ޔޮހާނަސް ޒުޓް، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހަށް މިއަދު ހެނދުނު އިޙްތިރާމުގެ ޒިޔާރަތެއް ވަނީ ކުރައްވައިފައެވެ. ރައީސް އޮފީހުން ބުނި ގޮތުގައި އެ ބައްދަލުކުރެއްވުން އޮތީ ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ގެކޮޅު، މުލީއާގޭގައެވެ.

ރައީސް އޮފީހުން ބުނީ، އެ ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ވޯލްޑް ބޭންކުން ރާއްޖެއަށް މެދުކެނޑުމެއްނެތި ދެމުންގެންދާ އެއްބާރުލުން ފާހަގަކުރައްވައި، އެކަމަށް ޝުކުރު އަދާކުރައްވާފައި ކަމަށެވެ. އަދި ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމާއި ހަކަތައިގެ ދާއިރާ ހަރުދަނާކުރުން ހިމެނޭހެން، ސަރުކާރުން އިސްކަންދޭ މުހިންމު ތަރައްގީގެ ދާއިރާތަކާ ގުޅޭގޮތުން ދެ ބޭފުޅުން މަޝްވަރާކުރެއްވިކަން އެ އޮފީހުން ހާމަކުރިއެވެ.

މީގެ އިތުރުން، އެ ކަންކަން ކުރިއެރުވުމަށާއި، ރާއްޖޭގެ ތަރައްގީގެ ފުޅާ ލަނޑުދަނޑިތައް ޙާޞިލުކުރުމުގައި ދެ ފަރާތުގެ ދެމެހެއްޓެނިވި ގުޅުމުގެ މުހިންމުކަން ރައީސް ފާހަގަކުރެއްވި ކަމަށް އެ އޮފީހުން ބުންޏެވެ.

ދެ ބޭފުޅުންގެ ބައްދަލުވުން: ޞިއްޙީ ދާއިރާއަށް އެހީތެރިކަން ފޯރުކޮށްދިނުމާ ގުޅޭ ގޮތުން މަޝްވަރާކުރެއްވި -- ފޮޓޯ/ ރައީސް އޮފީސް

ރައީސް އޮފީހުން ބުނި ގޮތުގައި، ބޭރުން އެތެރެކުރާ ފޮސިލް ފިއުލަށް ބަރޯސާވާ މިންވަރު ކުޑަކުރުމަށާއި، ތެޔޮ އެތެރެކުރުމަށް ހިނގާ ޚަރަދު ކުޑަކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން އިއާދަކުރަނިވި ހަކަތަ ބޭނުންކުރާ މިންވަރު އިތުރުކުރުމަށް އެ ބައްދަލުވުމުގައި ޚާއްޞަ ސަމާލުކަމެއް ދެއްވިއެވެ. އެގޮތުން، އަތްފޯރާ އަގެއްގައި އިތުބާރު ހިފޭ އަދި ދެމެހެއްޓެނިވި ހަކަތައިގެ ޙައްލުތަކެއް ހޯދުމުގެ މުހިންމުކަމާއި، މި ދާއިރާއިން އިތުރަށް ގުޅުން ބަދަހިކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުން ދެ ބޭފުޅުން ޚިޔާލު ބަދަލުކުރެއްވިކަން އެ އޮފީހުން ފާހަގަކުރިއެވެ.

މީގެ އިތުރުން، ޞިއްޙީ ދާއިރާއަށް އެހީތެރިކަން ފޯރުކޮށްދިނުމާއި، ރާއްޖޭގެ ތަރައްޤީގެ ލަނޑުދަނޑިތައް ޙާޞިލުކުރުމާ ގުޅޭގޮތުން ވެސް މި ބައްދަލުކުރެއްވުމުގައި މަޝްވަރާކުރެއްވިއެވެ. އަދި ޚަރަދުތައް ކުޑަކުރަމުންދާއިރު، ތަރައްޤީގެ މަސައްކަތްތަކަކީ ދެމެހެއްޓެނިވި އަދި ޤައުމުގެ ދުރު ރާސްތާގެ ބޭނުންތަކަށް ރިޢާޔަތްކުރެވިގެން ހިންގޭ މަޝްރޫޢުތަކަކަށް ހެދުމުގެ މުހިންމުކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ހަމައެއާއެކު، މިހާރު ކުރިއަށްދާ މަޝްރޫޢުތަކާއި ކުރިއަށް ރޭވިފައިވާ ތަރައްޤީގެ މަސައްކަތްތަކަށް ސަރުކާރުން އަބަދުވެސް އެއްބާރުލުން ދެނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ. އަދި މިފަދަ މަސައްކަތްތައް ފުރިހަމަކުރުމުގައި އަމިއްލަ ވިޔަފާރިތަކުގެ ދައުރު މުހިންމުކަންވެސް އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި ވޯލްޑް ބޭންކުގެ ސަރަޙައްދީ ނައިބު ރައީސް ޒުޓް ވަނީ، އެ ބޭންކަށް އެހީތެރިކަން ފޯރުކޮށްދެވެން ހުރި ދާއިރާތަކުން ރާއްޖެއަށް އެއްބާރުލުން ދިނުމަށް އަބަދުވެސް ތައްޔާރަށް އޮތްކަމުގެ ޔަޤީންކަން ދެއްވާފައެވެ. އަދި ބޭރުން ތެޔޮ އެތެރެކުރުމަށް ބަރޯސާވާ މިންވަރާއި، އެކަމާ ގުޅިގެން ކުރިމަތިވާ ނާޒުކު ޙާލަތްތައް ކުޑަކުރުމަށްޓަކައި، އިއާދަކުރަނިވި ހަކަތައިގެ ބޭނުން ހިފުމުގެ ފުރުޞަތު ފުޅާދާއިރާއެއްގައި އޮތްކަން އޭނާ ފާހަގަކުރެއްވި ކަމަށް ރައީސް އޮފީހުން ހާމަކުރިއެވެ.

https://sun.mv/223705

ވޯލްޑް ބޭންކުން ނެރުނު އެންމެ ފަހުގެ ރިޕޯޓުގައި ވަނީ، ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގުތައް އުފުލެމުންދާތީ އޭގެ ނޭދެވޭ އަސަރު ރާއްޖޭގެ އިގްތިސާދަށް ކުރާނެ ކަމުގެ އިންޒާރު ދީފައެވެ. އަދި، 2028 ވަނަ އަހަރާ ހަމައަށް އިންފްލޭޝަން ރޭޓް ހަތަރެއް އިންސައްތައަށް ވުރެ މަތީގައި ހުންނާނެ ކަމަށް ބެލެވޭތީ، ރާއްޖޭން އިމްޕޯޓަށް ބޭނުންވާ ބޭރު ފައިސާ އިތުރުވެ، ފޮރިން އެކްސްޗޭންޖަށް އޮތް ޕްރެޝަރު ބޮޑުވާނެ ކަމަށް ވޯލްޑް ބޭންކުން ބުނެފައިވެއެވެ.

ރާއްޖެއަކީ އިމްޕޯޓަށް ވަރަށް ބޮޑަށް ބަރޯސާވެފައިވާއިރު، ތެޔޮ އިމްޕޯޓުކުރަން ވަރަށް ބޮޑު ޚަރަދެއް ކުރަން ޖެހެއެވެ. އެގޮތުން މިދިޔަ އަހަރު ތެޔޮ އިމްޕޯޓް ކުރުމަށް 10 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށް ސަރުކާރުން މީގެ ކުރިން ހާމަކޮށްފައިވެއެވެ.

comment ކޮމެންޓް