ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް މެންބަރުން އިންތިޚާބުކުރުމަށް ބާއްވާ އިންތިޚާބުގެ ވޯޓުލުން މިއަދު ހެނދުނު ފަށައިފިއެވެ.
ލާމަރުކަޒީ ގާނޫނުގެ ދަށުން އެލްޖީއޭގެ ބޯޑަށް އިންތިޚާބު ކުރަންޖެހެނީ ސިޓީ ކައުންސިލަރުންގެ ތެރެއިން މެންބަރަކާއި، ރަށު ކައުންސިލަރުންގެ ތެރެއިން މެންބަރެއްގެ އިތުރުން އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ (އަންހެނުންގެ ކޮމިޓީ) ތަކުގެ ރައީސުންގެ ތެރެއިން އިންތިޚާބު ކުރާ މެންބަރެކެވެ. މީގެ ތެރެއިން ސިޓީ ކައުންސިލްތަކުގެ މަންދޫބަކަށް ކުރިމަތިލެއްވީ ކުޅުދުއްފުށި ސިޓީގެ މޭޔަރު މުޙައްމަދު އާތިފް އެކަނި ކަމަށްވާތީ، އޭނާ ވަނީ ވޯޓަކާ ނުލައި އެ މަގާމަށް އިންތިޚާބުވެވަޑައިގެންފައެވެ. އެހެންކަމުން މިއަދު ކުރިއަށް ދަނީ ބާކީ ދެ މަގާމަށް މެންބަރުން ހޮވުމުގެ ވޯޓުލުމެވެ.
މިއަދު ހެނދުނު 10:00 އިން ހަވީރު 4:00 އަށް ވޯޓުލުން ކުރިއަށްދާއިރު، މާލޭގައި ހުންނަ އެލްޖީއޭ އޮފީހާއި އަތޮޅުތަކުގެ ސަރުކާރު ޚިދުމާތު މަރުކަޒުތަކުގެ އިތުރުން ހުޅުދޫ އިޖުތިމާއީ މަރުކަޒު ހިމެނޭހެން ޖުމްލަ 19 ވޯޓުފޮށި ވަނީ ބަހައްޓާފައެވެ. ވޯޓުލުމުގެ ވަގުތު ހަމަވާއިރު ކިޔޫގައި ތިބޭ މީހުންނަށް ވޯޓުލުމުގެ ފުރުސަތު ދިނުމަށް ވަނީ ހަމަޖެހިފައެވެ.
ދައުލަތުގެ މީޑިއާއިން އެލްޖީއޭއާ ހަވާލާދީ ރިޕޯޓުކުރި ގޮތުގައި މި އިންތިޚާބުގައި ވޯޓުލުމުގެ ހައްގު 807 ފަރާތަކަށް ލިބިގެންވެއެވެ. އޭގެ ތެރޭގައި ހިމެނެނީ 625 ކައުންސިލަރުންނާއި އަންހެނުންގެ ކޮމިޓީތަކުގެ 182 ރައީސުންނެވެ. ދެ މެންބަރުން ހޮވުމުގެ ވޯޓުލުން ވެސް ކުރިއަށްދަނީ އެއް ވޯޓުފޮއްޓަކަށް ކަމަށްވީ ނަމަވެސް، ދެ މަގާމަށް ދޫކުރާ ވޯޓު ކަރުދާހުގެ ކުލަ ތަފާތުވާނެ ކަމަށް އެލްޖީއޭއިން މައުލޫމާތުދެއެވެ.
އެލްޖީއޭއިން ބުނި ގޮތުގައި ވޯޓުލުން ނިންމައި ފޮށިތައް ބަންދުކުރާތާ 30 މިނެޓު ތެރޭގައި ވޯޓު ގުނަން ފަށާނެއެވެ. އަދި އިންތިޚާބުގެ ވަގުތީ ނަތީޖާ މިރޭ އިއުލާންކުރުމަށް ހަމަޖެހިފައިވާއިރު، ދާއިމީ ނަތީޖާ އިއުލާންކުރާނީ އަންނަ ނޮވެމްބަރު މަހުގެ ތިންވަނަ ދުވަހުއެވެ.
ކައުންސިލްތައް ޖަވާބުދާރީ ކުރުވުމާއި ޒިންމާދާރުކުރުވުމުގެ ޒިންމާ އޮންނަ އެލްޖީއޭގެ ބޯޑު ރައީސަކީ ފިނޭންސް މިނިސްޓަރު ޙަސަން ޒަރީރެވެ. އެ އޮތޯރިޓީގެ ސީއީއޯއަކީ މުހައްމަދު ނިމާލެވެ.