ރިސޯޓްތަކަށް ލިބޭ ޑޮލަރުގެ އާމްދަނީގެ 40 އިންސައްތަ ރާއްޖޭގެ ބޭންކުތަކަށް މާރުކުރަން ޖެހޭ ގޮތަށް ބޭރު ފައިސާގެ ގާނޫނަށް އިސްލާހު ހުށަހެޅުމަށް ނިންމާފައިވާ ކަމަށް މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރު އަހުމަދު މުނައްވަރު ވިދާޅުވެއްޖެއެވެ.
ތިން ވަޒީރަކާ އެކު ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ގަވަރުނަރު މުނައްވަރު ވިދާޅުވީ، ރިސޯޓްތަކަށް ލިބޭ ޑޮލަރުގެ 20 އިންސައްތަ މާރުކުރަން ކުރިން އޮތް އޮތުން 40 އިންސައްތައަށް ބަދަލުކުރުމަށް ގާނޫނަށް އިސްލާހު ހުށަހަޅަން ނިންމާފައިވާ ކަމަށެވެ.
މީގެ އިތުރުން މަޖިލީހަށް ހުށަހަޅާ އިސްލާހުގެ ތެރޭގައި ކޮންމެ ތިން މަހަކުން ޑޮލަރު މާރުކުރަން އޮންނަ އޮތުން، ކޮންމެ އެއް މަސް ދުވަހުން މާރުކުރަން ޖެހޭ ގޮތަށް ބަދަލުކުރުން ވެސް ހިމެނެއެވެ.
"ވަރަށް ދުވަސް ވަންދެން ދިރާސާކޮށްފައި އަޅުގަނޑުމެން މި ބަދަލުތައް މި ގެންނަނީ ޓޫރިޒަމަށް ވެސް ޝޮކް ވެސް އެބްސޯބް ވެސް ކުރެވޭ ވަރަށް ބަލާފައި މިހާ ދުވަސް ވަންދެން އޮތް މައްސަލައެއް ވީމާ. ބޭނުމަކީ %100 އަށް ވެސް ގެންދިޔުން،" މި ބަދަލުތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުން ގަވަރުނަރު ވިދާޅުވިއެވެ.
މީގެ އިތުރުން އިރާނު ހަނގުރާމައާ ގުޅިގެން ޑޮލަރުގެ މާކެޓަށް ވަގުތީ ހީނަރުކަމެއް އައި ނަމަވެސް، ޑޮލަރުގެ އަގު މިހާ ބޮޑަށް މައްޗަށް ދާން ޖެހޭ ސަބަބެއް ނުފެންނަ ކަމަށް ގަވަރުނަރު ފާހަގަކުރެއްވިއެވެ. އަދި އަގުގެ މައްސަލައިގެ ފަހަތުގައި ވަނީ ސްޕެކިއުލޭޝަން ނޫނީ ބަޔަކު ރޭޓުތައް ކަނޑައެޅުން ކަމަށް ވިދާޅުވިއެވެ.
މަނީ ޗޭންޖަރުންނަށް އަމާޒުކޮށްގެން ހާއްސަ އޮޕަރޭޝަނެއް ހިންގާފައިވާ ކަމަށް ވެސް ވިދާޅުވިއެވެ. ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ޓޫރިޒަމް އާމްދަނީ އާއި ބޭންކުތަކުގެ ޑިޕޮސިޓް އިތުރުވި ނަމަވެސް، ތެލުގެ ހަރަދު ދެގުނަ ބޮޑުވުމާ ގުޅިގެން ދައުލަތުގެ ރިޒާވް ވަނީ ދަށްވެފައެވެ.