ރިސޯޓްތަކުން 40 ޕަސެންޓް މާރުކުރަން މަޖުބޫރުކޮށް, ކަޅު ބާޒާރުގެ އަގު ރިޕޯޓް ކުރުމުން ޖޫރިމަނާ ކުރާ ބިލު ތަސްދީގުކުރައްވައިފި

މީގެ ކުރިން ރައީސް ބިލެއް ތަސްދީގުކުރައްވަނީ -- ފޮޓޯ: ރައީސް އޮފީސް

މަރުކަޒީ ބޭންކު (އެމްއެމްއޭ) އިން ބޭރު ފައިސާ ވިއްކުމަށް ކަނޑައަޅާފައިވާ އަގަށް ވުރެ ބޮޑުކޮށް ކަޅުބާޒާރުގައި ބޭރު ފައިސާ ވިއްކާ ވާހަކަ އާއި އޭގެ އަގުތައް ޝާއިއުކުރުން މަނާކޮށް، އަދި ރިސޯޓުތަކަށް ލިބޭ ޑޮލަރު އާމްދަނީގެ 40 އިންސައްތަ ބޭންކުތަކަށް މާރުކުރުން މަޖުބޫރުކުރާ ގޮތަށް ބޭރު ފައިސާއާ ބެހޭ ބިލު ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު ތަސްދީގުކުރައްވައިފިއެވެ.

މި ބިލު ތަސްދީގުކުރެއްވީ މިއަދު މެންދުރުފަހު ރައީސް އޮފީހުގައި ބޭއްވި މި ބިލު ހިމެނޭހެން އިތުރު ހަ ބިލެއް ތަސްދީގުކުރެއްވުމަށް އޮތް ރަސްމިއްޔާތެއްގައެވެ.

ސަރުކާރުގެ ފަރާތުން ހޮޅުދޫ ދާއިރާގެ ޕީއެންސީ މެންބަރު އަބްދުއްސައްތާރު މުހައްމަދު ހުށަހެޅުއްވި މި ބިލުގައި ފުރަތަމަ އޮތީ ރިސޯޓުތަކަށް އަންނަ ކޮންމެ ފަތުރުވެރިއެއްގެ ބޮލަކަށް 500 ޑޮލަރު މާރުކުރަން އޮތް އޮތުން އުވާލައި، ރިސޯޓުގެ އާމްދަނީގެ 20 އިންސައްތަ މާރުކުރަން ޖެހޭ ގޮތަށެވެ.

ނަމަވެސް، ކޮމިޓީން ބިލު ނިންމައި ތަޅުމަށް ފޮނުވުމަށްފަހު، އިތުރު އިސްލާހުތަކެއް ގެނައުމަށް އަލުން ކޮމިޓީއަށް ފޮނުވައިގެން ގެނައި ބަދަލާއެކު، ރިސޯޓުތަކުގެ ޑޮލަރު އާމްދަނީގެ 40 އިންސައްތަ ކޮންމެ މަހަކު އެއްފަހަރު މާރުކުރަން ޖެހޭ ގޮތަށް ވަނީ ފާސްކޮށްފައެވެ.

މީގެ އިތުރުން މާލިއްޔަތު ކޮމިޓީން ގެނައި އަނެއް އިސްލާހަކީ، އެމްއެމްއޭން ކަނޑައަޅާފައިވާ ރޭޓަށް ވުރެ ބޮޑު އަގުގައި ބޭރު ފައިސާ ގަނެވިއްކާކަން އިޝްތިހާރުކުރުމާއި ޕްރޮމޯޓުކުރުން މަނާކުރުމެވެ. މިގޮތުން ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް ނުވަތަ އެ ނޫން ވެސް ގޮތަކަށް ކަޅުބާޒާރުގެ ރޭޓުތައް ހާމަކުރުމާއި، ޝާއިއުކުރުމާއި އަދި ފެތުރުމަކީ ކުށެއްގެ ގޮތުގައި ވަނީ ކަނޑައަޅާފައެވެ.

މި މާއްދާއާ ހިލާފުވާ ފަރާތްތަކަށް ކަނޑައަޅާފައިވާ އަދަބުތައް:

  • އާންމު ފަރުދަކު މިފަދަ އަމަލެއް ކޮށްފިނަމަ 25،000 ރުފިޔާ އާއި 500،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުން.
  • ގާނޫނީ ޝަހުސަކުން ނުވަތަ ރަޖިސްޓްރީކޮށްފައިވާ ވިޔަފާރިއަކުން މިފަދަ މައުލޫމާތެއް އާންމުކޮށްފިނަމަ 100،000 ރުފިޔާ އާއި ފަސް މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުން.
  • އަދި މީގެ އިތުރުން، ގާނޫނުގައި މަނާކޮށްފައިވާ ކަމެއް ކުރުމަކީ ޖިނާއީ ކުށެއް ކަމަށް އެހެން ގާނޫނެއްގައި ބަޔާންކޮށްފައިވާ ނަމަ، އިދާރީ ފިޔަވަޅު އެޅުމުގެ އިތުރަށް އެ ފަރާތެއްގެ މައްޗަށް ޖިނާއީ ދައުވާ އުފުލުމުގެ އިހްތިޔާރު ވެސް ލިބިގެންވާ ކަމަށް މި އިސްލާހުގައި ބަޔާންކޮށްފައިވެއެވެ.

މި އިސްލާހުތަކަކީ ރާއްޖޭގެ ބޭރު ފައިސާގެ ނިޒާމު ހަރުދަނާކުރުމަށް އެމްއެމްއޭގެ ގަވަރުނަރު އަހުމަދު މުނައްވަރު ވެސް ގެންނަން ނިންމަވާފައިވާ ކަމަށް އިއުލާނުކުރެއްވި ބަދަލުތަކެކެވެ. މި އިސްލާހުތައް ފާސްކުރިއިރު ކޮމިޓީ މަރުހަލާގައި ރަނގަޅަށް ދިރާސާކުރުމަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) ހާޒިރު ވެސް ނުކުރެއެވެ.

މަޓީން މި މައްސަލައިގައި ނެރުނު ބަޔާނެއްގައި ވަނީ، ކެބިނެޓް ވަޒީރުންނާއި ސަރުކާރުގެ އިސް ވެރިން ބައިވެރިވެވަޑައިގެންނެވި ކުއްލި ބައްދަލުވުމަކަށް މަޓީގެ އެގްޒެކެޓިވް ބޯޑު އިއްޔެ ރައީސް އޮފީހަށް ހާޒިރުކުރި ކަމަށެވެ. އަދި، ގާނޫނާ ޚިލާފު މުޢާމަލާތްތަކެއްގެ ތެރެއިން ބޭރު ފައިސާގެ ކަޅު ބާޒާރު ހިންގުމަށާއި ޑޮލަރުގެ އަގު ބޮޑު ކުރުމުގައި ބައެއް ރިސޯޓު އޮޕަރޭޓަރުން ބައިވެރިވާ ކަމަށް ތަހުގީގުތަކުން ހާމަވި ކަމަށް، އެ ބައްދަލުވުމުގައި އެންގި ކަމަށް މަޓީން ބުންޏެވެ.

އެއާއެކު މަޓީން ވަނީ، އެފަދަ އެއްވެސް ޢަމަލެއްގެ އެއްވެސް މަޢުލޫމާތެއް އެނގިފައި ނުވާކަމަށް ވަރަށް ސާފުކޮށް ބަޔާންކޮށްފައި ކަމަށް އެ ޖަމިއްޔާއިން ބުންޏެވެ.

comment ކޮމެންޓް