އިތުބާރާއި ލޯބީގެ މުޖުތަމައެއްގެ ބިންގާ

އަޅުގަނޑުމެންގެ މުޖުތަމައަކީ ހަގީގީ މާނައިގައި އިތުބާރާއި ކުލުނާއި ލޯބީގެކިއްލާއަކަށް ހެދިދާނެއެވެ.

މީހުންގެ މެދުގައި އޮންނަ މާނަވީ ކޮންމެ ގުޅުމެއްގެ ފެށުމަކީ ހިތްހެޔޮކަމާއެކު އަނގައިން ބުނެލުމެވެ. އެހެންނަމަވެސް، ދިރިއުޅުމުގެ އެންމެ މުހިންމު، އެންމެ އަސަރުގަދަ އެތައް ވާހަކަތަކެއް ދުވަހަކުވެސް ދުލާ ހަމައަށް ނައިސް، ހިތުގެ އެންމެ ފުންމިނުގައި ވަޅުލެވޭކަމީ އަޅުގަނޑުމެންގެ ތެރޭގައި އޮތް ހަގީގަތެކެވެ.

ކުޑަކުއްޖަކު އޭނާގެ ހިތުގައިވާ ބިރުވެރިކަން މައިންބަފައިންނަށް ފޮރުވައެވެ. ފުރާވަރުގެ ކުއްޖަކު އޭނާ ދިރިއުޅުމުގައި ކުރިމަތިލަމުންދާ ދަތިތަކާއި އުނދަގޫތައް ހިތުތެރޭގައި ސިއްރުކުރެއެވެ. މުއައްސަސާއެއްގެ މިސްރާބު ބަދަލުކޮށްލަނިވި ވަރުގަދަ ޚިޔާލެއް ނުވަތަ އީޖާދެއް އޮތް މުވައްޒަފަކު، ފާޑުކިޔުމަށް ބިރުން އެކަން ހިއްސާނުކޮށް ހިފަހައްޓައެވެ. ހަމައެއާއެކު، އާއިލީ ދިރިއުޅުމަށް ބަލާއިރު ފިރިއަކު އޭނާގެ ހިތާމަތައް އެތެރެއަށް ހިންދާލައިގެން ހުންނައިރު، އަނތްބަކު އޭނާގެ މާޔޫސްކަމާއި ނުތަނަވަސްކަން ހިނިތުންވުމެއްގެ ފަހަތުގައި ސިއްރުކުރެއެވެ.

މި މީހުން ހިމޭންކަން ޚިޔާރުކުރަނީ ބުނާނެ އެއްޗެއް، ނުވަތަ ހިއްސާކުރާނެ އިހުސާސެއް ނެތިގެންނެއް ނޫނެވެ. އެހެންނަމަވެސް، އެ ވާހަކައެއް ބުނެފިނަމަ ދެން ވެދާނެ ގޮތަކާމެދު ހިތުގައި އުފެދޭ ބިރުވެރިކަމާއި ޖެހިލުންވުމެއްގެ ބޮޑުކަމުންނެވެ.

"އަހަންނާމެދު އެހެން މީހުން ނުބައި ގޮތަކަށް ދެކެފާނެ ހެއްޔެވެ؟ އެމީހުންނަށް އަހަރެން ބުނާއެއްޗެއް ނުބައިކޮށް މާނަކުރެވިދާނެ ހެއްޔެވެ؟ އަޅާނުލައި ދޫކޮށްލާނީ ހެއްޔެވެ؟ މި ވާހަކަ ދެއްކުނީތީ ފަހުން އަހަރެން ހިތާމަކުރަން ޖެހިދާނެ ހެއްޔެވެ؟" މިއީ އަޅުގަނޑުމެންގެ ސުލޫކާއި ބަސްމަގާއި ނިންމުންތައް ބައްޓަންކުރަމުންދާ ހިމޭން ސުވާލުތަކެވެ. މި ސުވާލުތަކުގެ ސަބަބުން އަޅުގަނޑުމެންގެ މުޖުތަމައު އިހުސާސްތައް ފޮރުވައިގެން އުޅޭ ތަނަކަށް ބަދަލުކޮށްލައެވެ.

ހަގީގަތުގައި ވާހަކަދެއްކުމުގެ މިނިވަންކަމާއި ރައްކާތެރިކަން އޮތުމުގެ މާނައަކީ ހުރިހާ ކަމެއްގައި އެންމެން އެއްބަސްވާންޖެހުމެއް ނޫނެވެ. އޭގެ މާނައަކީ، ޚިޔާލު ތަފާތުވި ނަމަވެސް، ކޮންމެ މީހަކާވެސް އިހުތިރާމާއެކު މުއާމަލާތުކުރެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އޮތުމެވެ. ރަނގަޅު ގުޅުމެއްގެ ހަގީގީ ބިންގަލަކީ މިއީއެވެ.

އަޑުއެހުމަކީ ހަމައެކަނި އަނެކާ ވާހަކަ ދައްކައި ނިމެންދެން، ތިމާ ރައްދު ދޭނެ ވަގުތަކަށް އިންތިޒާރުކުރުމެއް ނޫނެވެ. އެއީ އަނެކާގެ އިހުސާސްތަކާއި ތަޖުރިބާތަކަށް ހިތުގެ އެންމެ ފުންމިނުން ޖާގަދިނުމެވެ. މީހުން ބޭނުންވަނީ ޖަދަލުކުރުމާ، ފާޑުކިޔުމާ، މަލާމާތްކުރުމާނުލާ އެމީހުންގެ ވާހަކަތައް އިހުލާސްތެރިކަމާއެކު އަޑުއަހާނެ ކަންފަތެކެވެ.

މިފަދަ އަޑުއެހުމުގެ ރިވެތި ސަގާފަތެއް އަޅުގަނޑުމެންގެ ތެރޭގައި ގާއިމުވެއްޖެނަމަ، އޭގެ ނަތީޖާއެއްގެ ގޮތުން ބިރުވެރިކަން ފިލައިގޮސް، އިތުބާރު އާލާވެ، އުންމީދުތައް އާވެގެންދާނެއެވެ. އެތައް އަހަރެއް ވަންދެން ހިމޭންވެފައިވާ އަޑުތައް، އުފެއްދުންތެރި އަޑުތަކެއްގެ ގޮތުގައި ނުކުންނަން ފަށާނެއެވެ.

އާދެ! އަޅުގަނޑުމެންގެ ތެރޭގައި އިތުބާރާއި ލޯބީގެ މުޖުތަމައެއްގެ ބިންގާ އަޅަން އެދޭނަމަ، އެންމެ ފުރަތަމަ ކުރަންޖެހޭ ކަމަކީ އަޅުގަނޑުމެންގެ އާއިލާގެ ތެރޭގައާއި، ގޭތެރޭގައާއި، ކްލާސްރޫމުތަކުގައި، އަދި މަސައްކަތްކުރާ މާހައުލުތަކުގައި "ނަފްސާނީ ރައްކާތެރިކަން" ކަށަވަރުކުރުމެވެ.

މިކަން އަމަލީގޮތުން ފަށަންވީ ގޭތެރެއިންނެވެ. ދުވާލުގެ ކޮންމެވެސް ވަގުތެއް، ނުވަތަ ހަފްތާއަކު އެއްފަހަރު ނަމަވެސް، މައިންބަފައިން އެހެން ހުރިހާ މަސައްކަތްތަކަކާއި ފޯނުތައް އެއްފަރާތްކޮށް، ދަރިންގެ އަޑުއަހަން ވަގުތު ހުސްކުރަންޖެހެއެވެ. ހަމައެކަނި އަޑުއަހާކަށް ނޫނެވެ. އެކުދިން ދައްކާ ވާހަކައަކުން ނުރަނގަޅު ނަތީޖާއެއް ނުނިކުންނާނެ ކަމާއި، އެކުދިން ބަލައިގަންނާނެ ކަމާއި، އެކުދިން ނިކަމެތިކޮށް އެއްލައިނުލާނެ ކަމުގެ ޔަގީންކަން އެކުދިންނަށް ދޭންޖެހެއެވެ.

ހަމަމިފަދައިން، މި މުހިންމު ސިފަ ސްކޫލުތަކުގެ ކްލާސްރޫމުތަކުންވެސް ފެންނަންޖެހެއެވެ. ޓީޗަރުން ދަރިވަރުންނާ ދިމާއަށް ހަޅޭއްލަވައި، ލަދުގަންނަވައި ނުލާނެކަން ކުދިންނަށް އެނގެންވާނެއެވެ. ކުށެއް ކުރެވުމަކީ ބިރުގަންނަންޖެހޭ ނިމުމެއް ނޫންކަމާއި، އެއީ އުނގެނުމުގެ ފުރުސަތެއްކަން ދަރިވަރުންނަށް އިހުސާސްވާންޖެހެއެވެ. ކުށެއް ކުރެވިއްޖެނަމަ، އެކަމުން އަރައިގަންނާނެ ރަނގަޅު މަގު ދައްކައިދޭނެ ހެޔޮއެދޭ އަތެއް ކައިރީގައިވާކަން ކަށަވަރުވާންޖެހެއެވެ.

އަދި އަޅުގަނޑުމެން ވަޒީފާ އަދާކުރާ މާހައުލަކީވެސް އަބަދު ބިރުން، ހާސްވެ، ކަންބޮޑުވެފައި ތިބެންޖެހޭ ވިހަ މާހައުލަކަށް ވެގެން ނުވާނެއެވެ. ކުށެއް ކުރެވިއްޖެނަމަ މާފަށް އެދުމުން އެކަން ބަލައިގަންނަ، ރުޅިމޫނުހަދާ ބާކީކޮށްނުލާނެ، ހިތްހެޔޮކަމާއި އެކުވެރިކަމާއެކު މުއާމަލާތުކުރާ ތަނަކަށް ވަޒީފާގެ މާހައުލު ވާންޖެހެއެވެ.

އިންސާނަކަށް ދެވޭނެ އެންމެ މަތިވެރި ލޯތްބަކީ، އެއްވެސް ޖެހިލުމެއް އަދި ބިރެއްނެތި އެމީހެއްގެ ހިތުގައިވާ އެއްޗެއް ހާމަކުރެވޭނެ ރައްކާތެރި މާހައުލެއް އޭނާއަށް ތަނަވަސްކޮށްދިނުމެވެ. ސަބަބަކީ ކޮންމެ އިންސާނެއްގެ އަޑުގެ ފަހަތުގައިވެސް އަޑުއަހަންޖެހޭ އަގުހުރި ވާހަކައެއް ވާތީއެވެ.

ކޮންމެ ވާހަކައަކީވެސް އިހުތިރާމް ހައްގު ވާހަކައެކެވެ. އަދި "ތިޔައީ އަޑުއަހަން ބޭނުންވާ، އަގުހުރި ވާހަކައެއް" ކަމުގައި އޯގާތެރިކަމާއެކު ބުނާއަޑު އިވުމަކީ، މި މުޖުތަމައުގެ ކޮންމެ ފަރުދަކަށްމެ ލިބެންޖެހޭ އެންމެ އަގުބޮޑު ހަދިޔާއެވެ. އެފަދަ މާހައުލެއް ބިނާކުރެވިއްޖެނަމަ، އަޅުގަނޑުމެންގެ މުޖުތަމައަކީ ހަގީގީ މާނައިގައި އިތުބާރާއި ކުލުނާއި ލޯބީގެކިއްލާއަކަށް ވެގެންދާނެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް