ސާފުހިތަކާއެކު ދުވަސްފެށުން

ގިނަ ބަޔަކު ސާފުހިތަކާއިގެން ދުވަސް ފަށައިފިނަމަ، މުޅި މުޖުތަމަޢަށް ބޮޑެތި ހެޔޮ ބަދަލުތަކެއް އަންނާނެއެވެ.

ކޮންމެ ދުވަހެއްގެ ފެށުމާއެކު އަޅުގަނޑުމެން ތައްޔާރުވަނީ ދިރިއުޅުމުގެ މައިދާނަށް ނުކުތުމަށެވެ. ފެންވަރައި ތާޒާވެ، އެކަށީގެންވާ ހެދުމެއް އަޅައި، ބޭރުފުށުން ރީތި ސިފައެއްގައި ފެންނަން މަސައްކަތް ކުރަމުއެވެ.

ނަމަވެސް، މިއަށްވުރެ މާ މުހިންމު ކަމަކާމެދު އަޅުގަނޑުމެންނަށް ވިސްނާލެވެނީ ކިތައް ފަހަރު ބާވައެވެ؟ އަޅުގަނޑުމެން ގެއިން ނުކުންނަނީ ކޮންފަދަ ހިތަކައިގެން ހެއްޔެވެ؟ ހިތްހަމަޖެހުމާއި ޝުކުރުވެރިކަމުގެ އިޙްސާސަކާއެކު ހެއްޔެވެ؟ ނުވަތަ މާޔޫސްކަމާއި، ނުތަނަވަސްކަމާއި ރުޅިވެރިކަމުން ފުރިގެންވާ ހިތަކައިގެން ހެއްޔެވެ؟

މި ސުވާލުތަކަކީ އަޅުގަނޑުމެން ފުންކޮށް ވިސްނަންޖެހޭ ސުވާލުތަކެކެވެ. ސަބަބަކީ، އިންސާނާ އަބަދު އުފަލުގައި ހުރުމަކީ މުސްތަޙީލު ކަމަކަށް ވިޔަސް، އަޅުގަނޑުމެންގެ ޖަޒުބާތީ ޙާލަތުގެ އަސަރު އަޅުގަނޑުމެންނާ ބައްދަލުވާ ކޮންމެ މީހަކަށްމެ ފޯރާނެތީއެވެ. ޙަޤީޤަތުގައި، އަޅުގަނޑުމެންގެ މުޢާމަލާތްތައް ކުރާގޮތް ބިނާވަނީ އަޅުގަނޑުމެންގެ ހިތުގެ ޙާލަތުގެ މައްޗަށެވެ.

މާލޭގައި އާންމުދުވަހެއްގެ ހެނދުނުގެ މަންޒަރު ހިތަށްގެންނަވާށެވެ. ކުދިން ގޮވައިގެން ސްކޫލަށްދާ މައިންބަފައިންނެވެ. ދަރިވަރުންނަށް މަރުޙަބާ ކިޔާ މުދައްރިސުންނެވެ. ޓެކްސީއަށް އަރާ ފަސިންޖަރުންނެވެ. ހޮސްޕިޓަލުގައި ޚިދުމަތް ފަށާ ނަރުހުންނާއި، އޮފީސްތައް ހުޅުވާ ޢާންމު ޚިދުމަތްތެރިންނެވެ.

މިއިން ކޮންމެ މީހަކީވެސް އެމީހެއްގެ ހިތުގައި ބަޔާންކުރަން ނޭނގޭ ފަދަ ބުރައެއް އުފުލަމުންދާނެ މީހަކަށް ވެދާނެއެވެ. މާލީދަތިކަމެއް، ޢާއިލީ މައްސަލައެއް، ނަފްސާނީގޮތުން ނުތަނަވަސްކަމެއް ނުވަތަ އެދުވަހަކާ ކުރިމަތިލުމުގައި އޮތް ބިރުވެރިކަމެއްކަމުގައި ވެސް ވެދާނެއެވެ. ދިރިއުޅުމުގެ ހުރިހާ ތަކުލީފުތަކެއް ގޭގައި ބަހައްޓާފައި ނުކުތުމަކީ އެއްވެސް އިންސާނަކަށް ފަސޭހަ ކަމެއް ނޫނެވެ. އެހެންނަމަވެސް، އެ އިޙްސާސްތަކުގެ ސަބަބުން އަޅުގަނޑުމެންގެ ބަސްމަގާއި ޢަމަލުތަކަށް އަސަރުކުރާނެ މިންވަރާމެދު ހޭލުންތެރިވެވިދާނެއެވެ.

ވިސްނާލުމަކާ ބުނެލާ އެއްޗެއް، މޫނުމަތީގެ ނުރުހުންތެރިކަން، ނުވަތަ ފަރުވާކުޑަ ރައްދަކީ ތިމާއަށް ވަރަށް ކުޑަކަމަކަށް ވެދާނެއެވެ. ނަމަވެސް، އެކަން ތަޙައްމަލުކުރަން ޖެހޭ މީހާއަށް އެއީ މުޅި ދުވަސް ބަރުބާދުކޮށްލާ ފަދަ ބޮޑު ކަމަކަށް ވެދާނެއެވެ. ހަމައެފަދައިން، ހިނިތުންވުމާއެކު ދެވޭ އިޙްތިރާމާ، ކެތްތެރިކަމާއެކު ދެވޭ ޖަވާބު، ނުވަތަ އިޚްލާޞްތެރިކަމާއެކު އަނެކާ ބުނާއެއްޗެއް ކަނުލާ އަޑުއަހާލުމަކީ، އެމީހަކަށް އޭނާގެ އަގު ވަޒަންކުރާކަމުގެ ފޮނި އިޙްސާދް ކުރެވޭނެ ކަމެކެވެ.

އަޅުގަނޑުމެންގެ ޖަޒުބާތުތައް ލޮލަށް ފެންނަން ނެތް ކަމުގައިވިޔަސް، އޭގެ ހިޔަނި އަނެކުންގެ މައްޗަށް އެޅެނީ ވަރަށް ފާޅުކަން ބޮޑު ގޮތެއްގައެވެ.

އުފާވެރިކަމަކީ ހަމައެކަނި ތިމާގެ އަމިއްލަ ނަފްސަށް އިޙްސާސްވާ އެއްޗެއް ނޫނެވެ. އެއީ ތިމާގެ ސަބަބުން އަނެކާއަށް އިޙްސާސްކޮށްދެވޭ ގޮތްވެސް މެއެވެ. މަސައްކަތުގެ މާހައުލުގައި އެކުވެރިއަކަށް ތިމާއާ ވާހަކަދައްކަން އުނދަގޫ ހެއްޔެވެ؟ ހެދުނުގޯހަކަށް އިޢުތިރާފުވުމަށް ދަރިފުޅު ޖެހިލުންވޭ ހެއްޔެވެ؟ ބަލިމީހަކު ސުވާލެއް ކުރާއިރު އޭނާއަށް އިޙްތިރާމް ލިބޭ ހެއްޔެވެ؟

މިއީ "ނަފްސާނީ ރައްކާތެރިކަން" ޤާއިމުކުރުމުގެ މައިގަނޑު އަސާސްތަކެވެ. އެއީ މީސްތަކުން ޖެހިލުމެއްނެތި، ނިކަމެތިވެދާނެ ކަމުގެ ބިރަކާ ނުލައި ވާހަކަދައްކާ، ސުވާލުކޮށް، ކަންބޮޑުވުންތައް ޙިއްޞާކުރެވޭނެ ރައްކާތެރި، އަމާން މާހައުލެއް އޮތުމެވެ.

ކެތްތެރިކަމާއެކު އަޑުއަހާ ވެރިއަކީ މުވައްޒަފުންގެ އިތުބާރު އޮންނާނެ މީހެކެވެ. ކުއްޖެއްގެ ކުށަށް އޯގާތެރިކަމާއެކު އިރުޝާދުދޭ މުދައްރިސަކީ އެ ކުއްޖާއަށް އާހިތްވަރަކާއެކު މަސައްކަތްކުރަން ހިތްވަރުދޭ މީހެކެވެ. އެހެންކަމުން، ރިވެތި އަޚްލާޤަކީ ހަމައެކަނި ދައްކާލާ ވާހަކައެއްނޫނެވެ. އެއީ އެކަކު އަނެކަކަށް އިތުބާރުކުރާ، ބަދަހި މުޖުތަމަޢެއް ބިނާކުރުމުގެ ބިންގަލެވެ.

މިކަމުގައި އަދި އެހެން ޙަޤީޤަތެއްވެސް އެބައޮތެވެ. ކޮންމެ މީހަކީ ގެއިން ނުކުންނައިރު އުފާވެރި ހިތަކާއިގެން ނުކުމެވޭނެ ޙާލަތެއްގައި ހުރި މީހެއް ކަމުގައި ނުވެދާނެއެވެ. ގިނަ ބަޔަކު ދިރިއުޅެމުންދަނީ ނަފްސާނީ މާޔޫސްކަމާއި، މާލީ ދަތިކަމާއި، ގުޅުންތަކުގެ ރެނދުލުންތަކުގެ ތެރޭގައި ކަމަށްވާތީއެވެ. އަނެއް ބަޔަކު ވަޒީފާއަށް ދަނީ ނުތަނަވަސްކަމާއި، އިޙްތިރާމް ކުޑަކުރުން ޢާންމުވެފައިވާ ހަރުކަށި މާހައުލަކަށް ކަމަށް ވެސް ވެދާނެއެވެ.

ތިމާ ގެއިން ނިކުމެގެންދާ މާހައުލަކީ ރައްކާތެރިކަމާއި އިހުތިރާމްކުރުން ނެތްތަނަކަށް ވާނަމަ، "އުފާވެރި މޫނަކައިގެން އައުމަށް" އެދުމަކީ އިންސާފެއް ނޫނެވެ. މިކަމަށްޓަކައި ދެ ޒިންމާއެއް އަޅުގަނޑުމެން އުފުލަން ޖެހެއެވެ. ފަރުދީ ޒިންމާއާއި އިޖުތިމާޢި ޒިންމާއެވެ.

ފަރުދީ ޒިންމާއަކީ، ތިމާގެ އަމިއްލަ ޖަޒުބާތުތައް ދެނެގަނެ، އެހެން މީހުންނާ މުޢާމަލާތްކުރުމުގައި ކެތްތެރިކަމާއި އޯގާތެރިކަން އިސްކުރުމެވެ. އިޖުތިމާޢީ ޒިންމާއަކީ، މީހުންނަށް އެހީތެރިކަން ލިބޭ، އަޑުއަހާ، އަދި އިޙްތިރާމް ލިބޭ ފަދަ މާޙައުލެއް - ޢާއިލާއާއި، ވަޒީފާ އަދާކުރާތަނާއި، މުޖުތަމަޢުގައި ބިނާކުރުމެވެ.

ވިހަގަދަ މާހައުލެއްގައި ގަދަކަމުން ހިނިތުންވެގެން ހުންނަންޖެހުމަކީ ދުޅަހެޔޮ މުޖުތަމަޢެއް ބިނާކުރެވޭނެ ގޮތެއް ނޫނެވެ.

ސާފުހިތަކާއިގެން ދުވަސް ފެށުމަށްޓަކައި، ކޮންމެ ދުވަހަކުވެސް ކުޑަ ވަގުތުކޮޅެއް ހޭދަކޮށްލެވިދާނެއެވެ. ގެއިން ނުކުތުމުގެ ކުރިން ލޯގަނޑުން ބޭރުފުށުގެ ސިފަ ބަލައިލާ ފަދައިން، ތިމާގެ ހިތުގެ ޙާލަތަށްވެސް ފިކުރު ހިންގާލެވިދާނެއެވެ. "މިއަދު ތިމާގެ ހިތުގެ ޙާލަކީ ކޮބައިތޯ؟ ކަންބޮޑުވަނީ ކޮންކަމަކާތޯ؟ މި އިޙްސާސްތަކުން އަނެކާއަށް ކުރާނީ ކޮން ކަހަލަ އަސަރެއްތޯ؟ މިއަދު ތިމަންނައަށް ކުރެވޭނެ ކޮން ހެޔޮ ޢަމަލެއްތޯ؟" މިފަދަ ސުވާލުތައް ކޮށްގެންނެވެ.

އެއްވެސް، ހުރިހާ ކަމެއް ރަނގަޅު ކަމަށް ދައްކައިގެން އުޅޭކަށް ނުޖެހެއެވެ. ނުވާނެތީއެވެ. ތިމާގެ ހިތުގައިވާ ހިތްދަތިކަން އަމިއްލައަށް ޤަބޫލުކުރުމަކީ، އަނެކުންނާ މެދު ވިސްނުންތެރިކަމާއެކު މުޢާމަލާތްކުރުމަށް އެޅޭ އެންމެ ފުރަތަމަ ފިޔަވަޅެވެ.

އަޅުގަނޑުމެންގެ ތެރެއިން ގިނަ ބަޔަކު ސާފުހިތަކާއިގެން ދުވަސް ފަށައިފިނަމަ، މުޅި މުޖުތަމަޢަށް ބޮޑެތި ހެޔޮ ބަދަލުތަކެއް އަންނާނެއެވެ. ވެރިން މުވައްޒަފެއްގެ އަޑު އިޙްތިރާމާއެކު އަހާނެއެވެ. މުދައްރިސުން ދަރިވަރުންގެ އުންމީދު އާކޮށްދޭނެއެވެ. ބެލެނިވެރިން ދަރިފުޅަށް ނަޞޭޙަތްތެރިވުމުގައި ޙިކުމަތްތެރިވާނެއެވެ. މިފަދަ ކުދިކުދި ހެޔޮ ނިންމުންތަކުން މުޅި މުޖުތަމަޢަކީ އުފާވެރި ތަނަކަށް ހަދާދޭނެއެވެ.

އުފާވެރިކަމާއި ނަފްސާނީ ރައްކާތެރިކަމަކީ ވަކިނުކުރެވޭނެ ދެ އަސާސެވެ. އޭގެ މާނައަކީ އަބަދު ހުރިހާއެންމެން އުފަލުގައި ތިބުމެއް ނޫނެވެ. ނަމަވެސް، އަޅުގަނޑުމެންގެ ބަހާއި ޢަމަލުތަކުގެ ސަބަބުން، އަނެކާގެ ހިތުގައިވާ ބުރަ އިތުރަށް ބޮޑުނުވާނެކަން ކަށަވަރުކުރުމެވެ.

މާދަމާ ހެނދުނުވެސް ގެއިން ނުކުންނައިރު، އަމިއްލަ ނަފްސާ މި ސުވާލު ކޮށްލައްވާށެވެ."މިއަދު އަހަރެން މުޖުތަމަޢުގެ ތެރެއަށް މި ނުކުންނަނީ ކޮންކަހަލަ ހިތަކައިގެން ހެއްޔެވެ؟ އަދި އަހަރެންނާ ބައްދަލުވެ މުޢާމަލާތް ކުރުމަށްފަހު، އަނެކާގެ ހިތުގައި އޮންނަން ބޭނުންވަނީ ކޮންކަހަލަ އިޙްސާސެއް ހެއްޔެވެ؟"

ޙަޤީޤީ އުފާވެރިކަމަކީ ހަމައެކަނި ތިމާ ޙާޞިލުކުރާ އެއްޗެއް ނޫނެވެ. އެއީ ތިމާގެ ފަރާތުން އަނެކުންގެ ހިތްތަކަށް ދޫކޮށްލެވޭ ހެޔޮކަމާއި، ލޯތްބާއި، އޯގާތެރިކަމުގެ ފުން އަސަރެވެ.
ގުޅޭ ޓެގު
comment ކޮމެންޓް