ބިލެތްދޫގެ ރަށްވެހިކަން ދޫކޮށްލާނަމަ 5،000ރ. ނަގައި، ރަށްވެއްސަކަށްވާނަމަ 2،500ރ. ދެނީ

ފ. ބިލެތްދޫގައި ކުޑަކުދިންތަކެއް: އެ ރަށުގެ ރަށްވެހިކަން ދޫކޮށްލާނަމަ ފީއެއް ނަގަން ވަނީ ނިންމާފައި --- ފޮޓޯ/ ބިލެތްދޫ ކައުންސިލް

ހާހެއްހާ މީހުން ވެސް ހަމަނުވާ ފ. ބިލެތްދޫގެ ރަށްވެހިކަން ދޫކޮށްލާނަމަ، ފީއެއް ނެގުމަށް އެ ރަށު ކައުންސިލުން ނިންމައިފިއެވެ.

ބިލެތްދޫ ކައުންސިލުން މި މަހު ކުރި އިއުލާނެއްގައި ވަނީ، މި މަހުން ފެށިގެން އެ ރަށުގެ ރަށްވެހިކަމުން ވަކިވުމަށް ހުށަހަޅާ މީހުން އަތުން 5،000 ރުފިޔާގެ ފީއެއް ނެގުމަށް ނިންމާފައިވާ ކަމަށެވެ.

މީގެއިތުރުން، އެހެން ރަށެއްގެ ދަފުތަރުން ކެނޑިގެން ބިލެތްދޫގެ ރަށްވެއްސަކަށް ވުމަށް ހުށަހަޅާ މީހުންނަށް 2،500 ރުފިޔާގެ ހަދިޔާއެއް ދިނުމަށް ވެސް އެ ރަށު ކައުންސިލުން ނިންމާފައިވެއެވެ.

ނަމަވެސް، ރަށްވެހިކަން ދޫކޮށްލާނަމަ، ފީއެއް ނަގަން ނިންމި ސަބަބެއް އެ ރަށު ކައުންސިލުން ހާމައެއް ނުކުރެއެވެ.

މާލޭން ފުރައިގެން ތިނެއް ނުވަތަ ހަތަރު ވަރަކަށް ގަޑިއިރު ދެވޭ ބިލެތްދޫގައި ދިރިއުޅެނީ، 967 މީހުން ކަމަށް އެންމެ ފަހުގެ ބޯހިމެނުމުން ދައްކައެވެ.

ފާހަގަކުރެވޭ ގޮތުގައި، މިއީ ރަށްވެހިކަން ބަދަލުކުރާނަަމަ، ފީއެއް ނަގަން ނިންމި ހަމައެކަނި ރަށެއް ނޫނެވެ. އެގޮތުން، އާބާދީ މަދުވާތީ ޅ. ހިންނަވަރުގެ ރަށްވެހިކަން ދޫކޮށްލާނަމަ، 2،000 ރުފިޔާގެ އިދާރީ ފީއެއް ނެގުމަށް މިދިޔަ މަހު އެ ރަށު ކައުންސިލުން ވަނީ ނިންމާފައެވެ.

އޭގެފަހުން، އާބާދީއަށް ނުރަނގަޅު އަސަރު ކުރާތީ، ތ. ކިނބިދޫގެ ރަށްވެހިކަން ދޫކޮށްލާނަމަ، 1،200 ރުފިޔާގެ ފީއެއް މި މަހުން ފެށިގެން ނެގުމަށް އެރަށު ކައުންސިލުން ވެސް ވަނީ ނިންމާފައެވެ.

https://sun.mv/226924

ދިވެހިރާއްޖޭގެ ރަށެއްގެ ރަށްވެއްސަކަށް ވުމާ ބެހޭ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގައި، އެއް ރަށުން އަނެއް ރަށަށް ބަދަލުވުމުގެ އިޚުތިޔާރު ކޮންމެ މީހަކަށް ވެސް ލިބިގެންވެއެވެ. އެގޮތުން އެންމެ ގިނަ މީހުން ރަށްވެހިކަން ބަދަލު ކުރާ ތަނަކީ ވެރިކަން ކުރާ މާލެއެވެ.

comment ކޮމެންޓް