ކޮންމެ ވޯޓަކީ ވެސް އެ ވޯޓު ދެވޭ މީހާގެ އަދުލުވެރިކަމާއި ގާބިލުކަމުގެ މައްޗަށް ދެވޭ ހެކިބަހެއް ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ރައީސް މުޙައްމަދު ޝަކީލް ވިދާޅުވެއްޖެއެވެ.
ވޯޓުލާ މީހުންގެ ދުވަހާ ގުޅުވައިގެން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި މެސެޖެއްގައި ޝަކީލް ވިދާޅުވީ، ދިވެހިންނަކީ ސައްތައިންސައްތަ މުސްލިމު ގައުމެއްގެ ބަޔަކަށްވާއިރު މާތްވެގެންވާ އިސްލާމް ދީނުގެ ޢަދުލުވެރި އުސޫލުތަކަށް ނަޒަރު ހިންގާއިރު ވެސް ވޯޓަކީ އަމާނާތެއް ކަމަށެވެ.
އަދި އެ ޙައްގު އަދާކުރުމުގައި ކޮންމެ ރައްޔިތެއްގެ ވެސް ހިތުގައި މާތް ﷲއަށް ބިރުވެތިވުމާއި، ތެދުވެރިކަމާއި، އިޚްލާސްތެރިކަން ބޭއްވުމަށް އެމަނިކުފާނު ނަސޭހަތްތެރިވެވަޑައިގެންނެވިއެވެ.
"އަޅުގަނޑުމެން މިއީ ސައްތައިން ސައްތަ މުސްލިމު ގައުމެއްގެ ބައެއް ކަމުގައިވާހިނދު، މާތްވެގެންވާ އިސްލާމްދީނުގެ ޢަދުލުވެރި އުސޫލުތަކަށް ނަޒަރު ހިންގާއިރު ވެސް، ވޯޓަކީ އަމާނާތެއް. އަދި އެކަން އަދާކުރުމުގައި އަޅުގަނޑުމެންގެ ހިތްތަކުގައި މާތް ﷲ އަށް ބިރުވެތިވުމާއި، ތެދުވެރިކަމާއި، އިޚްލާޞްތެރިކަން އަބަދުމެ ބާއްވާ،" އިލެކްޝަން ކޮމިޝަނުގެ ރައީސް ޝަކީލް ކުރެއްވި ޕޯސްޓުގައިވެއެވެ.
އީސީހގެ ރައީސް ޝަކީލް އެކްސްގައި ކުރެއްވި ޕޯސްޓް.. ފޮޓޯ/ އީސީޝަކީލް އިތުރަށް ވިދާޅުވީ، ގައުމުގެ ވެރިކަމަށާއި ރައްޔިތުންގެ މަޖިލީހަށް އަދި ކައުންސިލްތަކަށް ރައްޔިތުންގެ މަންދޫބުން ހޮވުމަށް ދޭ ކޮންމެ ވޯޓަކީ، ގައުމީ ތަރައްގީއަށާއި، ގާނޫނީ ހަމަހަމަކަމާއި، ދައުލަތުގެ މުއައްސަސާތަކުގެ ހަމަޖެހުމަށް ސީދާ ގޮތުންނާއި ނުސީދާގޮތުން ވެސް އަސަރު ފޯރުވާނެ މުހިންމު ނިންމުމެއް ކަމަށެވެ.
ރާއްޖޭގައި ކޮންމެ އަހަރެއްގެ އޯގަސްޓް މަހުގެ 25ވަނަ ދުވަސް ފާހަގަކުރަމުންދަނީ ވޯޓުލާ މީހުންގެ ދުވަހުގެ ގޮތުގައެވެ. މި އަހަރު މި ދުވަސް ފާހަގަކުރުމަށް ހަމަޖެހިފައިވަނީ "ވޯޓަކީ ޙައްގެއް އަދި ޒިންމާއެއް" މި ޝިޢާރުގެ ދަށުންނެވެ.
ރާއްޖޭގައި އެންމެ ފުރަތަމަ ރަސްމީކޮށް ވޯޓުލާ މީހުންގެ ދުވަސް ފާހަގަކުރަން ފެށީ 2015 ވަނަ އަހަރުގެ ބައިނަލްއަގުވާމީ ޑިމޮކްރަސީ ދުވަސް ފާހަގަކުރުމަށް ބޭއްވި ހަފްލާގައި ނިންމި ނިންމުމާއެކުގައެވެ.
މި ދުވަސް ފާހަގަކުރަނީ ޑިމޮކްރަސީއެއްގައި ރައްޔިތުންގެ ބައިވެރިވުން އިތުރުކުރުމަށާއި، ވޯޓުލާ މީހުންގެ ޙައްގުތަކާއި، އިންތިޚާބީ ނިޒާމަށް މިހާރަށްވުރެ ބޮޑަށް އިތުބާރު އުފެއްދުމުގެ މަގުސަދުގައެވެ.
އަދި ރައްޔިތުންނަށް ވޯޓުލުމުގެ މުހިންމުކަން އަންގައިދީ، އިންތިޚާބުތަކާއި ޑިމޮކްރަސީއާ ގުޅޭ މަޢުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދިނުމަކީވެސް މި ދުވަސް ފާހަގަކުރުމުގެ މައިގަނޑު ބޭނުމެކެވެ.