މެލޭޝިއާގެ ކުރީގެ ތިން ބޮޑުވަޒީރުން ކަމަށްވާ، ނަޖީބު ރައްޒާގާއި މުހްޔިއްދީން ޔާސީނާއި އިސްމާއިލް ސަބްރީ ޔައުގޫބު ތަފާތު ތިން މައްސަލައެއްގައި، މިއަދު ވެރިރަށް ކުއަލަލަމްޕޫރުގެ ކޯޓް ކޮމްޕްލެކްސްއަށް ހާޒިރުކޮށްފިއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، މެލޭޝިއާގެ ތާރީޚުގައި ވެސް މިއީ އެއް ދުވަހެއްގައި ކުރީގެ ތިން ބޮޑުވަޒީރަކު ކޯޓަށް ހާޒިރުކުރި ފުރަތަމަ ފަހަރެވެ.
އެ ތިން ބޭފުޅުންގެ ތެރެއިން އިސްމާއިލް ސަބްރީ ބޮޑުވަޒީރުކަން ކުރެއްވީ ގާތްގަނޑަކަށް އެއް އަހަރު ދުވަހުގެ މުއްދަތަށް، އޯގަސްޓު 2021އިން އޮކްޓޫބަރު 2022އަށެވެ. އޭނާގެ މައްޗަށް ވަނީ ވެރިކަމުގައި ހުންނެވިއިރު މުދަލާއި ފައިސާއާ ގުޅޭ ގޮތުން ހާމަކުރަން ޖެހޭ ބައެއް މައުލޫމާތު ހާމަނުކުރުމުގެ ދައުވާ އުފުލާފައެވެ.
މެލޭޝިއާގެ ނޫހަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، އޭނާ ހާމަނުކުރާ ކަމަށް ތުހުމަތުކުރެވޭ މުދަލުގެ ތެރޭގައި 14.7 މިލިއަން ރިންގިޓް (4.6 މިލިއަން ސިންގަޕޫރު ޑޮލަރު) ގެ ނަގުދު ފައިސާއާއި، އެކި ގައުމުތަކުގެ ފައިސާގެ އިތުރުން ރަނުގެ ބާވަތްތައް ހިމެނެއެވެ.
މެލޭޝިއަން އެންޓި-ކޮރަޕްޝަން ކޮމިޝަން (އެމްއޭސީސީ) އިން ކުރިއަށްގެންދިޔަ ތަހުގީގަށްފަހު އުފުލި މި ދައުވާއަށް އޭނާ ވަނީ އިންކާރުކުރައްވާފައެވެ. އެ މައްސަލައިގައި ކުށް ސާބިތުވެއްޖެ ނަމަ އޭނާގެ މައްޗަށް ފަސް އަހަރުގެ ޖަލު ހުކުމަކާއި 100،000 ރިންގިޓްގެ ޖޫރިމަނާއެއް އައުން އެކަށީގެންވެއެވެ.
އެ މައްސަލައިގެ ޝަރީއަތް ފެށުމަށް މީގެ ކުރިން ތާވަލުކުރީ މިދިޔަ ހަފުތާގައެވެ. ނަމަވެސް، ހިތުގެ މައްސަލައަކާ ގުޅިގެން ނޭޝަނަލް ހާޓް އިންސްޓިޓިއުޓްގައި ފަރުވާ ހޯއްދަވަން ޖެހިވަޑައިގަތުމުން އެ ދުވަހުގެ އަޑުއެހުން ފަސްކުރީއެވެ.
މުހްޔިއްދީން ޔާސީން ބޮޑުވަޒީރުކަން ކުރެއްވީ މާރިޗް 2020އާއި އޯގަސްޓު 2021އާ ދޭތެރޭގައެވެ. އޭނާގެ މައްޗަށް ވަނީ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން އޭނާ ނިސްބަތްވާ ޔުނައިޓެޑް އިންޑިޖިނަސް ޕާޓީ (ބަރުސަތޫ)އަށް 232.5 މިލިއަން ރިންގިޓް ހޯދުމުގެ ހަތަރު ދައުވާއަކާއި، މަނީ ލޯންޑަރިންގެ ތިން ދައުވާއެއް އުފުލާފައެވެ. އެއީ، ކޮވިޑް-19 ގެ ދުވަސްވަރު ކޮންޓްރެކްޓަރުންނަށް އެހީތެރިވުމަށް ފެށި ޕްރޮގްރާމެއް ކަމަށްވާ ޖަނާ ވިބާވާ ޕްރޮގްރާމުގެ ތެރެއިން ވަނީ ތުހުމަތުކޮށްފައެވެ.
މެލޭޝިއާގައި ނުވަ އަހަރުގެ ދިގު މުއްދަތަކަށް ބޮޑުވަޒީރުކަން ކުރެއްވި ނަޖީބު ރައްޒާގު ކޯޓަށް ހާޒިރުކުރީ ކޮރަޕްޝަނުގެ އެންމެ ބޮޑު އެއް މައްސަލަ ކަމަށްވާ ވަންއެމްޑީބީ މައްސަލައިގެ ޝަރީއަތަކަށެވެ. އެއީ އެ ކޮރަޕްޝަނުގެ ސަބަބުން ގެއްލުނު 5.6 ބިލިއަން އެމެރިކާ ޑޮލަރު (7.1 ބިލިއަން ސިންގަޕޫރު ޑޮލަރު)ގެ ބަދަލު ހޯދުމަށް ހުށަހަޅާފައިވާ މައްސަލައެކެވެ.
ވަންއެމްޑީބީގެ ފައިސާއަށް ޚިޔާނާތްތެރިވިކަން ސާބިތުވެ، ނަޖީބު މިހާރު ވެސް ގެންދަވަނީ 15 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުންނެވެ.