ވ. ތިނަދޫ ކައުންސިލްގެ ރައީސް އަލީ ޝުޖާއުގެ ގޮނޑި ގެއްލުނު ކަމަށް ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ކަނޑައަޅާފައިވުމުން އެ މަގާމަށް މީހަކު ހޮވުމަށް ބާއްވާ ބައި-އިލެކްޝަނުގައި ވާދަކުރަނީ އިދިކޮޅު މައި ޕާޓީ، އެމްޑީޕީގެ އިތުރުން ވެރިކަންކުރާ މައި ޕާޓީ، ޕީއެންސީން ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ.
ޝުޖާއުގެ ގޮނޑި ގެއްލިފައިވާ ކަމަށް އެލްޖީއޭއިން ނިންމީ ޖުލައި މަހުގެ 19 ވަނަ ދުވަހުއެވެ. އެހެންކަމުން އެ މަގާމަށް ކުރިމަތިލާން މި މަހު 26 ވަނަ ދުވަހުގެ ނިޔަލަށް ފުރުސަތު ހުޅުވާލިއެވެ.
"ސަން" އަށް، އީސީގެ މީޑިއާ އޮފިސަރު މައުލޫމާތުދެއްވި ގޮތުގައި އެ މުއްދަތުގެތެރޭ އިންތިޚާބަށް ކުރިމަތިލާފައިވަނީ އެމްޑީޕީގެ މެންބަރަކާއި ޕީއެންސީގެ މެންބަރެކެވެ. އީސީން މިއަދު ވަނީ އެ ނަންތައް ތަރުތީބުކޮށް އިއުލާނުކޮށްފައެވެ.
ވ. ތިނަދޫ ކައުންސިލުގެ ރައީސްކަމަށް ވާދަކުރައްވާ ދެ ބޭފުޅުން:
- ވ. ތިނަދޫ، ދިލްބަހާރުގެ، ޝުޖާއު އަލީ (އެމްޑީޕީ)
- ވ. ތިނަދޫ، ނަޔާ، އަހުމަދު އަމަން މުހައްމަދު (ޕީއެންސީ)
މި ދެ ކެންޑިޑޭޓުންގެ ތެރެއިން ޕީއެންސީގެ ފަރާތުން ވާދަކުރައްވާ އަޙުމަދު އަމަން މުޙައްމަދަކީ 2021 ވަނަ އަހަރު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބުގައި ތިނަދޫ ކައުންސިލްގެ މެންބަރެއްގެ ގޮތުގައި އަމިއްލަ ގޮތުން ވާދަކުރައްވައި އިންތިހާބުވެވަޑައިގެންނެވި ބޭފުޅެކެވެ.
މީގެ އިތުރުން، އެމްޑީޕީ ކެންޑިޑޭޓު ޝުޖާޢު ޢަލީ އެންމެ ފަހުން ބޭއްވި އިންތިޚާބުގައި ހޮވުނީ ދަ ޑިމޮކްރެޓްސްގެ ފަރާތުންނެވެ. އެހެން ނަމަވެސް އޭނާ ފަހުން ވަނީ އެމްޑީޕީއާ ގުޅިފައެވެ.
ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި ވާދަކޮށްގެން ކައުންސިލަށް އިންތިޚާބުވުމަށް ފަހު، އިންތިޚާބުވި ދައުރުގެ ތެރޭގައި އެހެން ޕާޓީއެއްގެ މެމްބަރަކަށް ވުމުން މަގާމު ގެއްލޭނެ ކަމަށް ލާމަރުކަޒީ ގާނޫނުގައި ބަޔާންކޮށްފައިވެއެވެ.
އެހެންކަމުން، ތިނަދޫ ކައުންސިލް ރައީސްގެ މަގާމުން ޝުޖާއު ވަކިވެފައިވާކަމަށް ކަނޑައަޅައި، އެ ގޮނޑި ހުސްވެފައިވާކަން އީސީއަށް އަންގަން އެލްޖީއޭގެ ބޯޑު ބައްދަލުވުމުގައި ނިންމާފައިވަނީ ޖޫން މަހުގެ 30 ވަނަ ދުވެހެވެ.