އަންހެނުންނަށް ކުރާ ޤަދަރާއި އިޙްތިރާމަކީ އަޅުގަނޑުމެންގެ ދިވެހި ޘަޤާފަތުގެ އަސާސެއްކަމުގައި ހެދުމުގައި، މާޒީގެ ކޮންމެވެސް ހިސާބަކުން އަޅުގަނޑުމެންނަށް ފަރުވާކުޑަކުރެވިފައިވާ ކަމާމެދު ވިސްނާލަން އަޅުގަނޑުމެންނަށް މިވަނީ މަޖުބޫރުވެފައެވެ. އެއީ ގިނަ މީހުން ދައްކަން ބޭނުން ނުވެދާނެ ވާހަކައެކެވެ.
އަޅުގަނޑުމެންގެ މުޖުތަމަޢަކީ އާއިލާއާއި އީމާންތެރިކަމާއި ޤަދަރާއި ޝަރަފުގެ ވާހަކަ އެންމެ ގަދައަށް ދައްކާ އެއް މުޖުތަމަޢުކަމުގައި ވެފައި، އަޅުގަނޑުމެންގެ މައިން ދެކެ ލޯބިވާ، އަދި ދަރިންގެ ރައްކާތެރިކަމަށް އިސްކަންދޭ، އަނބިންގެ އަގު ވަޒަންކުރާ، އަދި ދިވެހި އަންހެނުންގެ ހިތްވަރާއި ސާބިތުކަމާމެދު ފަޚުރުވެރިކަމާއެކު ވާހަކަ ދައްކާ ބަޔަކަށްވާތީއެވެ.
އެކަމަކު، އެ ވާހަކަތަކުގެ ނިވާފަތާގަނޑުގެ އަނެއްފަރާތުގައި، އަޅުގަނޑުމެންނަށް ނުފެންނަކަމަށް ހަދައިގެން ތިބެވެން ނެތް އެހެން ވާހަކައެއްވެސް އެބައޮތެވެ. ސަބަބަކީ، ޘަޤާފަތަކީ ހަމައެކަނި އަޅުގަނޑުމެން ރަނގަޅު ކަމަށް ޤަބޫލުކުރާ ކަންކަން އެކަންޏަކު ނޫންކަމުގައިވާތީއެވެ. އެއީ އަޅުގަނޑުމެން އަޅާނުލައި ދޫކޮށްލާ، ނުވަތަ ހިމޭނުން ތިބެ ރުހުންދޭ ނޭދެވޭ ކަންކަންވެސް މެއެވެ.
އަންހެނުންނަށް ކުރާ އަނިޔާތަކުގެ ވާހަކަ އަޅުގަނޑުމެންގެ ތެރޭގައި ދެކެވެއެވެ.
ފުރައްސާރަކުރުމާއި ގޯނާކުރުމާއި ނާޖާއިޒު ފައިދާ ނެގުމާއި، އުފަލާއި މަޖަލަށްޓަކައި ނުވަތަ މުނިފޫހިފިލުވުމުގެ ވަސީލަތެއްގެ ގޮތުގައި އަންހެނުން ބޭނުންކުރާ ވާހަކަތަކެވެ. މީގެ ތެރެއިން ބައެއް ވާހަކަތައް ކުޑަ ދުވަސްކޮޅަކު ބޮޑު މައްސަލައަކަށް ވެގެން އުޅުމަށްފަހު، އާންމުންގެ ސަމާލުކަމުން ގެއްލި، އެހެން ވާހަކައެއް އެއަށްވުރެ ކުރިއަރައިގެން ދެއެވެ.
ނަމަވެސް، މީގައި އޮތް އެންމެ ފުން އަދި ނުރައްކާތެރި ކަމަކީ މިފަދަ ހާދިސާތައް ހިނގާކަމެއް ނޫނެވެ. އެފަދަ ކަންކަމަކީ އާންމު އާދައިގެ ކަންކަމުގެ ގޮތުގައި މުޖުތަމަޢުން ބަލައިގަތުމަށް ފުރުޞަތުދޭ ނުބައި ވިސްނުމާއި ވައްޓަފާޅިއެވެ.
އަޅުގަނޑުގެ ޒުވާން އުމުރުގައި ވަޒީފާގެ މައިދާނަށް ނުކުމެވުނު ދުވަސްވަރު، ފިރިހެނުންގެ މަޖިލިސްތަކުގައި އަންހެނުންނާމެދު ވާހަކަދެކެވުނު ގޮތް އަޅުގަނޑު ހަނދާން އެބަހުއްޓެވެ. ފިރިހެނުން އެމީހުން އަންހެނުންނާ ބޭއްވި ގުޅުންތަކުގެ ވާހަކައާއި، އަންހެނުންގެ އަދަދާއި، ކަންކަން ކުރިވަރާއި، ކުރި ކަންކަމުގެ ވާހަކަދައްކައި ފަޚުރުވެރިވާ ކަމުގެ ހަނދާންތަކެވެ.
އެ ވާހަކަތައް ދައްކަމުންދިޔައީ ބޮޑު ކާމިޔާބީއެއް ހާސިލުކުރެވުނު ފަދައަކުންނެވެ. އަންހެނުންނަކީ ހާސިލުކުރެވޭ މުދަލެއް ނުވަތަ "އެއްޗެއް" ކަމަށާއި، އެ ތަޖުރިބާތަކަކީ ފިރިހެނެއްގެ މޭމަތީގައި ޖަހާ މެޑެއްޔެއްގެ ގޮތުގައި ބެލެވޭ މޭރުމަކުންނެވެ.
އަދިވެސް އެހެން ކަމެއް އަޅުގަނޑުގެ ހަނދާނަށް އާދެއެވެ. މާލެއިން ރަށްރަށަށް ދަތުރުކުރާ ބައެއް ޓީމުތަކެވެ. އެ ދަތުރުތަކުގައި އުފަންވާ، އަންހެނުންނަކީ ފިރިހެނުންނަށް މުނިފޫހިފިލުވައިދޭންޖެހޭ ބައެއް ކަމަށް ދެކޭ މާހައުލުތަކެވެ. އެދަތުރުތަކުގައި ހިނގާ ކަންކަމުގެ ވާހަކަ ދައްކާނީ ވަރަށް އާދައިގެ، މާބޮޑު ކަމެއް ނޫން ގޮތުގައެވެ. އެއީ އެ ދަތުރުގެ ހަގީގީ މަގުސަދުގެ ބައެއްގެ ގޮތުގައި ބެލެވޭ ފަދައަކުންނެވެ.
އެ ދުވަސްތަކަށް އެނބުރި ވިސްނާލާއިރު، އަޅުގަނޑު ކަންބޮޑުވަނީ ހަމައެކަނި އެކަންކަން ހިނގީތީއެއް ނޫނެވެ. އެކަންކަމަކީ އެއްވެސް ކުށެއްނެތް، އާދައިގެ ކަންކަމުގެ ގޮތުގައި މީހުންނަށް އިޙްސާސް ކުރެވިފައި އޮތް މިންވަރު ފެނިފައެވެ.
އަޅުގަނޑުމެން ކިޔާ އެންމެ ޤަދީމީ ވާހަކަތަކުގެ ތެރޭގައިވެސް ނުހަނު ކަންބޮޑުވާންޖެހޭ ރަމްޒީ ކަމެއް އެބައޮތެވެ. އެއީ ރަންނާމާރީގެ ވާހަކައެވެ. އެ ވާހަކައިގައި ކަނޑުން އަރާ އެއްޗަކަށް، މަހަކު އެއްފަހަރު ޒުވާން އަންހެން ކުއްޖަކު ޤުރުބާން ކުރެވޭ ނޫންޔޯއެވެ.
އެ ވާހަކައިގެ ތާރީޚީ އަޞްލަކީ ކޮންމެކަމެއް ކަމުގައި ވީނަމަވެސް، އަދި ޖީލުތަކުގެ ތެރެއިން އެ ވާހަކަ ބަދަލުވަމުން އައިސްފައިވަނީ ކޮންމެ ގޮތަކަށް ކަމުގައި ވިޔަސް، އޭގެ ރަމްޒީ މާނައާ މެދު އިންކާރުކުރުމަކީ އުނދަގޫ ކަމެކެވެ. މުޅި މުޖުތަމަޢުގެ ރައްކާތެރިކަމާއި ފަސޭހައަށްޓަކައި، ކުށެއްނެތް އަންހެންކުއްޖަކު ޤުރުބާންކޮށްލެވެނީއެވެ.
އަޅުގަނޑުގެ ހިތަށް ބައެއް ފަހަރު އަރައެވެ. އެ ރަންނަމާރި ހަޤީޤަތުގައި ނެތިދިޔަ ބާއެވެ؟
އަޅުގަނޑަށް ގަބޫލުކުރެވޭ ގޮތުގައި، ޙަޤީޤީ މާނައެއްގައި އަކަމެއް ނުވެއެވެ. އެހެން މީހުންގެ އަރާމާއި މަސްލަޙަތާއި ފަސޭހައަށްޓަކައި، އަންހެނެއްގެ ޤަދަރާއި ރައްކާތެރިކަމާއި އަބުރު ޤުރުބާންކޮށްލަން މުޖުތަމަޢު ތައްޔާރަށް އޮންނަ ކޮންމެ ހިނދެއްގައި، އެ ރަންނާމާރީގެ ވިސްނުން އަދިވެސް ދެމިއޮތަތީއެވެ.
ފިރިހެނެއްގެ އަބުރު ރައްކާތެރިކުރުމަށްޓަކައި އަނިޔާ ލިބުނު އަންހެނެއްގެ އަޑު މަޑުކުރުވާ ކޮންމެ ފަހަރަކު، އެ ވިސްނުމުގެ އަސަރު ދެމިއޮވެއެވެ. އެހެން މީހަކު ކުރި ގޯނާއެއްގެ އިލްޒާމު އަންހެން ކުއްޖާގެ ހެދުމަށާއި އުޅުމަށް އަޅުވާ ކޮންމެ ފަހަރަކު، އެކަން ދެމިއޮވެއެވެ. އާއިލާގެ ނަން، މުއައްސަސާއެއް، ނުވަތަ ނުފޫޒުގަދަ މީހަކު ރައްކާތެރިކުރުމަށްޓަކައި އަނިޔާތައް ފަސްއަޅައި ފޮރުވާ ކޮންމެ ފަހަރަކު، އެ ނުބައި އާދަ ދެމިއޮވެއެވެ.
އަދި އަންހެނުންނަކީ މިލްކިއްޔާތެއް، އިނާމެއް ނުވަތަ މުނިފޫހިފިލުވުމުގެ ވަސީލަތެއް ކަމަށް ބަލާ ވިސްނުން އަދިވެސް ދެމިއެބައޮތެވެ. އެއީ ކަނޑުގެ އަޑީގައެއް ނޫނެވެ. އަޅުގަނޑުމެންގެ މުޖުތަމަޢުގެ ތެރޭގައެވެ.
މިއީ ހުރިހާ ދިވެހި ފިރިހެނުންގެ ބޮލުގައި އަޅުވާ އިލްޒާމެއް ނޫނެވެ. އަންހެނުންނަށް ފުރިހަމަ ޤަދަރާއެކު އިހުތިރާމުކުރާ، އެކަނބަލުންގެ ޙައްޤުގައި ތެދުވެ ވަކާލާތުކުރާ، އަދި އެމީހުންގެ ފިރިހެން ދަރިންނަށް އިޙްތިރާމް ދަސްކޮށްދީގެން ބޮޑުކުރާ އެތައް ފިރިހެނުންނެއް އަޅުގަނޑުމެންގެ ތެރޭގައި އެބަތިއްބެވެ. އަދި ކޮންމެ އާއިލާއެއް، ކޮންމެ ރަށެއް ނުވަތަ ކޮންމެ ޖީލެއްގައިވެސް އޮތީ އެއް ވިސްނުމެއް ކަމަށް ހަދާކަށް ނުވާނެއެވެ.
ގައުމިއްޔަތަކީ ހަމައެކަނި އަޅުގަނޑުމެން ކުޅޭ މިއުޒިކާއި ލާ އަންނައުނާއި ކައްކާ ކާނާއާއި ފަތުރުވެރިންނަށް ފަޚުރުވެރިކަމާއެކު ކިޔައިދޭ ވާހަކަތަކެއް ނޫނެވެ.
ގައުމިއްޔަތަކީ އަޅުގަނޑުމެން އުޒުރުދައްކައި، ކަމަކަށް ނަހަދާ ދޫކޮށްލާ ނޭދެވޭ އަމަލުތައްވެސް މެއެވެ. އެއީ އެއްވެސް މީހަކު ސުވާލުނުކުރާ ބޭއަދަބީ މަޖާ ވާހަކަތަކެވެ. އެންމެން އަޑުއަހާ، ނަމަވެސް އެއްވެސް މީހަކު ފިޔަވަޅެއް ނާޅާ ބޭއިންސާފު ވާހަކަތަކެވެ.
އެންމެންނަށް އެނގޭ، ނަމަވެސް އެއީ "އަމިއްލަ މައްސަލައެއް"ގެ ގޮތުގައި ނިންމައި ދޫކޮށްލާ އަނިޔާތަކެވެ. އެއީ، ބޮޑެތި ފިރިހެނުން އަންހެނުންނާ މެދު ކަންކުރާ ތަން ބަލައި، މިއަދުގެ ޒުވާނުން އެއީ އާދައިގެ ކަމެއްކަމަށް މަޑުމަޑުން ދަސްކުރާ ނޭއްގާނި ކަންކަމެވެ.
އަންހެނުންނަށް ޤަދަރުކުރުމަކީ ހަމައެކަނި އަޅުގަނޑުމެންގެ އަމިއްލަ ގޭތެރޭގައި ތިބި އަންހެނުން ދެކެ ލޯބިވުމެއް ނޫނެވެ.
އެހެން މީހެއްގެ ދަރިއަކާމެދު އިޙްތިރާމްކުޑަކޮށް އަމަލުކުރަމުން، އަމިއްލަ މަންމަ ދެކެ ލޯބިވުމަކީ އަންހެނުންނަށް ޤަދަރުކުރުމެއް ނޫނެވެ. އެހެން އަންހެނަކު ތަހައްމަލުކުރާ ނިކަމެތިކަމާއި އަނިޔާއާމެދު ހިމޭނުން ތިބެ، އަމިއްލަ އުޚުތާ ރައްކާތެރިކުރުމަކީވެސް ހަޤީޤީ ޤަދަރެއް ނޫނެވެ.
އަޅުގަނޑުމެންގެ މަސައްކަތުގެ މާހައުލުތަކުގައާއި ގޭތެރޭގައާއި އިޖުތިމާއީ ހަފުލާތަކުގައި އަންހެނުންނަށް ގޯނާކުރުމާއި ނާޖާއިޒު ފައިދާ ނެގުމަށް ފުރުޞަތު ދެމުން، ޕޯޑިއަމްތަކުގައި ދޭ ތަޤްރީރުތަކުގައި އަންހެނުންގެ އަގުވަޒަންކުރުމަކީ އަންހެނުންނަށް ޤަދަރުކުރުމެއް ނޫނެވެ.
މިއީ އަޅުގަނޑު ދެކޭގޮތުގައި، މިއަދު އަޅުގަނޑުމެން ފަށަންޖެހިފައިވާ އެންމެ މުހިންމު ގައުމީ އެއް ބަހުސެވެ. މިއީ ދިވެހިން އަންހެނުންނަށް ޤަދަރުކުރޭތޯ ނުވަތަ ނޫންތޯ ކުރާ ސުވާލެއް ނޫނެވެ. އެ ސުވާލުގެ ޖަވާބު ވަރަށް ފަސޭހަވާނެއެވެ. ސަބަބަކީ އަޅުގަނޑުމެންގެ ތެރެއިން ގިނަ މީހުން ވަގުތުން "އާނ. ކުރެއޭ" ބުނެ ޖަވާބުދޭނެތީއެވެ.
އެއަށްވުރެ މާ އުނދަގޫ، އެހާމެ ފުން ސުވާލަކީ – އަންހެނުންނަށް ޙަޤީޤީ މާނައިގައި ޤަދަރުކުރާ މުޖުތަމަޢަކުން އިތުރަށް ބަލައިގަނެގެން ނުވާނެ ކޮން ކަންކަމެއް އަޅުގަނޑުމެން އަދިވެސް އަޅާނުލައި ދޫކޮށްލަންތޯއެވެ؟
ގައުމެއްގެ ސަގާފަތާއި އާދަކާދައާއި ފިކުރީ އިންތަކަކީ ބަދަލުނުކުރެވޭނެ އެއްޗެއް ނޫނެވެ. ކޮންމެ ޖީލަކަށްވެސް މާޒީން ވާރުތަވާ ކަންތައްތަކެއް ވެއެވެ. އެހެންނަމަވެސް ކޮންމެ ޖީލަކަށްވެސް އެއަށް ހެޔޮ ބަދަލުތައް ގެނެސް، އޭގައިވާ ނޭދެވޭ ކަންކަން އިޞްލާޙުކުރެވޭނެއެވެ. ކުރިއަށް އޮތް ޖީލުތަކަށް ގެންދަން އެކަށީގެންވާ ރަނގަޅު ކަންކަމާއި، އަޅުގަނޑުމެންގެ މި ޖީލާ ހިސާބުން މުޅިން ނައްތާލަންޖެހޭ ކަންކަން ކަނޑައަޅައި ނިންމާނީ އަޅުގަނޑުމެންނެވެ.
އަޅުގަނޑު ގަބޫލުކުރާގޮތުގައި ރަންނަމާރީގެ ސަގާފަތް ދިވެހި ގައުމިއްޔަތާއި ސަގާފަތުގެ ތެރެއިން ފޮހެލަން އެބަޖެހެއެވެ. އަންހެނަކީ މުނިފޫހިފިލުވުމުގެ ވަސީލަތެއް ނޫނެވެ. އަންހެނަކީ ކާމިޔާބު ކުރަންޖެހޭ އިނާމެއް ނޫނެވެ. އަންހެނަކީ އެހެން މީހުންގެ އަރާމަށްޓަކައި ޤުރުބާންކުރެވޭ އެއްޗަކަށް ވެސް ވާކަށް ނުޖެހެއެވެ.
ކޮންމެ އަންހެނަކީ އޭނާގެ އަބުރާއި ޤަދަރު އޭގެ ޒާތުގައި ލިބިގެންވާ ފުރިހަމަ އިންސާނަކަށް ވާންޖެހެއެވެ.
އެއީ އަޅުގަނޑުމެން ހިތްހަމަޖެހޭއިރު ދީފައި، ނުރުހޭއިރު އަތުލާ، ނުވަތަ އޭނާގެ ޙައްޤުތައް ރައްކާތެރިކުރުން އުނދަގޫވާ ހިނދު މުޖުތަމަޢުގެ ފަސޭހައަށްޓަކައި ވިޔަފާރިކޮށްލެވޭ އެއްޗެއް ނޫންކަމުގައި އަޅުގަނޑުމެން ކަނޑައަޅަން ޖެހެއެވެ.
އަންހެނުންނަށް ޤަދަރުކުރުމަކީ ޙަޤީޤަތުގައިވެސް އަޅުގަނޑުމެންގެ ދިވެހިވަންތަކަމުގެ މައިބަދަ ކަމުގައިވާނަމަ، އެކަން ފެންނަންޖެހެނީ ހަމައެކަނި އަޅުގަނޑުމެން ދައްކާ ވާހަކަތަކަކުން ނޫނެވެ. އެކަން ސާބިތުވާންޖެހެނީ އަޅުގަނޑުމެން ޤަބޫލުކުރަން ދެކޮޅުހަދާ، އަދި ދެން ދުވަހަކުވެސް މުޖުތަމަޢުގައި އަޅާނުލައި ދޫކޮށްނުލާނެ ކަންކަން ކަނޑައަޅައި، އެކަންކަމާ ދެކޮޅަށް އަމަލީ ގޮތުން ތެދުވާ ތެދުވުމުންނެވެ.