އަންނަ މަހުން ފެށިގެން ބޭރުގެ ޓްރެވަލް އޭޖެންޓުން އަތުން 17 އިންސައްތަ ޓެކްސް ނަގާ ގޮތަށް ޖީއެސްޓީ ގާނޫނަށް ގެނައި ބަދަލަށް އަމަލުކުރުމަށް ފަސްކުރަން ނިންމުމަށް އެދި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
ރާއްޖޭގެ ފަތުރުވެރިކަން ކުރިއަރުވައި ތިމާވެއްޓާއި ސަގާފަތް ރައްކާތެރިކުރުމަށް މަސައްކަތްކުރާ މަދަނީ ޖަމިއްޔާއެއް ކަމަށްވާ "ޑެސްޓިނޭޝަން ފިއުޗާ"އިން ތައްޔާރުކުރި ރިޕޯޓެއްގައިވަނީ، ރާއްޖޭގެ ފަތުރުވެރިކަން މި އަހަރު ދަށްވެފައިވާ ދަނޑިވަޅުގައި އައު ޓެކުހެއް ތައާރަފުކުރުމަކީ އެ ސިނާއަތުގެ ވިޔަފާރިތަކަށް ނުރައްކާވާނެ ކަމެއް ކަމަށެވެ.
ބޭރުގެ ޓްރެވަލް އޭޖެންޓުން އަތުން ޖީއެސްޓީ ނަގަން ފެށުމުން ރިސޯޓުތަކުގެ އަގުތައް ބޮޑުވެ، ފަތުރުވެރިން ގެނައުމަށް ހުރަސްތަކެއް ކުރިމަތިވާނެ ކަމަށް ވެސް އެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
މީގެ އިތުރުން ފަތުރުވެރިން ހޯދުމަށް ބޭރުގެ ޓްރެވަލް އޭޖެންޓުންނާއި އެއާލައިންތަކުން ބޮޑެތި ޚަރަދުތަކެއް ކުރާކަން ފާހަގަކޮށް ނެރުނު އެ ރިޕޯޓުގައިވާ ގޮތުގައި، ބޭރުގެ ޓްރެވަލް އޭޖެންޓުން އަތުން ނަގާ ޓެކްސް ބޮޑުކުރުމުން އެ ފަރާތްތަކަށް ލިބޭ މަންފާ އިތުރަށް ހަނިވާނެއެވެ.
ޑެސްޓިނޭޝަން ފިއުޗާގެ ރިޕޯޓުގައިވަނީ ބޭރުގެ ޓްރެވަލް އޭޖެންޓުން އަތުން 17 އިންސައްތަ ޓެކްސް ނަގަންޖެހޭ ގޮތަށް ގެނައި ބަދަލަށް އަމަލުކުރުން މަޑުޖައްސައިލުމަށާއި، ގާނޫނަށް ގެނެވޭ އިސްލާހެއްގެ ދަށުން އުވައިލުމަށް ގޮވައިލައިފައެވެ.
އެ ރިޕޯޓުގައިވާ ކަންކަމަށް އިޝާރާތްކުރައްވައި ކުޑޫ ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ އަށް ފޮނުއްވި ސިޓީގައިވަނީ، ބޭރުގެ ޓުއާ އޮޕަރޭޓަރުން އަތުން 17 އިންސައްތަ ޓެކްސް ނަގާ ގޮތަށް ގާނޫނު ބަދަލުކޮށްފައިވަނީ ކަމާބެހޭ ބޭރުގެ ފަރާތްތަކާ ގުޅިގެން ހަދަންޖެހޭ ދިރާސާތައް ނުހަދައި، ފަތުރުވެރިކަމަށް ކުރާނެ އަސަރަށް ބެލުމެއްނެތި އާމްދަނީގެ އަންދާޒާތަކަށް އެކަނި ބެލުމަށްފަހު ކަމަށެވެ. އެހެންކަމުން ރައްޔިތުންގެ މަޖިލީހުން މި ބަދަލު މުރާޖައާކުރުން މުހިންމުކަމަށް ކުޑޫ ލިޔުއްވައިފައިވެއެވެ.
އެގޮތުން ބޭރުގެ އޮޕަރޭޓަރުން އަތުން އަހަރަކު 1.6 ބިލިއަން ރުފިޔާގެ އާމްދަނީއެއް އަހަރަކު ލިބޭނެ ކަމަށް ސަރުކާރުން ލަފާކޮށްފައިވާއިރު، ޓުއާ އޮޕަރޭޓަރުންގެ ގޮތުގައި ޓެކްސް ދައްކާ ފަރާތްތަކުގެ ތަފުސީލުތައް އޮޑިޓުކޮށް ބަލަންޖެހޭނެ ކަމަށާއި، ގާނޫނު ތަންފީޒުކުރުމަށް ދިމާވާނެ ދަތިތައް މަޖިލީހުން ބަލަންޖެހޭނެ ކަން ކުޑޫ ފާހަގަކުރެއްވިއެވެ
އޭނާ ލިޔުއްވައިފައިވާ ގޮތުގައި، އެ ބަދަލުގެ ސަބަބުން ފަތުރުވެރިން ރާއްޖެ އައުން އިތުރަށް މަދުވެގެން ނުދާނެކަން ކަށަވަރުކުރުން މުހިއްމެވެ.
މި ބަދަލުގެ ސަބަބުން ބޭރުގެ މައިގަނޑު ޓްރެވަލް އިންޑަސްޓްރީ ޖަމިއްޔާތަކުން ކަންބޮޑުވުން ފާޅުކޮށްފައިވާކަން ކުޑޫ ފާހަގަކުރެއްވިއެވެ.
ޑެސްޓިނޭޝަން ފިއުޗާގެ ރިޕޯޓަށް އަލިއަޅުވައިލައްވައި ލިޔުއްވި އެ ސިޓީގައި ކުޑޫ ވަނީ، އެ މައްސަލަ މަޖިލީހުގެ މާލިއްޔަތު ކޮމިޓީ މެދުވެރިކޮށް ބަލައިދިނުމަށް އެދި ހުށަހަޅުއްވައިފައެވެ.