ރަށްވެހިކަން ދޫކުރުމުން ފީ ނެގުން އާންމު ވާތީ އުސޫލެއް ހަދަނީ

އެލްޖީއޭގެ ސީއީއޯ މުހައްމަދު ނިމާލް: ރަށްވެހިކަން ދޫކުރުމުން ފީ ނެގުން އާންމު ވާތީ އުސޫލެއް ހަދަނީ -- ފޮޓޯ/ އެލްޖީއޭ

ރަށްވެހިކަން ދޫކޮށްލާއިރު ބައެއް ކައުންސިލްތަކުން ބޮޑެތި ފީތައް ނަގަމުންދާތީ އެކަމާ ކަންބޮޑުވުން ފާޅުކޮށް، ލޯކަލް ގަވަމެންޓް އޮތޯރެޓީ (އެލްޖީއޭ)އިން އެކަމާ ބެހޭ އުސޫލެއް ނެރެން ނިންމައިފިއެެވެ.

ބައެއް ކައުންސިލްތަކުން ވަނީ ރަށުގެ ރައްވެހިކަން ދޫކޮށްލާނަމަ ބޮޑެތި އަދަދުތަކުން ފީނެގުމަށް ނިންމާފައެވެ.

މިކަމާ ގުޅިގެން 'ސަން'އިން ސުވާލުކުރުމުން އެލްޖީއޭގެ ސީއީއޯ މުޙައްމަދު ނިމާލު ވަނީ ބައެއް ކައުންސިލްތަކުން އެޑްމިނިސްޓޭޓިވް ފީއެއްގެ ގޮތުގައި 5،000 ރުފިޔާ ވެސް ނެގުމަށް ނިންމާފައިވާ ކަމަށާއި އެއީ އާންމު ރައްޔިތު މީހާގެ އަތުން ދާނެ ވަރަށް ބޮޑު ޚަރަދެއް ކަމަށް ވިދާޅުވެފައެވެ.

ނިމާލް ވަނީ އެފަދައިން ނަގާ ފީތަކަކީ އާންމުންނަށް ތަކުލީފަކަށް ވެގެން ނުވާނެ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް 5،000 ނުވަތަ 6،000 ރުފިޔާގެ ފީއެއް އާންމުންގެ އަތުން ނަގާނަމަ އެއީ ވަރަށް ބޮޑު ޚަރަދަކަށް ވެގެންދާނެކަން ނިމާލް ވަނީ ފާހަގަކުރައްވާފައެވެ.

މިހާރު 5،000 ރިފިޔާއިން 6،000 ރުފިޔާއިން ފީދައްކަން ވެއްޖިއްޔާ އާންމު މީހާއަށް ވަރަށް ބޮޑު ތަކުލީފަކަށް ދޯ އެކަން ވާނީ. ވިސްނަވާ ދެމަފިރިންނާ ދަރިޔަކު ބަދަލުވާން ވިޔަސް އޭރުން ދައްކަން އެބަޖެހޭ 15،000 ރުފިޔާ. ބޮޑު ޚަރަދެއްނު އެއީ ވެސް. އެލްޖީއޭގެ ސީއީއޯ މުޙައްމަދު ނިމާލު

ނިމާލް ވަނީ ކައުންސިލްތަކުން ބޮޑެތި އަދަދުތަކުން ފީނަގާ މައްސަލައަށް ހައްލެއް ގެނައުމުގެ ގޮތުން ވަރަށް އަވަހަށް އެކަމާބެހޭ އުސޫލެއް އެލްޖީއޭއިން ނެރެން ނިންމާފައިވާކަމަށް ވިދާޅުވެފައެެވެ.

"އަޅުގަނޑުމެން ވަރަށް އަވަހަށް އެކަމާ ބެހޭ [ކައުންސިލްތަކުން ބޮޑެތި އަދަދުތަކުން ފީނެގުމާބެހޭ] އުސޫލެއް ނެރޭނަން." އެލްޖީއޭގެ ސީއީއޯ މުޙައްމަދު ނިމާލް ވިދާޅުވިއެވެ.

ނިމާލް ވިދާޅުވީ ރައްވެހިކަން ބަދަލުވާނަމަ ބޭނުން އަދަދަކުން ފީ ނެގުމުގެ އިޚްތިޔާރު މިހާރު ކައުންސިލްތަކަށް އޮންނަ ކަމަށެވެ. ނަމަވެސް އޭނާ ވަނީ އެހެން އެކަން އޮތް ކަމުގައިވީ ނަމަވެސް އެކަން ކުރަންވާނީ ރައްޔިތުނަށް އެ ބުރަ އުފުލޭނޭ މިންވަރުން ކަމަށް ވިދާޅުވެފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ފ. ބިލެތްދޫ ކައުންސިލުން އިއްޔެ ވަނީ ބިލެތްދޫގެ ރަށްވެހިކަން ދޫކޮށްލާނަމަ، 5،000 ރުފިޔާގެ ފީއެއް ނެގުމަށް ނިންމާފައެވެ. އަދި އެހެން ރަށެއްގެ ދަފުތަރުން ކެނޑިގެން ބިލެތްދޫގެ ރަށްވެއްސަކަށް ވުމަށް ހުށަހަޅާ މީހުންނަށް 2،500 ރުފިޔާގެ ހަދިޔާއެއް ދިނުމަށް ވެސް އެ ރަށު ކައުންސިލުން ނިންމާފައިވެއެވެ.

https://sun.mv/227186

އެއީ ރަށްވެހިކަން ބަދަލުކުރާނަަމަ، ފީއެއް ނަގަން ނިންމި ހަމައެކަނި ރަށެއް ނޫނެވެ. އާބާދީ މަދުވާތީ ޅ. ހިންނަވަރުގެ ރަށްވެހިކަން ދޫކޮށްލާނަމަ، 2،000 ރުފިޔާގެ އިދާރީ ފީއެއް ނެގުމަށް މިދިޔަ މަހު ހިންނަވަރު ކައުންސިލުން ވެސް ވަނީ ނިންމާފައެވެ. މީގެ އިތުރުން ތ. ކިބިދޫ ކައުންސިލުން ވެސް އެ ރަށުގެ ރަށްވެހިކަން ބަދަލުކުރާނަމަ 1،200 ރުފިޔާގެ ފީއެއް ނެގުމަށް ވަނީ ނިންމައިފައެވެ.

ދިވެހިރާއްޖޭގެ ރަށެއްގެ ރަށްވެއްސަކަށް ވުމާ ބެހޭ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގައި، އެއް ރަށުން އަނެއް ރަށަށް ބަދަލުވުމުގެ އިޚުތިޔާރު ކޮންމެ މީހަކަށް ވެސް ލިބިގެންވެއެވެ. އެގޮތުން އެންމެ ގިނަ މީހުން ރަށްވެހިކަން ބަދަލު ކުރާ ތަނަކީ ވެރިކަން ކުރާ މާލެއެވެ.

comment ކޮމެންޓް