ރުފިޔާއިން މުސާރަ ދިނުމާ ދެކޮޅަށް ރިސޯޓު މުވައްޒަފުން ޕެޓިޝަނެއްގައި ސޮއިކުރަނީ

ރިސޯޓު މުވައްޒަފެއް މަސައްކަތުގައި -- ފައިލް ފޮޓޯ: އަނަންތަރަ ރިސޯޓު

ބޭރު ފައިސާއާ ބެހޭ ގާނޫނަށް މި ފަހުން ގެނައި އިސްލާހާއެކު ކުރިއަށް އޮތް ދުވަސްތަކުގައި ޑޮލަރުން މުސާރައާއި ސާވިސް ޗާޖު ނުދެވޭނެކަން ރިސޯޓު މުވައްޒަފުންނަށް އަންގަމުންދާ ކަމަށް ބުނެ، އެކަމާ ދެކޮޅަށް ޕެޓިޝަނެއްގައި ސޮއިކުރަން ފަށައިފިއެވެ.

ރިސޯޓު މުވައްޒަފުންގެ ހައްގުގައި ޓޫރިޒަމް އެމްޕްލޯއީސް އެސޯސިއޭޝަން (ޓީމް)އިން ފެށި މި ކެމްޕެއިންގެ ދަށުން އެންމެ ފުރަތަމަ ޕެޓިޝަނެއްގައި ސޮއިކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށައިފައެވެ. ޓީމްއިން ހާމަކުރި ގޮތުގައި އެ ޔޫނިއަންގެ ހުރިހާ މެންބަރު ރިސޯޓުތަކަކުން ވެސް ވަނީ އެ ޕެޓިޝަނަށް އެއްބާރުލުން ދޭން ނިންމާފައެވެ.

އެ ޕެޓިޝަންގައި ވަނީ ރިސޯޓު މުވައްޒަފުންނަށް މުސާރައާއި ސާވިސް ޗާޖު ޑޮލަރުން ދިނުން ހުއްޓޭ ގޮތަށް ސަރުކާރުން ގެންނަ ބަދަލުތައް ހުއްޓާލުމަށް ޑިމާންޑުކޮށްފައެވެ.

މަރުކަޒީ ބޭންކު (އެމްއެމްއޭ) އިން ބޭރު ފައިސާ ވިއްކުމަށް ކަނޑައަޅާފައިވާ އަގަށް ވުރެ ބޮޑުކޮށް ކަޅުބާޒާރުގައި ބޭރު ފައިސާ ވިއްކާ ވާހަކަ އާއި އޭގެ އަގުތައް ޝާއިއުކުރުން މަނާކޮށް، އަދި ރިސޯޓުތަކަށް ލިބޭ ޑޮލަރު އާމްދަނީގެ 40 އިންސައްތަ ބޭންކުތަކަށް މާރުކުރުން މަޖުބޫރުކުރާ ގޮތަށް ބޭރު ފައިސާއާ ބެހޭ ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކުރީ މިދިޔަ ބުދަ ދުވަހެވެ.

https://www.sun.mv/226566

މި ބަދަލުގެ ސަބަބުން މުވައްޒަފުންނަށް ލިބޭ އާމްދަނީ އިންތިހާއަށް ދަށްވެ، މާލީގޮތުން ނުއުފުލޭ ވަރުގެ ބުރަޔަކާ ކުރިމަތިލާންޖެހުން އެކަށީގެންވާ ކަމަށް ބުނެ ޓީމް އިން ބުދަ ދުވަހު ނެރުނު ބަޔާނުގައިވެއެވެ.

އެ ޖަމިއްޔާއިން ބުނި ގޮތުގައި ޑޮލަރު ލިބުން ރާއްޖެއަށް ދަތިވެފައި ވަނީ ސަރުކާރުގެ ދޯހަޅި ސިޔާސަތުތަކާއި ސިޔާސީ އެކި ނިންމުންތަކުގެ ސަބަބުންނެވެ. އަދި މުވައްޒަފުންގެ އެއްވެސް އިހުމާލެއް ނެތި ކުރިމަތިވީ ހާލަތުގެ އަގު މުވައްޒަފުން ދައްކަންޖެހޭނެ ކަމަށް ގަބޫލުނުކުރާ ކަމަށް ވެސް ޓީމް އިން ބުންޏެވެ.

https://www.sun.mv/226568

މި މައްސަލައިގައި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) އާއި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ)ގެ އިތުރުން ފަތުރުވެރިކަމުގައި އުޅުއްވާ ބޭފުޅުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

comment ކޮމެންޓް