އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން، ބައިނަލްއަޤުވާމީ ދަރިވަރުންނަށް ދޫކުރާ ބައެއް އިންޓާންޝިޕް މަސައްކަތުގެ ހުއްދަތައް ހިފެހެއްޓުމަށް ޔުނިވާސިޓީތަކަށް އަންގައިފިއެވެ.
މި ގަވާއިދުތަކާ ހިލާފުވާ ކޮލެޖުތަކަށް ބިދޭސީ ދަރިވަރުން ވެއްދުމަށް ދީފައިވާ ސެޓްފިކެޓް ބާތިލުކުރާނެ ކަމުގެ އިންޒާރު ފެޑެރަލް ސަރުކާރުން ވަނީ ދީފައެވެ.
މިދިޔަ ހޯމަ ދުވަހު ނެރުނު ފެޑެރަލް މެމޯގައި، އެމެރިކާގެ އިމިގްރޭޝަން އެންޑް ކަސްޓަމްސް އެންފޯސްމަންޓް (އައިސީއީ) ގެ ދަށުން ހިންގާ ސްޓޫޑެންޓް އެންޑް އެކްސްޗޭންޖް ވިޒިޓާ ޕްރޮގްރާމް (އެސްއީވީޕީ) އިން ބުނެފައިވަނީ، ކަރިކިއުލާ ޕްރެކްޓިކަލް ޓްރެއިނިން (ސީޕީޓީ) ގެ ހުއްދަތައް ގަވާއިދާ ހިލާފަށް ދޫކުރާ މިންވަރު އިތުރުވެފައިވާ ކަމަށެވެ. އެ މެމޯގައި ބުނެފައިވާ ގޮތުގައި ސީޕީޓީ ދޫކުރެވޭނީ ހަމައެކަނި އެއީ ކިޔަވައިދޭ މަންހަޖުގެ އަސާސީ ބައެއްގެ ގޮތުގައި ހިމެނޭ ތަމްރީނަކަށް ވާނަމައެވެ.
އައިސީއީގެ މައި އިދާރާ ކަމަށްވާ ޑިޕާޓްމަންޓް އޮފް ހޯމްލޭންޑް ސެކިއުރިޓީ (ޑީއެޗްއެސް) އިން ނެރުނު ބަޔާނެއްގައި ބުނީ، މި ގަވާއިދުތަކަށް އެއްވެސް ބަދަލެއް އައިސްފައި ނުވާ ކަމަށާއި، ނަމަވެސް ރައީސް ޓްރަމްޕްގެ ސަރުކާރުގައި މި ނިޒާމުގެ ނާޖާއިޒު ފައިދާ ނެގުމަށް ޖާގަ ނުދޭނެ ކަމަށެވެ.
މި އެންގުމާ ގުޅިގެން ޔުނިވާސިޓީ އޮފް ކެލިފޯނިއާ، ލޮސް އެންޖެލިސް (ޔޫސީއެލްއޭ) އާއި ޔުނިވާސިޓީ އޮފް ކެލިފޯނިއާ، ބާކްލީ (ޔޫސީ ބާކްލީ) ފަދަ ސްކޫލްތަކުން ވަނީ ބައިނަލްއަޤުވާމީ ދަރިވަރުންގެ މަސައްކަތުގެ ހުއްދައަށް އެދި ހުށަހަޅާ ބައެއް އެޕްލިކޭޝަންތައް ވަގުތީ ގޮތުން މަޑުޖައްސާލާފައެވެ.
ޔޫސީއެލްއޭގެ ތަރުޖަމާނަކު ބުނީ، ފެޑެރަލް ސަރުކާރުގެ އާ އިރުޝާދުތައް ދިރާސާކޮށް ދެން އަޅާނެ ފިޔަވަޅުތައް ކަނޑައަޅަންދެން ސީޕީޓީގެ ބައެއް ހުއްދަތައް މަޑުޖައްސާލާފައިވާ ކަމަށެވެ. ޔޫސީ ބާކްލީގެ އިންޓަނޭޝަނަލް އޮފީހުން ބުނި ގޮތުގައި އޮގަސްޓް 24 ގެ މެމޯއަކީ ވަރަށް ހަނި އަދި ހަރުކަށި އެންގުންތަކެއް ހިމެނޭ މެމޯއެކެވެ. އެހެންކަމުން، ގާނޫނީ މާހިރުންނާ މަޝްވަރާކުރުމަށްފަހު އާ އުސޫލުތަކެއް އެކުލަވާލަންދެން ބައެއް ހުއްދަތައް ދޫކުރުން މަޑުޖައްސާލާފައިވާ ކަމަށާއި، ނަމަވެސް ޑިގްރީއަށް މަޖުބޫރުވާ ސީޕީޓީއާއި ރިސާޗް މަސައްކަތްތަކުގެ ހުއްދަތައް ކުރިއެކޭ އެއްގޮތަށް ދޫކުރަމުން ގެންދާނެ ކަމަށް އެ އޮފީހުން ބުނެފައިވެއެވެ.
މިކަމާ ގުޅިގެން އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ފަރާތްތަކުން ވަނީ ހިޔާލުފާޅުކުރުމުގެ މިނިވަންކަމާއި ތައުލީމީ މިނިވަންކަމަށް ހުރަސްއެޅިދާނެ ކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ.
މީގެ އިތުރުން، އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން ބުރާސްފަތި ދުވަހު ވަނީ ޖޯޖް ވޮޝިންޓަން ޔުނިވާސިޓީ ސްކޫލް އޮފް މެޑިސިން އެންޑް ހެލްތު ސާވިސަސްއަށް ކުދިން ވެއްދުމުގައި ކަޅު ނަސްލުގެ ކުދިންނާއި ހިސްޕެނިކް ކުދިންނަށް އިސްކަންދޭ ކަމަށް ތުހުމަތުކޮށްފައެވެ. މިއީ ޓްރަމްޕްގެ ސަރުކާރުން ޑައިވާސިޓީ ޕްރޮގްރާމްތަކާ ދެކޮޅަށް ކުރިއަށްގެންދާ މަސައްކަތުގެ ތެރެއިން ކުރި ތުހުމަތެކެވެ.
ނަމަވެސް އެ ޔުނިވާސިޓީން ވަނީ މި ތުހުމަތުތައް ދޮގުކޮށް، އެތަނުގެ އުސޫލުތަކަކީ ގާނޫނާ އެއްގޮތަށް އަދި ތަފާތުކުރުމެއް ނެތި އަމަލުކުރާ އުސޫލުތަކެއް ކަމަށް ބުނެފައެވެ. ޖަސްޓިސް ޑިޕާޓްމަންޓުން ބުނީ މި މައްސަލަ ހައްލުކުރުމަށް މަޝްވަރާކުރާނެ ކަމަށާއި، އެކަން ނާކާމިޔާބުވެއްޖެނަމަ ދައުވާކުރާނެ ކަމަށެވެ.
ހަމައެއާއެކު، ޔުނިވާސިޓީތަކުގެ މާހައުލުގައި ހިނގަމުންދާ އެހެން މައްސަލަތަކަށް ބަލާއިރު، އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ ގަތުލުއާންމާއި ފަލަސްތީނުގެ ބިންތައް ހިފުމާ ދެކޮޅަށް އަޑުއުފުލާ ފަރާތްތަކުން ބުނަމުންދަނީ އެއީ ޔަހޫދީންނާ ދެކޮޅުވުން ނޫން ކަމަށެވެ. އަދި ފަލަސްތީނުގެ ހައްގުތަކަށް ވަކާލާތުކުރުމަކީ ހަރުކަށި ފިކުރަށް ތާއީދުކުރުން ނޫން ކަމަށް ބައެއް ޔަހޫދީ ޖަމާއަތްތައް ހިމެނޭ ގޮތަށް މުޒާހަރާކުރާ ފަރާތްތަކުން ވަނީ ބުނެފައެވެ.