ވަޒީފާއަކީ ހަމައެކަނި މަހުން މަހަށް ލިބޭ މުސާރައެއް، ކަނޑައެޅިފައިވާ ޒިންމާތަކެއް ނުވަތަ ޙާޞިލުކުރަންޖެހޭ ލަނޑުދަނޑިތަކެއް އެކަންޏެއް ނޫނެވެ. އެއީ ދުވަހުގެ ބޮޑުބައި ހޭދަކުރާ މާޙައުލުން މީހާއަށް ލިބޭ ޖުމްލަ ތަޖުރިބާއެވެ.
ދާދިފަހުން ލިންކްޑްއިންގައި ދައުރުވި އިސްތިޢުފާގެ ސިޓީއެއްގައި ޒުވާން މުވައްޒަފަކު ފާހަގަކޮށްފައިވެއެވެ. "އަހަރެންގެ މައިންބަފައިންވެސް އަހަންނާ ދިމާއަށް އަޑުއުފުލައި ހަޅޭއްލަވައިފައެއް ނުވެއެވެ. ވެރިއަކު ހަޅޭއްލަވާ އަޑުއެހުމަކީ އަހަރެން އެއްބަސްވި ކަމެއް ނޫނެވެ."
މި ވާހަކައިން ވަރަށް އަސަރުގަދަ ޙަޤީޤަތެއް ހާމަވެއެވެ. ހަޅޭއްލެވުމާއި، މީހުން ދަށްކޮށްލުމާއި، ލަދުގަންނުވައި ބިރުދެއްކުމަކީ ވަޒީފާގެ ބަޔާނުގައި ލިޔެވިފައި އޮންނަ ކަންކަމެއް ނޫނެވެ. ނަމަވެސް ބައެއް މާޙައުލުތަކުގައި މިއީ އާދައަކަށް ވަނީ ވެފައެވެ.
ވަޒީފާއެއްގައި އުޅޭ ކޮންމެ މީހަކުވެސް ދުވާލެއްގެ މައްޗަށް 8 ނުވަތަ 10 ގަޑިއިރު ހޭދަކުރަނީ ވަޒީފާގައެވެ. ބައްދަލުވުންތަކުގައި ބައިވެރިވެ، ފާޑުކިޔުންތަކާ ކުރިމަތިލައި، ކުށްތައް ކުރެވި، ޑެޑްލައިންތަކުގެ ފިއްތުންތަކާ އެކުގައެވެ. އެހެންކަމުން މުއައްސަސާތަކުގެ ވެރިން އަމިއްލަ ނަފުސާ ކޮށްލަންޖެހޭ ސުވާލަކީ "މީނާ ކުރަންޖެހޭނީ ކޮން ކަމެއްތޯ؟" އެކަންޏެއް ނޫނެވެ. މީގެ އިތުރުން "މިތަނުގައި މަސައްކަތްކުރާ މީހަކަށް ކުރެވޭނީ ކޮން ކަހަލަ އިޙްސާސެއްތޯ؟" އެއީވެސް ކުރަން މުހިންމު ސުވާލެކެވެ.
މަސައްކަތުގެ މާޙައުލުގެ ނަފުސާނީ ރައްކާތެރިކަމުގެ ވާހަކަދެއްކުމުގެ މާނައަކީ، ކަންކަމާ އަޅާނުލާ މަސައްކަތުގެ ފެންވަރު ދަށްކުރުމެއް ނޫނެވެ. ހަރުދަނާގޮތެއްގައި ޒިންމާދާރު ކުރުވުމާއި، މަސައްކަތުގެ ބުރަކަމުގެ ތެރެއިންވެސް، އިންސާނީ ކަރާމާތް ދެމެހެއްޓިދާނެވެ. މީހަކަށް ކުށެއް ކުރެވިއްޖެނަމަ، ބޭއަދަބީ ބަސްތައް ބޭނުންކޮށް ލަދުގަންނަވާނުލާ ވެސް އެކަން އިޞްލާޙު ކުރެވިދާނެއެވެ. ބިރުދެއްކުމާ ނުލާވެސް ޤާބިލުކަން އިތުރުކުރުމަށް ބާރުއެޅިދާނެއެވެ.
ޒިންމާދާރުކުރުވުމަކީ "މިކަން ރަނގަޅުކުރަން ޖެހޭ" ކަމަށް ބުނުމެވެ. ނަމަވެސް ބިރުވެރިކަމަކީ "މައްސަލައަކީ ކަލޭ" ކަމަށް ބުނެ މީހާ ކުޑަކޮށްލުމެވެ. ޒިންމާދާރު ކުރުވުމުން މީހާއަށް ކުރިއެރުން ގެނެސްދޭއިރު، މީހާ ދަށްކޮށްލުމުން އުފެދެނީ ހިމޭންކަމާއި މާޔޫސްކަމެވެ.
ވަޒީފާގެ މާޙައުލުގެ މި ޙަޤީޤަތް އިންޓަވިއު މަރުޙަލާއިންވެސް ދެނެގަނެވެއެވެ. ވަޒީފާއެއް ހޯދަމުންދިޔަ ޒުވާނަކު ކިޔައިދިން ގޮތުގައި، އޭނާ ދިޔަ ބައެއް އިންޓަވިއުއެއްގައި ދެކެވުނު ވާހަކަތަކުން ދޭހަވީ، އެތަނަކީ ބުރަބޮޑު، ނުތަނަވަސް، އަދި ކޮންމެ ހިތްދަތިކަމަކަށް ކެތްކޮށްގެން އުޅެންޖެހޭ އަނިޔާވެރި މާޙައުލެއް ކަމެވެ.
ވަޒީފާއަށް ޝައުޤުވެރިކުރުވުމުގެ ބަދަލުގައި، އެތަނުން ދިނީ ބިރުވެރިކަމުގެ އިންޒާރެކެވެ. އޭނާއަށް އެ ވަޒީފާ ލިބުމުންވެސް އެކަން ދޫކޮށްލީ އެހެންވެގެންނެވެ. ހަނދާން ބަހައްޓަންވީ ކަމަކީ، އިންޓަވިއުއަކުން ނިކުންނަ ނަތީޖާއަކީ ހަމައެކަނި މުއައްސަސާއަކުން މީހަކު ވަޒަންކުރުމެއް ނޫން ކަމެވެ. ވަޒީފާއަށް އެދޭ މީހާވެސް ދަނީ އެ މުއައްސަސާގެ ވެރިންގެ ވާހަކަދެއްކުމުގެ ވައްޓަފާޅިއާއި، މުވައްޒަފުންނާމެދު ދެކޭގޮތް ވަޒަންކުރަމުންނެވެ.
އަޅުގަނޑުމެން ވަޒީފާގެ މަސްއޫލިއްޔަތުތައް ބަޔާންކުރަން ގިނަ ވަގުތު ހޭދަކުރާއިރު، އެ ވަޒީފާ އަދާކުރާނެ މާޙައުލު ބައްޓަންކުރުމަށްވެސް އެވަރަށް ސަމާލުކަން ދޭންޖެހެއެވެ. ވިހަ މާޙައުލެއްގައި އަދާކުރަންޖެހޭ ކޮންމެ ވަޒީފާއަކީ ނުރައްކާތެރި ވަޒީފާއެކެވެ. ބޮޑު މުސާރައަކުން މީހަކަށް ތަކުރާރުކޮށް ލިބޭ މަލާމާތާއި އިހާނެތިކަމެއް ފިލުވައެއް ނުދެވޭނެއެވެ. މަޤާމެއްގެ ރީތި ނަމަކުން ހިތުގައި އޮންނަ ބިރުވެރިކަމެއް ފިލައެއް ނުދާނެއެވެ. އަދި އަހަރަކު އެއްފަހަރު ބާއްވާ ހަފުލާއަކުން، ހިތްހަމަނުޖެހުންތައް ފާޅުކުރަން ބިރުގަންނަ ޘަޤާފަތެއް އިޞްލާޙެއް ނުކުރެވޭނެއެވެ.
މާޙައުލު ބައްޓަންވަނީ ވެރިންގެ ޢަމަލުތަކުންނެވެ. ކަމެއް ގޯސްވުމުން ޢަމަލުކުރާ ގޮތާއި، ޕްރެޝަރުގެ ވަގުތު ބޭނުންކުރާ ބަސްމަގާއި، މުވައްޒަފުންގެ އަޑުއަހާ މިންވަރުގެ މައްޗަށެވެ. ކުށެއްކުރެވުމަކީ ލަދުގަންނުވާލަން ލިބޭ ފުރުޞަތެއްގެ ބަދަލުގައި، އުނގެނުމަށް ލިބޭ ފުރުޞަތަކަށް ހަދަންޖެހެއެވެ. ވެރިން އަމިއްލަ ނަފުސާ ކޮށްލަން އެންމެ މުހިންމު ސުވާލަކީ "މި މާޙައުލުގައި ތެދުބަހުން ވާހަކަދައްކަން މީހުން ފަސްޖެހެނީ ކީއްވެގެން ހެއްޔެވެ؟"
ވަޒީފާއަދާލުރުމަކީ ހަމައެކަނި މުވައްޒަފު މުއައްސަސާއަށް ކޮށްދޭ ކަމެއް ނޫނެވެ. އެއީ މުއައްސަސާގެ ސަބަބުން މުވައްޒަފުގެ ނަފުސަށް އަންނަ ބަދަލުތައްވެސް ހިމެނޭ ކަމެކެވެ. މުވައްޒަފުގެ ކިބައިގައި އުފެދެނީ އިތުބާރު ހެއްޔެވެ؟ ނުވަތަ ބިރުވެރިކަން ހެއްޔެވެ؟ ކުރިއެރުން ހެއްޔެވެ؟ ނުވަތަ ވަރުބަލިކަން ހެއްޔެވެ؟
ރަނގަޅު މުސާރައަކުން މީހަކު ވަޒީފާއަށް ގެނެވިދާނެއެވެ. އެކަމަކު މީހާގެ ޤާބިލުކަމުގެ އެންމެ މަތީ ދަރަޖައަށް ވާސިލުކޮށްދެވޭނީ - ބިރުވެރިކަމެއް ނެތި، އިންސާނީ ކަރާމާތް ރައްކާތެރިކޮށްދޭނެ ފަދަ ނަފުސާނީ ރައްކާތެރިކަން ކަށަވަރުކޮށްދީގެންނެވެ.