މެދުއިރުމަތީގެ ހަމަނުޖެހުމުގެ ސަބަބުން ރާއްޖޭގައި ތަކެތީގެ އަގުތައް ހަ އިންސައްތައަށް އިތުރުވުމުގެ ފުރުސަތު އެބައޮތް ކަމަށް ވޯލްޑް ބޭންކުން ހާމަކޮށްފިއެވެ.
ވޯލްޑް ބޭންކުން ނެރުނު އެންމެ ފަހުގެ ރިޕޯޓުގައި ބުނެފައިވަނީ، ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގުތައް އުފުލެމުންދާތީ އޭގެ ނޭދެވޭ އަސަރު ރާއްޖޭގެ އިގްތިސާދަށް ކުރާނެ ކަމަށެވެ.
ވޯލްޑް ބޭންކުގެ ރިޕޯޓުގައިވާ ގޮތުން، ހަނގުރާމައާ ގުޅިގެން ޓޫރިޒަމް ދާއިރާ ހީނަރުވެފައިވާތީ މިއަހަރު ރާއްޖޭގެ އިގްތިސާދު ކުރިއަރާނެ ކަމަށް ލަފާކުރެވެނީ 0.7 އިންސައްތަށެވެ. މިއީ މިދިޔަ އަހަރު އިގްތިސާދު ކުރިއެރި 6.3 އިންސައްތައާ އަޅާބަލާއިރު ބޮޑު ދަށަށް ދިއުމެކެވެ. ނަމަވެސް، އަންނަ އަހަރު ޓޫރިޒަމް ދާއިރާ އަލުން ރަނގަޅުވެ، އިގްތިސާދު 6.7 އިންސައްތައިގައި ކުރިއަރާނެ ކަމަށް ލަފާކުރެވޭ ކަމަށް ވެސް އެ ބޭންކުން ބުނެއެވެ.
އެ ބޭންކުން ބުނެފައިވާ ގޮތުން ޓޫރިޒަމް ދާއިރާ ދަށަށް ގޮސް އިގްތިސާދު ދައްވެފައިވަނީ މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ވައިގެ ސަރަހައްދުތައް ބަންދުކުރުމާއި ފްލައިޓްތައް ކެންސަލްކުރުން ފަދަ ދަތިތަކުގެ ސަބަބުންނެވެ.
ތަކެތީގެ އަގުތައް އުފުލުމުގެ ސަބަބުން އެންމެ ބޮޑު ތަކްލީފެއް އުފުލަން ޖެހޭނީ އަތޮޅުތެރޭގައި ދިރިއުޅޭ ރައްޔިތުންނަށް ކަމަށް ވޯލްޑް ބޭންކުން ފާހަގަކުރެއެވެ.
"ކާބޯތަކެތީގެ އަގު ގާތްގަނޑަކަށް 10 އިންސައްތައަށް އުފުލޭނެ ކަމަށް ލަފާކުރާއިރު، އެއާ އެކު ރާއްޖޭގެ ފަގީރުކަން 1.6 އިންސައްތައަށް އިތުރުވުމުގެ ފުރުސަތު އެބައޮތް،" ވޯލްޑް ބޭންކްގެ ރިޕޯޓުގައި ބުނެފައިވެއެވެ.
އިންފްލޭޝަން މައްޗަށް ދިޔަ ނަމަވެސް، ސަރުކާރުން ދޭ ސަބްސިޑީތަކުގެ ސަބަބުން އަގުތައް ކޮންޓްރޯލް ކުރުމަށް ކޮންމެވެސް ވަރެއްގެ އެހީތެރިކަމެއް ލިބޭނެކަން ވެސް ފާހަގަކޮށްފައިވެއެވެ.
މީގެ އިތުރުން، 2028 ވަނަ އަހަރާ ހަމައަށް އިންފްލޭޝަން ރޭޓް ހަތަރެއް އިންސައްތައަށް ވުރެ މަތީގައި ހުންނާނެ ކަމަށް ބެލެވޭތީ، އިމްޕޯޓަށް ބޭނުންވާ ބޭރު ފައިސާ އިތުރުވެ، ފޮރިން އެކްސްޗޭންޖަށް އޮތް ޕްރެޝަރު ބޮޑުވާނެ ކަމަށް ވޯލްޑް ބޭންކުން އިންޒާރުދެއެވެ. މިދިޔަ އެއް އަހަރު ދުވަހުގެ ތެރޭގައި ވެސް ކާބޯތަކެއްޗާއި މަހުގެ ބާވަތްތަކުގެ އަގުތައް ވަނީ ރެކޯޑް މިންވަރަކަށް އުފުލިފައެވެ.
ރާއްޖެއަކީ އިމްޕޯޓަށް ބަރޯސާވާ ގައުމަކަށް ވާތީ، ދުނިޔޭގެ ބާޒާރަށް އަންނަ ކޮންމެ ލޮޅުމެއްގެ އަސަރު ގޭބީސީތަކުގެ އާންމު ހާލަތަށް ކުރާނެ ކަމަށް ވޯލްޑް ބޭންކުން ބުނެއެވެ.
މި ހާލަތުން އަރައިގަތުމަށްޓަކައި އިގްތިސާދީ ގޮތުން ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަކީ މުހިންމު ކަމެއްގެ ގޮތުގައި އެ ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ.