ކުޑަކުދިންނަށް އިހުމާލުވުމާއި އަންހެނުންނަށް ޖިސްމާނީ އަނިޔާ ކުރުމުގެ މައްސަލަތައް މިދިޔަ މަހު އިތުރުވެފައިވާ ކަމަށް ފެމިލީ މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ފެމިލީ މިނިސްޓްރީން މިއަދު އާންމުކުރި ތަފާސްހިސާބުން ދައްކާ ގޮތުގައި މިދިޔަ މަހު 228 މައްސަލައެއް ބަލައިފައިވެއެވެ. އޭގެ ތެރެއިން ކުޑަކުދިންނަށް ކުރާ އަނިޔާގެ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައީ އިހުމާލުވުމުގެ މައްސަލަތައް ކަމަށްވާއިރު، އެފަދަ 22 މައްސަލައެއް ރިޕޯޓުކޮށްފައިވެއެވެ. އެއީ އަންހެން ކުދިންނާ ގުޅުންހުރި 16 މައްސަލައާއި ފިރިހެން ކުދިންނާ ގުޅުންހުރި ހަ މައްސަލައެވެ.
އެއާ އަޅައިބަލާއިރު ޖޫން މަހު ހުށަހަޅައިފައިވަނީ އިހުމާލުވުމުގެ 14 މައްސަލައެކެވެ.
މިދިޔަ މަހު ދެވަނައަށް އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ ކުޑަކުދިންނަށް ޖިންސީ އަނިޔާކުރުމުގެ މައްސަލަތަކެވެ. އެގޮތުން އަންހެން ކުދިންނާ ގުޅުންހުރި 14 މައްސަލައަކާއި ފިރިހެން ކުދިންނާ ގުޅުންހުރި ތިން މައްސަލައެއް ހުށަހަޅައިފައިވެއެވެ. އަދި ކުޑަކުދިންނަށް ގެވެށި އަނިޔާ ކުރުމުގެ 14 މައްސަލައާއި ޖިސްމާނީ އަނިޔާގެ ހަތް މައްސަލައެއް ވެސް ރިޕޯޓުކޮށްފައިވެއެވެ.
ޖިންސީ ގޯނާއާ ދެކޮޅަށް ބޭއްވި ހިނގާލުމެއްގެ ތެރެއިން: ކުޑަކުދިންނަށް އިހުމާލުވުމާއި އަންހެނުންނަށް ޖިސްމާނީ އަނިޔާކުރުމުގެ މައްސަލަތައް ވަނީ އިތުރުވެފައި -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް
ކުޑަކުދިންނާ ގުޅުންހުރި އެހެނިހެން 15 މައްސަލައެއް ހުށަަހަޅައިފައިވާއިރު، އޭގެ ތެރޭގައި ގެއިން ފިލައިގެން ދިޔުމުގެ ދެ މައްސަލައާއި ސްކޫލަށް ދާން ދެކޮޅު ހެދުމުގެ ހަތަރު މައްސަލައެއް ހިމެނެއެވެ.
ފެމިލީ މިނިސްޓްރީން ބަލައިފައިވާ، ވަކި ޖިންސަކަށްވީތީ ކުރާ އަނިޔާ ނުވަތަ ގެވެށި އަނިޔާގެ މައްސަލަތަކުގެ ތެރޭގައި 54 މައްސަލައެއް ހިމެނެއެވެ. އޭގެ ތެރޭގައި އެންމެ ގިނައީ ޖިސްމާނީ އަނިޔާގެ މައްސަލަތައް ކަމަށްވާއިރު، އަންހެނުންނަށް ޖިސްމާނީ އަނިޔާ ކުރުމުގެ 27 މައްސަލައަކާއި ފިރިހެނުންނަށް އަނިޔާކުރުމުގެ ފަސް މައްސަލައެއް ރިޕޯޓުކޮށްފައިވެއެވެ.
ދެވަނައަށް އެންމެ ގިނައީ އަނގަބަހުން ނުވަތަ ނަފުސާނީ ގޮތުން ކުރާ އަނިޔާ ކަމަށްވާއިރު، އެފަދަ 12 މައްސަލައެއް މިނިސްޓްރީން ބަލައިފައިވެއެވެ.
މީގެ އިތުރުން އެ މިނިސްޓްރީން ވަނީ ދައުލަތުގެ ބެލުމުގެ ދަށުގައިވާ ދެ ކުއްޖަކު ފޯސްޓާ ކުރުމަށް ހަވާލުކޮށް، ދެ ފިރިހެން ކުދިންނާއި އަންހެން ކުއްޖަކު، އަލުން އާއިލާތަކާ ހަވާލުކޮށްފައެވެ.
ރާއްޖެއަކީ ކުޑަކުދިންނަށް އަނިޔާ ކުރުމާއި ގެވެށި އަނިޔާގެ މައްސަލަތައް ގިނަ ގައުމެކެވެ. ފުލުހުންގެ ތަފާސްހިސާބުން ދައްކާ ގޮތުގައި މިދިޔަ އަހަރު ގެވެށި އަނިޔާގެ 320 މައްސަލައެއް ރިޕޯޓުކޮށްފައިވާއިރު، އެއީ 2024އާ އަޅައިބަލާއިރު 25 ޕަސެންޓް އިތުރު އަދަދެކެވެ.