މިފްކޯ ފިހާރަތަކުން މަސްދަޅު ލިބުން ދަތިވެއްޖެ: "ވިއްކުން ކޮންޓްރޯލް ކުރަނީ އެންމެންނަށް ލިބޭކަން ކަށަވަރުކުރަން"

ތެޔޮ މަސްދަޅުތަކެއް: ---- ފޮޓޯ/ އެޕިކް ސްޓޯރު

ރާއްޖޭގެ މަސްވެރިކަން މި ދުވަސްވަރު ވަރަށް ބޮޑަށް ދަށްވުމާ ގުޅިގެން، މާލެ ސަރަހައްދުގައި ހުންނަ މިފްކޯގެ ފިހާރަތަކުން މަސްދަޅު ލިބުމުގައި ދަތިތަކާ ކުރިމަތިވެ، މަސްދަޅު ވިއްކާ އަދަދު ލިމިޓްކޮށްފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، މި ދުވަސްވަރަކީ މުޅި ރާއްޖޭގައި ވެސް މަސްވެރިކަން ވަރަށް ބޮޑަށް ދަށްވެފައިވާ ދުވަސްވަރެކެވެ. އޭގެ ސަބަބުން މިފްކޯއަށް މަސް ކިރާ މިންވަރު އެހެން މަސްމަހާ އަޅައިބަލާއިރު ވަނީ ވަރަށް ބޮޑަށް މަދުވެފައެވެ. މިކަމާ ގުޅިގެން މާލެއާއި ހުޅުމާލޭގައި ހުންނަ މިފްކޯގެ މަސް ފިހާރަތަކުން، ޚާއްސަކޮށް ތެޔޮ މަސްދަޅު ހޯދުމުގައި އާންމުންނަށާއި ވިޔަފާރިވެރިންނަށް ބޮޑެތި ދަތިތަކަކާ ވަނީ ކުރިމަތިލާން ޖެހިފައެވެ. އެގޮތުން ގިނަ އަދަދަކަށް މަސްދަޅު ގަތުމަށް ދަތިތަކެއް ހުރިކަން ގިނަ ފަރާތްތަކަކުން އަންނަނީ ފާހަގަކުރަމުންނެވެ.

މި މައްސަލައާ ގުޅިގެން "ސަން" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މިފްކޯގެ ސީނިއާ މެނޭޖަރު، ޕަބްލިކް ރިލޭޝަންސް ޝިފްޒާ މުސްތަފާ ވިދާޅުވީ، މަސްދަޅު ވިއްކުމުގައި މި ދުވަސްވަރު ލިމިޓްތަކެއް ގެންގުޅެމުން އަންނަ ކަމަށެވެ. އަދި މިގޮތަށް ކަނޑައެޅުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ ވަކި ބަޔަކު އެއްފަހަރާ ގިނަ އަދަދަކަށް ގަތުމުގެ ބަދަލުގައި، ހުރިހާ ރައްޔިތުންނަށް ވެސް މަސްދަޅު ލިބޭނެ މަގު ފަހިކޮށްދިނުން ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެއިތުރުން ޝިފްޒާ ވިދާޅުވީ، މަސްވެރިކަން ދަށްވި ނަމަވެސް މިފްކޯއަށް މަސް ކިރުމުގެ މަސައްކަތް ހުއްޓުމެއްނެތި ކުރިއަށްދާ ކަމަށެވެ. އެހެންނަމަވެސް، އާންމު މަސްމަހާ އަޅައިބަލާއިރު ކިރާ މަހުގެ ނިސްބަތް ދަށްވުމަކީ އުފެއްދުންތެރިކަން (ޕްރޮޑަކްޝަން) މަދުވާނެ ސަބަބެއް ކަމަށް ބެލެވެއެވެ.

ޝިފްޒާ އިތުރަށް ވިދާޅުވީ، ކުރިއަށް އޮތް ރަމަޟާން މަސް އަންނަންވާއިރަށް މި މައްސަލައަށް އެއްކޮށް ހައްލެއް ލިބި، ހާލަތު އާންމު އުސޫލަށް ރުޖޫއަވާނެ ކަމަށެވެ. އަދި މިހާރު ވެސް ބާޒާރުން މަސްދަޅު އެއްގޮތަކަށް ވެސް ނުލިބި ހުސްވުން ފަދަ ކަމެއް ދިމާނުވާނެ ކަމުގެ ޔަގީންކަން މިފްކޯއިން ވަނީ ދީފައެވެ.

ރަމަޟާން މަސް ފެށެން 76 ދުވަހަށް ވެފައިވާއިރު، މި ސަރުކާރުން އަންނަނީ ކޮންމެ ރަމަޟާން މަހަކު، ސަރުކާރުގެ ފަރާތުން ދޭ ހަދިޔާއެއްގެ ގޮތުން ކޮންމެ ގޭބިސީއަކަށް މަސްދަޅު ކޭހެއް ހަދިޔާކުރަމުންނެވެ. މިދިޔަ ރޯދަ މަހު ވެސް 80،000އަށްވުރެ ގިނަ މަސްދަޅު ކޭސް ހަދިޔާގެ ގޮތުގައި ދޫކުރިއެވެ.

comment ކޮމެންޓް