ރިސޯޓްތަކަށް ލިބޭ އާމްދަނީގެ 40 ޕަސެންޓް ޑޮލަރު މާރުކުރަން ޖެހޭ ގޮތަށް ސަރުކާރުން ބަދަލުކުރި ކުރުމާ ރިސޯޓްތަކުން ދެކޮޅު ހަދަން ޖެހޭ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވުމުން، މިއަދު އެމަނިކުފާނު ގޭގައި އިނުމުގެ ފުރުސަތު ލިބިފައިވުމަކީ އެކަމާ މުޅި ގައުމު ވެސް ލަދުވެތިވާ ކަމެއް ކަމަށް ޕީއެންސީ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހީމް ފަލާހު މިއަދު ވިދާޅުވެއްޖެއެވެ.
ޓޫރިޒަމް އިންޑަސްޓްރީއާ މަޝްވަރާކުރުމެއް ނެތި، ރިސޯޓްތަކަށް ލިބޭ އާމްދަނީގެ 40 ޕަސެންޓް ޑޮލަރު މާރުކުރަން ޖެހޭ ގޮތަށް ސަރުކާރުން ބަދަލުކުރި ކުރުމާ ރިސޯޓުތަކުން ދެކޮޅު ހަދަން ޖެހޭނެ ކަމަށް ޔާމީން ވިދާޅުވީ ރޭ ފުވައްމުލަކުގައި ޕީއެންއެފްއިން ބޭއްވި ޓައުންހޯލް ޖަލްސާގައެވެ.
ޔާމީން ވިދާޅުވީ ރިސޯޓްތައް ތަރައްގީކުރުމަށް ވިޔަފާރިވެރިން ބޭރުން ނަގާފައިވާ ލޯނުތައް ޑޮލަރުން އަދާކުރަން ޖެހޭއިރު، ރިސޯޓްތަކުގެ ލޮޖިސްޓިކް ގިނަ ކަންކަން ހަމަޖައްސަން ޖެހެނީ ވެސް ޑޮލަރުން ކަމަށެވެ. އެހެންކަމުން އެ ނިސްބަތަށް ޑޮލަރު މާރުކުރުމަކީ ރިސޯޓްތަކަށް އުފުލޭނެ ބުރައެއް ނޫން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި އެހާ ބޮޑު ނިސްބަތެއް ޑޮލަރުން މާރުކުރަން ސަރުކާރުން މަޖުބޫރުކުރާތީ އެ ކަމާ ދެކޮޅަށް މުޅި ރިސޯޓް އިންޑަސްޓްރީ ތެދުވާން ޖެހޭ ކަމަށް ޔާމީން ވިދާޅުވިއެވެ.
ކޮންމެ ރިސޯޓަކުން އެބަ ޖެހޭ ބުނަން ތިމަންނަ މެންނަކަށް މި ކަން [40 ޕަސެންޓް ޑޮލަރު މާރުކުރުން] ނުކުރެވޭނެއޭ. ހުރިހާ ރިސޯޓްތަކަށް މި ކަމުން ވާނީ ގެއްލުން، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް
ޔާމީންގެ އެ ވާހަކަފުޅަށް ރައްދު ދެއްވައި ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ފަލާހު ވިދާޅުވީ ވެރިކަން ކުރައްވާފައިވާ ވެރިޔަކު ރާއްޖޭގައި ހެދިފައިވާ ގާނޫނުތަކާއި ޚިލާފުވާން ރައްޔިތުންނަށް ގޮވާލުމަކީ ވަރަށް ބޮޑު ކުށަކަށް ދައުވަތު ދިނުން ކަމަށެވެ. އަދި އެކަމުން ވެސް ހާމަވަނީ އެމަނިކުފާނުގެ "ނުބައިކަމާއި އަމިއްލަ އެދުމުގެ ބޮޑުކަން" ކަމަށާއި ވެރިކަމަށް އޮތް ދަހިވެތިކަމާއި ހަސަދަވެރިކަން ކަމަށް ފަލާހު ވިދާޅުވިއެވެ.
ފަލާހު ވިދާޅުވި ގޮތުގައި ފަހަކަށް އައިސް އެމްޑީޕީއާ ގުޅިވަޑައިގެން ސަރުކާރު ވައްޓާލަން ޔާމީން ކުރަމުންދާ މަސައްކަތުން ހާމަވަނީ ދައްކާ ވާހަކައާއި އަމަލާ ދިމާނުވާ މިންވަރެވެ.
މިއަދު ވެސް ޔާމީން ފަދަ ޚާއިނަކަށް ގޭގައި އިނުމުގެ ފުރުސަތު ލިބިފައިވުމަކީ ހިތާމަހުރި އެކަމާ ގައުމު ވެސް ލަދުވެތިވާ ކަމެއް، އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހު
ޔާމީނަށް ފާޑުވިދާޅުވެ ފަލާހް ވިދާޅުވީ އެމަނިކުފާނު ދައުލަތުން ވަގަށް ނަގާފައިވާ އެތައް މިލިއަން ޑޮލަރެއް ދައުލަތަށް ހޯދިއްޖެނަމަ މިހާރުން މިހާރަށް ވެސް ޑޮލަރުގެ މައްސަލައަށް ހައްލެއް ލިބޭނެ ކަމަށެވެ.
ފަލާހު އެފަދައިން ވިދާޅުވިއިރު އެމްޑީޕީގެ އެންމެ ފަހުގެ ވެރިކަމުގެ ބޮޑު ބައި ޔާމީން ހޭދަކުރެއްވީ ޖަލުގައެވެ. އެކަމުގެ ސަބަބުން 2023ގެ ރިޔާސީ އިންތިޚާބުގައި އެމަނިކުފާނަށް ކުރިމަތިނުލެއްވި، މި ސަރުކާރު ވެރިކަމަށް އައީ އެމަނިކުފާނު މިނިވަން ކުރައްވާނެ ކަމުގެ ވައުދާއެކުއެވެ. އަދި ރައީސް ޑރ. މުހައްމަދު މުއިއްޒު އެންމެ ފުރަތަމަ ކުރެއްވި ކަމަކީ ވެސް އެއީއެވެ.