ދިވެހިރާއްޖޭގައި ހިނގި ބޮޑު އެކްސިޑެންޓަކަށްފަހު އޭނާގެ ފުރާނަ ސަލާމަތްކޮށް ދޭން އެހީވީ, އިންޑިއާގެ މަޝްހޫރު ބިލިއަނަރު ގޯތަމް އަދާނީ ކަމަށް، ސީޖީ ކޯޕް ގްލޯބަލްގެ މެނޭޖިން ޑިރެކްޓަރު ވަރުން ޗައުދަރީ ވިދާޅުވެއްޖެއެވެ.
އެންޑީޓީވީ ވޯލްޑް އަންވިކްޝާ ސަމިޓުގައި ވާހަކަދައްކަވަމުން ޗައުދަރީ އިއްޔެ ވިދާޅުވީ، ރާއްޖޭގައި އޭނާއަށް ވަރަށް ބޮޑު އެކްސިޑެންޓަކާ ކުރިމަތިލައްވަން ޖެހިވަޑައިގެންނެވި ކަމަށެވެ. އަދި އެ ހާދިސާއަށްފަހު އޭނާ ރާއްޖެއިން ބޭރަށް ގެންދިއުމަށްޓަކައި، ޑޮކްޓަރުންނާއެކު ޕްރައިވެޓް ޖެޓެއް އަދާނީ ފޮނުއްވި ކަމަށް އޭނާ ވިދާޅުވިއެވެ.
ޗައުދަރީ ވަނީ ވިޔަފާރީގެ ރޮނގުން އޭނާއަށް އިރުޝާދު ދޭ މެންޓަރެއްގެ ގޮތުގައާއި، އޭނާގެ ފުރާނަ ސަލާމަތްކޮށް ދޭން އެހީވި ފަރާތުގެ ގޮތުގައި އަދާނީ ސިފަ ކުރައްވައިފައެވެ.
"ގޯތަމް އަދާނީއަކީ އަހަރެންގެ މެންޓަރު ކަމުގައި ބުނެވިދާނެ. އަހަރެންނަށް ދިމާވި ހާދިސާއާ ގުޅިގެން، މިއަދު އަހަރެން ދުނިޔޭގައި މި ހުރީވެސް އޭނާގެ ސަބަބުން،" ޗައުދަރީ ވިދާޅުވިއެވެ.
މީގެ އިތުރުން، އެ ދުވަހު ކަން ހިނގައިދިޔަ ގޮތް ސިފަކުރައްވަމުން އޭނާ ވިދާޅުވީ، ރާއްޖޭގައި ހިނގި ބޮޑު އެކްސިޑެންޓަށްފަހު އޭނާ ސަލާމަތްކުރުމަށްޓަކައި ޑޮކްޓަރުންނާއެކު އަދާނީ ޕްރައިވެޓް ޖެޓެއް ނުފޮނުއްވި ނަމަ، ދެން ވާނެ ގޮތެއްވެސް އެނގިވަޑައި ނުގަންނަވާ ކަމަށެވެ.
ނަމަވެސް، މި އެކްސިޑެންޓް ހިނގަން މެދުވެރިވި ސަބަބާއި، އެކްސިޑެންޓް ހިނގި ތާރީޚާއި، އަދި އޭނާއަށް ލިބުނު އަނިޔާތަކުގެ ތަފްޞީލެއް އޭނާ ޢާންމު ކުރައްވާފައެއް ނުވެއެވެ. އަދި ރާއްޖެއާއި ބޭރުގެ ނޫސްތަކުގައި ވެސް އެ ތަފްސީލެއް ނެތެވެ.
ޗައުދަރީއަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މަޝްހޫރުކަން ހޯދާފައިވާ ނޭޕާލްގެ އުފެއްދުމެއް ކަމަށްވާ "ވައި ވައި" ނޫޑްލްސް އުފައްދާ ކުންފުނީގެ އެންމެ އިސްވެރިޔާއެވެ.
ޗައުދަރޫއަށް އެހީވި, ގޯތަމް އަދާނީއަކީ އިންޑިޔާގެ މަޝްހޫރު ބިލިއަނަރެއްގެ އިތުރުން މަލްޓިނޭޝަނަލް ކޮންގްލޮމަރޭޓް "އަދާނީ ގްރޫޕް"ގެ ބާނީ އަދި ޗެއާމަންއެވެ. އޭނާއަކީ އިންޑިޔާއާއި މުޅި ދުނިޔޭގެވެސް އެންމެ މުއްސަނދި މީހުންގެ ތެރޭގައި ހިމެނޭ ފަރާތެކެވެ.
ރާއްޖެއަށް ޗުއްޓީ ހޭދަ ކުރުމަށް އަންނަ ފަތުރުވެރިންނަށް އެކިއެކި ހާދިސާތައް ދިމާވުމަކީ ވަރަށް މަދުން ހިންގާ ކަމެކެވެ. ހިނގާ ހާދިސާއެއް ވެސް ހިނގަނީ ގިނަ ފަހަރަށް އުސޫލުތަކަށް އަމަލު ނުކުރުމުގެ ސަބަބުންނެވެ. މި އަހަރުގެ މާޗް މަހު ހިނގި ހާދިސާއެއްގައި އަނިޔާވި މީހުންގެ ތެރޭގައި އިންޑިއާގެ ރޭމަންޑް ގްރޫޕްގެ ޗެއާމަން އަދި ބިލިއަނަރު ގޯތަމް ސިންހާނިއާ ހިމެނެއެވެ.