މުހްޔިއްދީންގެ މައްޗަށް ކޮރަޕްޝަންގެ ދައުވާ އުފުލައިފި

މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު މުހްޔިއްދީން ޔާސީންގެ މައްޗަށް ކޮރަޕްޝަންގެ ދައުވާ އުފުލައިފި -- ފޮޓޯ/ ރޮއިޓާސް

މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު މުހްޔިއްދީން ޔާސީންގެ މައްޗަށް މިއަދު ކޮރަޕްޝަންގެ ދައުވާ އުފުލައިފިއެވެ.

އުމުރުން 75 އަހަރުގެ މުހްޔިއްދީންގެ މައްޗަށް އުފުލާފައިވަނީ އޭނާގެ ޔުނައިޓެޑް އިންޑިޖިނަސް ޕާޓީ (ބަރުސަތޫ)އަށް ރިޝްވަތުގެ ގޮތުގައި 232.5 މިލިއަން ރިންގިޓް (51.4 މިލިއަން ޑޮލަރު) ހޯއްދެވުމަށް ބާރުގެ ބޭނުން ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ހަތަރު ދައުވާއާއި 195 މިލިއަން ރިންގިޓް (43 މިލިއަން ޑޮލަރު)ގެ މަނީ ލޯންޑަރިން މައްސަލައެއްގައި ބައިވެރިވެޑައިގަތް ކަމުގެ ދެ ދައުވާއެކެވެ.

އެ ދައުވާތައް ސާބިތުވެއްޖެ ނަމަ އޭނާއަށް 20 އަހަރުގެ ޖަލު ހުކުމެއް އަންނާނެއެވެ.

އެ ދައުވާތަކުގައިވާ ގޮތުން އެ މައްސަލަތައް ގުޅިފައި ވަނީ މުހްޔިއްދީންގެ ސަރުކާރުން ހިންގި ކޮވިޑް ފަންޑާއެވެ.

މުހްޔިއްދީން ވަނީ އެ ތުހުމަތުތައް ދޮގުކުރައްވައި އެއީ ސިޔާސީ ދައުވާތަކެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.

އިއްޔެ ނޫސްވެރިންނާ ވާހަކަ ދައްކަވަމުން މުހްޔިއްދީން ވިދާޅުވީ، އޭނާގެ ޕާޓީ ހިމެނޭ ޕެރިކަތަން ނޭޝަނަލް ކޯލިޝަނަށް ގިނަ ރައްޔިތުންގެ ތާއިދު މިހާރު އޮތް ކަމަށެވެ. އަދި އެގައުމުގެ ސްޓޭޓް އިންތިޚާބު ގާތްވެފައިވާ އިރު، އޭނާގެ މައްޗަށް ދައުވާކޮށްފައި ވަނީ ބޮޑުވަޒީރު އަންވަރު އިބްރާހީމްގެ ވެރިކަން ކުރާ ކޯލިޝަނަށް އެކަށީގެންވާ ވަރަށް ތާއިދު ނެތް ކަމަށް ބެލެވޭތީ ކަމަށް މުހްޔިއްދީން ތުހުމަތު ކުރެއްވައެވެ.

މެލޭޝިޔާގެ ބޮޑުވަޒީރު އަންވަރު -- ފޮޓޯ/ ރޮއިޓާސް

މުހްޔިއްދީންގެ ޕާޓީގެ އިސް ދެ މެމްބަރެއްގެ މައްޗަށް ވެސް މެލޭޝިއާ އެންޓި ކޮރަޕްޝަން ކޮމިޝަން (އެމްއޭސީސީ)އިން ވަނީ ރިޝްވަތުގެ ދައުވާ އުފުލާފައެވެ. އެއީ ކޮވިޑަށް ފަހު ގައުމުގެ އިގުތިސާދު ހަމައަކަށް އެޅުވުމަށް އޭނާގެ ސަރުކާރުން ކުރިއަށްގެންދިޔަ މަޝްރޫއަކާ ގުޅިގެންނެވެ.

މިދިޔަ މަހު އެމްއޭސީސީއިން ވަނީ އެ މަޝްރޫއާ ބެހޭ ގޮތުން މުހްޔިއްދީނާ ސުވާލުކޮށްފައެވެ. އެ މައްސަލައިގައި އޭނާގެ ޕާޓީގެ ބޭންކް އެކައުންޓްތައް ވަނީ ފްރީޒްކޮށްފައިވެއެވެ.

މުހްޔިއްދީންއަކީ މެލޭޝިއާގައި ކޮރަޕްޝަނުގެ ދައުވާކޮށްފައިވާ ދެވަނަ ބޮޑުވަޒީރެވެ. އެގޮތުން 2009އިން 2018އަށް އެގައުމުގައި ބޮޑުވަޒީރުކަން ކުރެއްވި ނަޖީބު ރައްޒާގުގެ މައްޗަށް ވެސް ވަނީ ކޮރަޕްޝަނުގެ ދައުވާ އުފުލާފައެވެ.

ނަޖީބު ރައްޒާގުގެ މައްޗަށް އެކި މައްސަލަތަކުގައި ކުރި ދައުވާތަކުގެ ތެރެއިން މަނީ ލޯންޑަރިންއާއި ބާރުގެ ބޭނުން ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ދައުވާތައް ސާބިތުވެ، އޭނާ މިހާރު ގެންދަވަނީ 12 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ.

ގުޅޭ ޓެގު
comment ކޮމެންޓް