ޑޮލަރުގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން އަޅާ ފިޔަވަޅުތަކަކީ ދިރާސާކުރުމަށްފަހު އަޅަމުންދާ ފިޔަވަޅުތަކެއް ކަމަށާއި އެ ފިޔަވަޅުތަކާއެކު ރަނގަޅު ނަތީޖާއެއް ނިކުންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާއިން މިރޭ ގެނެސްދިން 'ނޭޝަން ޗެޓް' ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ރައީސް ވަނީ، ބޭރު ފައިސާގެ ސިޔާސަތުތަކަށް ގެންނަ ބަދަލުތަކާ ގުޅިގެން ރަނގަޅު ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް ވިދާޅުވެފައެވެ.
ރައީސް ވަނީ ޑޮލަރުގެ ކަޅު ބާޒާރާއެކު ވެސް ގައުމުގެ ދަރަނިތައް ދައްކައި، އިގްތިސޯދީ ގޮތުން އެހެން ކަންކަން ވެސް ރަނގަޅު ކުރަމުންދާކަން ފާހަގަކުރައްވާފައެވެ. ރާއްޖޭގައި މަސައްކަތްކުރާ ބޭރު މީހުން، ބޭރު ފައިސާ ގެންދިއުމާއި ރާއްޖޭގެ އެތެރޭގައި ބޭރު ފައިސާ ގެންގުޅުން ފަދަ ކަންކަން ބަދަލުކުރުމަށް ވަގުތު ނަގާނެ ކަމަށާއި ނަމަވެސް އެ ކަންކަން ރަނގަޅުކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް ތަރުތީބެއްގެ ތެރެއިން އަޅަމުންދާނެ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.
އެ ފިޔަވަޅުތަކާއެކު ކުރިއަށް އޮތް ދުވަސްތަކުގައި ޑޮލަރުގެ މައްސަލަ ހައްލުވެގެންދާނެ ކަމަށާއި، މިއީ އެންމެންގެ ވެސް ގައުމު ކަމަށާއި މައްސަލަ ހައްލުކުރުމުގައި އެންމެންގެ މަޝްވަރާއާއެކު ކުރިއަށްދާނެ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.
އަޅުގަނޑުމެން އެންމެންނާ ވެސް މަޝްވަރާ ކުރެވިގެން ކަންކަން ކުރިއަށްގެންދަނީ. އަޅުގަނޑުމެން އަޅާ ފިޔަވަޅުތައް، ގާނޫނެެއް ހެދިޔަސް ގާނޫނަކަށް އިސްލާހެއް ގެނަޔަސް މި ކަންކަން މި ކުރަނީ ފެކްޓް ބޭސްކޮށް. އަޅުގަނޑުމެން ހަމަ ތިބެފަ ކުއްލިއަކަށް ކަމެއް ނުކުރަން. އެތައް ދުވަހެއްގެ މަޝްވަރާއާ ޓެކްނިކަލް އިވެލުވޭޝަންތަކާ ދިރާސާތަކާ ބޭރު ގައުމުތަކުގަ މި ކަންކަން ކޮށްފަހުންނަ ގޮތާ މި ހުރިހާ ކަމެއްވެސް އަޅުގަނޑުމެންގެ ޓީމުތަކުން ބަލާ،ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު
ރައީސް ވަނީ މި ސަރުކާރުގައި ކަންކަމާ ހަވާލުވެ ތިބީ ތައުލީމީ، ފަންނީ އަދި ތަޖުރިބާގެ ގޮތުން ވެސް ބެލި ނަމަވެސް ރަނގަޅު ބޭފުޅުން ކަމަށް ވިދާޅުވެފައެވެ.
އެހެންކަމުން މި އިސްލާހުތައް ހުށަހަޅަނީ ވެސް ވަރަށް ރަނގަޅު އިންތިޒާމެއްގެ ތެރެއިންކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.

'ނޭޝަން ޗެޓް' ފްރޮގްރާމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު: އެމަނިކުފާނު ވަނީ ޑޮލަރުގެ ސިޔާސަތުތަކަށް ބަދަލުގެންނަނީ ދިރާސާކުރުމަށްފަހުގައި ކަމަށާއި ނަތީޖާ ފެންނާނެ ކަމަށް ވިދާޅުވެފައި --- ފޮޓޯ: ރައީސް އޮފީސް
ބޭރުފައިސާގެ މައްސަލައިގަ އަޅުގަނޑުމެން ގެންނަ އިސްލާހުތައް ގެނައުމުގަ މި ހުރިހާ ކަމެއް މިގޮތަށް ބަލާފަ ހުންނާނީ. ހަމަ ޔަގީނުންވެސް އަޅުގަނޑުމެންނަށްވުރެ ބޮޑަށް ރާއްޖޭގެ އިގްތިސޯދު ކުރިއެރުވުމަށްޓަކައި އިގްތިސޯދު ފުޅާކުރުމަށްޓަަކައި ސިޔާސަތުތަކެއް ގެނެސް ތަންފީޒުކުރި ސަރުކާރެއް މި ވޭތުވެދިޔަ ދުވަސްތަކުގަ އަޅުގަނޑަކަށް ހިއެއްނުވޭ އޮތްހެނެއް. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު
ރިސޯޓްތަކަށް ލިބޭ ޑޮލަރުގެ އާމްދަނީގެ 40 އިންސައްތަ ރާއްޖޭގެ ބޭންކުތަކަށް މާރުކުރަން ޖެހޭ ގޮތަށް ބޭރު ފައިސާގެ ގާނޫނަށް އިސްލާހު ހުށަހެޅުމަށް ނިންމާފައިވާ ކަމަށް މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރު އަހުމަދު މުނައްވަރު ވިދާޅުވީ ނިމުނު ހޯމަ ދުވަހުގައެވެ.
އެއާއެކު މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ)އިން ވަނީ ލިބޭ ޑޮލަރުގެ އާމްދަނީގެ 40 އިންސައްތަ ރާއްޖޭގެ ބޭންކުތަކަށް މާރުކުރުމަކީ، އެ ވިޔަފާރިތަކަށް ތަހައްމަލު ކުރެވޭނެ ބުރައެއް ނޫން ކަމަށް ބުނެ އެކަމާ ކަންބޮޑުވުން ފާޅުކޮށްފައެވެ.
ނަމަވެސް ރިސޯޓުތަކަށް ލިބޭ ޑޮލަރު އާމްދަނީގެ 40 އިންސައްތަ ބޭންކުތަކަށް މާރުކުރުން މަޖުބޫރުކުރާ ގޮތަށް ބޭރު ފައިސާއާ ބެހޭ ބިލު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފައެވެ. ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު މުހައްމަދު ހުށަހެޅުއްވި އެ ބިލުގައި ފުރަތަމަ އޮތީ ރިސޯޓުތަކަށް އަންނަ ކޮންމެ ފަތުރުވެރިއެއްގެ ބޮލަކަށް 500 ޑޮލަރު މާރުކުރަން އޮތް އޮތުން އުވާލައި، ރިސޯޓުގެ އާމްދަނީގެ 20 އިންސައްތަ މާރުކުރަން ޖެހޭ ގޮތަށެވެ.
ނަމަވެސް، ކޮމިޓީން ބިލު ނިންމައި ތަޅުމަށް ފޮނުވުމަށްފަހު، އިތުރު އިސްލާހުތަކެއް ގެނައުމަށް އަލުން ކޮމިޓީއަށް ފޮނުވައިގެން ގެނައި ބަދަލާއެކު، ރިސޯޓުތަކުގެ ޑޮލަރު އާމްދަނީގެ 40 އިންސައްތަ ކޮންމެ މަހަކު އެއްފަހަރު މާރުކުރަން ޖެހޭ ގޮތަށް މިހާރު ވަނީ ފާސްކޮށްފައެވެ.