ނަޖީބު ރައްޒާގުގެ މައްޗަށް އަނެއްކާވެސް އިތުރު 15 އަހަރުގެ ޖަލު ހުކުމެއް

މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު ނަޖީބު ރައްޒާގު. ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ ނަޖީބުގެ މައްޗަށް އަނެއްކާވެސް އިއްޔެ ވަނީ 15 އަހަރުގެ ހުކުމެއް އިއްވާފައި. ފޮޓޯ/ގެޓީ

ވަން މެލޭޝިއާ ޑިވެލޮޕްމެންޓް ފަންޑް (1އެމްޑީބީ)ގެ ޚިޔާނާތުގެ މައްސަލައިގައި ޖަލުގައި ބަންދުކޮށްފައިވާ މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު ނަޖީބު ރައްޒާގުގެ މައްޗަށް މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކުރުމާއި މަނީ ލޯންޑަރިންގެ ދައުވާ ސާބިތުވެ، 15 އަހަރުގެ ޖަލު ހުކުމެއް އިއްވައިފިއެވެ.

1އެމްޑީބީގެ ފައިސާގެ ތެރެއިން 4.5 ބިލިޔަން އެމެރިކާ ޑޮލަރުގެ ޚިޔާނާތާއި މަނީ ލޯންޑްރިންގެ ދައުވާ ސާބިތުވެ، 2022 ވަނަ އަހަރުން ފެށިގެން ނަޖީބް ގެންދަވަނީ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުންނެވެ.

ނަޖީބްގެ މައްޗަށް އިއްވާފައިވާ 12 އަހަރުގެ ޖަލު ހުކުމުގެ ދެބައިކުޅަ އެއްބައި އެ ގައުމުގެ ރަސްގެފާނު ވަނީ މައާފުކޮށްދެއްވައިފައެވެ.

އުމުރުން 72 އަހަރުގެ ނަޖީބުގެ މައްޗަށް ތުހުމަތުކޮށްފައި ވަނީ 1އެމްޑީބީ އިން ގާތްގަނޑަކަށް 2.3 ބިލިއަން މެލޭޝިއާ ރިންގިޓް (569 މިލިއަން ޑޮލަރު) ނަހަމަ ގޮތުގައި ބޭނުންކުރި ކަމަށެވެ.

އޭނާގެ މައްޗަށް އިއްޔެ ވަނީ، ބާރުގެ ބޭނުން ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ އިތުރު ހަތަރު ދައުވާއަކާއި މަނީ ލޯންޑަރިންގެ 21 ދައުވާއެއް ސާބިތުވެފައެވެ.

ހަތް އަހަރު ދުވަހުގެ ދިގު ޝަރީއަތަކަށްފަހު، އިއްޔެ ހުކުމް އިއްވާފައިވާއިރު، އެ މައްސަލައިގައި 76 ހެކިން ވަނީ ނަޖިބާ ދެކޮޅަށް ހެކިބަސްދީފައެވެ.

މިހާރު ތަންފީޒުކުރައްވަމުންދާ 12 އަހަރުގެ ޖަލު ހުކުމް ކުޑަކުރުމުން، ބާކީ އޮތް ބައި ގޭގައި ތަންފީޒުކުރުމަށްވެސް ނަޖީބު ހުށަހެޅުއްވިއެވެ. ނަމަވެސް ކޯޓުން ވަނީ އެ ހުށަހެޅުން ބާތިލުކޮށްފައެވެ.

ނަޖީބުގެ އަނބިކަނބަލުން ރަސްމާ މަންސޫރު ވެސް މީގެ ކުރިން ވަނީ ޚިޔާނާތުގެ ތުހުމަތުގައި ހައްޔަރުކޮށްފައެވެ. އޭނާ ގެންގުޅުއްވި އަގު ބޮޑު ބްރޭންޑްތަކުގެ ދަބަހާއި ގަހަނާތަކާއި، ގައުމުން ބޭރަށް ކުރި އަގު ބޮޑު ދަތުރުތަކުގެ ސަބަބުން ބޮޑެތި ޚިޔާނާތުގެ ތުހުމަތުތަކެއް ވަނީ ރަސްމާ މަންސޫރުގެ މައްޗަށް ވެސް ކޮށްފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް