އެލްޖީއޭގެ ބޯޑުގެ ރަށު ކައުންސިލާއި އަންހެނުންގެ ކޮމިޓީގެ ގޮނޑި ވެރިކަންކުރާ ޕީއެންސީއަށް

އެލްޖީއޭގެ މިއަދުގެ އިންތިޚާބުގެ ތެރެއިން: ރަށު ކައުންސިލުތަކުގެ ރައީސްގެ ގޮނޑިއާއި އަންހެނުން ކޮމިޓީގެ ރައީސާގެ ގޮނޑި ވެސް ލިބުނީ ޕީއެންސީއަށް --- ފޮޓޯ: އެލްޖީއޭ

ކައުންސިލުތަކުގެ ބެލެނިވެރި ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ބޯޑަށް އަންހެނުންގެ ކޮމިޓީތަކުގެ ރައީސުންގެ ފަރާތުން މެންބަރަކާއި ރަށު ކައުންސިލުތަކުގެ ފަރާތުން މެންބަރެއް ހޮވުމަށް ބޭއްވި އިންތިޚާބު ވެރިކަންކުރާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ.

ލާމަރުކަޒީ ގާނޫނުގެ ދަށުން އެލްޖީއޭގެ ބޯޑަށް އިންތިޚާބު ކުރަންޖެހެނީ ސިޓީ ކައުންސިލުތަކުގެ މޭޔަރުންގެ ތެރެއިން މެންބަރަކާއި ރަށު ކައުންސިލަރުންގެ ރައީސުންގެ ތެރެއިން މެންބަރެއްގެ އިތުރުން އަންހެނުންގެ ކޮމިޓީތަކުގެ ރައީސުންގެ ތެރެއިން މެންބަރެކެވެ. އޭގެ ތެރެއިން ސިޓީ ކައުންސިލުތަކުގެ ފަރާތުން މެންބަރުކަމަށް ކުރިމަތިލެއްވީ ކުޅުދުއްފުށި ސިޓީގެ މޭޔަރު މުޙައްމަދު ޢާޠިފް އެކަންޏެވެ. އެހެންވެ އޭނާ ވަނީ ވޯޓަކާ ނުލައި އެ މަގާމަށް އިންތިޚާބުވެވަޑައިގެންފައެވެ.

އެހެންކަމުން މިއަދު ބޭއްވީ ބާކީ ދެ މެންބަރުން ހޮވުމުގެ އިންތިޚާބެވެ.

އިންތިޚާބުގެ ނަތީޖާއަށް ބަލައިލާއިރު، އެލްޖީއޭގެ ބޯޑަށް ރަށު ކައުންސިލުތަކުގެ ރައީސުންގެ ފަރާތުން ވާދަކުރެއްވި ޕީއެންސީގެ ފ. ނިލަންދޫ ކައުންސިލުގެ ރައީސް ޢަލީ އަހްމަދަށް 312 ވޯޓު ލިބުނުއިރު، އެމްޑީޕީގެ ނ. މަނަދޫ ކައުންސިލުގެ ރައީސް ޢަލީ ޒާފިރަށް ލިބުނީ 229 ވޯޓެވެ.

އަދި އަންހެނުންގެ ކޮމިޓީތަކުގެ ރައީސުންގެ ފަރާތުން ވާދަކުރެއްވި ޕީއެންސީގެ ށ. ފުނަދޫ އަންހެނުންގެ ކޮމިޓީގެ ރައީސާ މަރްޔަމް ޒީނާއަށް 79 ވޯޓު ލިބުނުއިރު، އެމްޑީޕީގެ ލ. ގަމު އަންހެނުންގެ ކޮމިޓީގެ ރައީސާ މަރްޔަމް ނީނާއަށް ލިބުނީ 53 ވޯޓެވެ.

އެލްޖީއޭން ބުނީ މި އިންތިޚާބުގައި ވޯޓުލުމުގެ ހައްގު 807 ފަރާތަކަށް ލިބިގެންވާ ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ 625 ކައުންސިލަރުންނާއި އަންހެނުންގެ ކޮމިޓީތަކުގެ 182 ރައީސުންނެވެ.

ކައުންސިލްތައް ޖަވާބުދާރީ ކުރުވުމާއި ޒިންމާދާރުކުރުވުމުގެ ޒިންމާ އޮންނަ އެލްޖީއޭގެ ބޯޑު ރައީސަކީ ފިނޭންސް މިނިސްޓަރު ޙަސަން ޒަރީރެވެ. އެ އިދާރާގެ ސީއީއޯއަކީ މުހައްމަދު ނިމާލެވެ. އެ އިދާރާގައި ބޯޑު މެންބަރުންގެ ގޮތުގައި ދެން ތިއްބަވަނީ މުޙައްމަދު ޢާރިފާއި މުޙައްމަދު އާޒާދާއި ޢާއިޝަތު ޢަރީފާއެވެ.

comment ކޮމެންޓް