ކާބޯތަކެތި އުފައްދާ ކުންފުނިތަކުން އަޚުލާގީ މިންގަނޑު ހިފެހެއްޓުމަށް އިންޑިއާއިން ގޮވާލައިފި

އިންޑިއާގެ މަހާރާޝްޓްރާ ސްޓޭޓްގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަން (އެފްޑީއޭ) ގެ ކޮމިޝަނަރު ތުކާރާމް މުންދޭ---

ކާބޯތަކެތި އުފައްދާ ބައިނަލްއަގުވާމީ ކުންފުނިތަކުން އިންޑިއާއާއި ބޭރު ގައުމުތަކުގައި ވިއްކާ ތަކެތީގެ ނިއުޓްރިޝަން މިންގަނޑުތައް ތަފާތު ނުކުރުމަށާއި، އަޚުލާގީ ގޮތުން ޒިންމާދާރުވުމަށް އިންޑިއާގެ މަހާރާޝްޓްރާ ސްޓޭޓްގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަން (އެފްޑީއޭ) ގެ ކޮމިޝަނަރު ތުކާރާމް މުންދޭ ގޮވާލައްވައިފިއެވެ.

ރޮއިޓާސްއިން ދާދި ފަހުން އާންމުކުރި ރިޕޯޓަކާ ގުޅިގެން މުންދޭ ވިދާޅުވި ގޮތުގައި، ކުންފުނިތަކުން ހަމައެކަނި ގާނޫނީ މިންގަނޑުތަކަށް ތަބާވުމުގެ ބަދަލުގައި އަޚުލާގީ މިންގަނޑުތައް ވެސް ހިފަހައްޓަން ޖެހެއެވެ. މިސާލެއްގެ ގޮތުން، ލަންޑަނުގައި ވިއްކާ ފެންޓާ ދަޅެއްގައި 63 ކެލަރީ ހުންނައިރު، އިންޑިއާގައި ވިއްކާ ހަމަ އެ ސައިޒުގެ ދަޅެއްގައި 185 ކެލަރީ އަދި ތިން ގުނަ އިތުރަށް ހަކުރު ހުންނަކަން އެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

"މީގައި ކޮބައިތޯ އަޚުލާގީ މިންގަނޑަކީ؟ މިންގަނޑުތައް ތަފާތުކުރަނީ ކީއްވެތޯ،" ރޮއިޓާސްއަށް ދެއްވި އިންޓަވިއުއެއްގައި މުންދޭ ސުވާލު އުފެއްދެވިއެވެ.

https://www.sun.mv/226505

އަދި މުޖުތަމައުގެ މައްޗަށް ކުންފުނިތަކުގެ ޒިންމާއެއް އޮންނަން ޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އިންޑިއާގެ ކާބޯތަކެތީގެ މާކެޓަކީ 100 ބިލިއަން ޑޮލަރަށް ވުރެ ބޮޑު މާކެޓެކެވެ. މި މާކެޓުގައި ހަރަކާތްތެރިވާ އެންމެ ބޮޑެތި ކުންފުނިތައް ކަމަށްވާ ކޮކާކޯލާ، ޕެޕްސީކޯ އަދި ނެސްލޭއިން މުންދޭގެ ވާހަކަތަކާ ގުޅިގެން ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.

އިންޑިއާގެ އެންމެ މުއްސަނދި ސްޓޭޓް ކަމަށްވާ މަހާރާޝްޓްރާގައި ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް މުންދޭ ގެންދަވަނީ ހަރުކަށި ފިޔަވަޅުތަކެއް އަޅުއްވަމުންނެވެ. ފަހަކަށް އައިސް އޭނާގެ ޓީމުތަކުން ވަނީ ޑޮމިނޯސް އާއި މެކްޑޮނަލްޑްސް ފަދަ ތަންތަން ފާސްކޮށް، ސާފުތާހިރުކަން ކުޑަވުމުގެ ސަބަބުން ބައެއް ތަންތަން ބަންދުކޮށްފައެވެ.

ޔޫރަޕުގެ ގައުމުތަކުގައި ކާބޯތަކެތީގެ ޕެކެޓުގެ ބޭރުގައި އިންޒާރުގެ ލޭބަލްތައް އަމިއްލައަށް ޖަހަމުން ދިޔަ ނަމަވެސް، އިންޑިއާގައި އެފަދަ ލޭބަލްތައް ޖެހުމާ ދެކޮޅަށް ބޮޑެތި ކުންފުނިތަކުން ވަނީ މަސައްކަތްކޮށްފައެވެ. މާޗު މަހު ބޭއްވި ބައްދަލުވުމެއްގައި ކޮކާކޯލާގެ އިސްވެރިޔަކު ވިދާޅުވި ގޮތުގައި، ލޭބަލް ޖެހުމަކީ ބޭނުމެއް ނެތް ކަމެކެވެ. ސަބަބަކީ ބަލިމީހުން ދުރުހެލިވާންޖެހޭ ތަކެތި ޑޮކްޓަރުން ކިޔައިދެމުން ގެންދާތީ ކަމަށް އޭނާ ވިދާޅުވިއެވެ.

މިކަމަށް ރައްދު ދެއްވައި ލިންކްޑްއިންގައި ކުރެއްވި ޕޯސްޓެއްގައި މުންދޭ ވިދާޅުވީ، އިންޒާރުގެ ލޭބަލްތަކަކީ ކަސްޓަމަރުންގެ ވިސްނުމަށް ކުރާ މަލާމާތެއް ނޫން ކަމަށާއި، އެއީ ކަސްޓަމަރުންނަށް ކުރާ އިހުތިރާމެއް ކަމަށެވެ. އަދި ބަލިވުމުގެ ކުރިން ރައްކާތެރިވުމުގެ ފިޔަވަޅުތައް އަޅަން ޖެހޭނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ކާބޯތަކެތީގެ ޕެކެޓުގެ ބޭރުގައި އިންޒާރުގެ ލޭބަލް ޖެހުމުގެ ގަވާއިދުތައް ހެދުން ލަސްވަމުންދާތީ އިންޑިއާގެ ސުޕްރީމް ކޯޓުން ވަނީ ސަރުކާރަށް ފާޑުކިޔައި، އެކަން އަވަސްކުރުމަށް ގޮވާލާފައެވެ.

މި ބަހުސްތަކުގެ ތެރޭގައި، ނެސްލޭގެ ގްލޯބަލް ސީއީއޯ ދާދި ފަހުން ވިދާޅުވި ގޮތުގައި، ސިއްހަތާ ގުޅޭ ލޭބަލްތައް ޖެހުމުގެ ގަވާއިދުތައް ހަދާއިރު، އެކަން އިލްމީ ގޮތެއްގައި ކުރިއަށް ގެންދިއުމަށްޓަކައި އުފައްދާ ފަރާތްތަކާ މަޝްވަރާކުރުމަށް އެ ކުންފުނިން ބޭނުންވެއެވެ.

comment ކޮމެންޓް