މިދިޔަ ހަފުތާގައި ކުއްލި ނުރައްކަލުގެ ޖުމުލަ 16 ހާދިސާއެއްގައި އެމްއެންޑީއެފް ފަޔާ ފައިޓަރުން ހަރަކާތްތެރިވިއިރު، އޭގެތެރޭގައި ގިނައީ އަލިފާނުގެ ހާދިސާތައް ކަމަށް އެމްއެންޑީއެފްގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
އެ ހިސާބުތަކަށް ބަލާއިރު، އެމްއެންޑީއެފް ފަޔާ ފައިޓަރުން މިދިޔަ ހަފުތާގައި އަލިފާނުގެ 13 ހާދިސާއެއްގައި ހަރަކާތްތެރިވިއެވެ.
މެޑް އެންޑް އިވެކް ނުވަތަ އެމްއެންޑީއެފްގެ އުޅަނދުގައި މީހުން ހޮސްޕިޓަލަށް ގެންދިޔުމުގެ ދެ ހާދިސާއަކާއި ހެޒްމެޓް އިންސިޑެންޓުގެ ދެ ހާދިސާއެއްގައި މިދިޔަ ހަފުތާގައި ސިފައިން ހަރަކާތްތެރިވެފައިވެއެވެ.
ޖުމުލަ 16 ހާދިސާއެއް މިދިޔަ ހޮނިހިރު ދުވަހުގެ ނިޔަލަށް ހިނގިއިރު، އެންމެ ގިނައީ މާލެ ސަރަހައްދުގައި ހިނގި ކުއްލި ނުރައްކަލުގެ ހާދިސާތަކެވެ. އެގޮތުން، މި ސަރަހައްދުގައި 12 ހާދިސާއެއް ހިނގިއިރު، ދެކުނުގައި ހަތަރު ކަމެއް ހިނގިއެވެ.
ފާހަގަކުރެވޭ ގޮތުގައި، މިދިޔަ ހަފުތާގައި ކުއްލި ނުރައްކަލުގެ ދެ ހާދިސާއެއް ހިނގާފައިވެއެވެ.
މިގޮތުން، މާލޭގެ ގެއެއްގައި މިދިޔަ ހޯމަ ދުވަހުގެ ރޭ ފަތިހު ގޭސްފުޅިއެއް ގޮވައި ހިނގި އަލިފާނުގެ ނުރައްކާތެރި ހާދިސާއެއްގައި ހަތަރު މީހަކަށް އަނިޔާވިއެވެ. އެ ހާދިސާއާ ގުޅިގެން އެ ސަރަހައްދުގައި އުޅުނު 41 މީހުންނަށް ވަގުތީ ބޯހިޔާވަހިކަން ވެސް ފޯރުކޮށްދިނެވެ.
އޭގެފަހުން، މިިދިޔަ ބުރާސްފަތި ދުވަހު މާލޭގެ ގެއަކުން ގޭސް ލީކުވެ، އަންހެނަކު ވަނީ މަރުވެފައެވެ. އަދި، އެ ހާދިސާގައި ހާލު ދެރަވި 19 އަހަރުގެ އަންހެން ކުއްޖަކަށް އަންނަނީ ފަރުވާ ދެމުންނެވެ.