އީސީގެ ކުރީގެ ރައީސަށް ބިންވެރިޔާ ސްކީމުން ދިން ގޯތި، އެހެން މީހަކަށް ދިނުން ހުއްޓުވަން ވަގުތީ އަމުރެއް

އީސީގެ ކުރީގެ ރައީސް މުހައްމަދު ޒާހިދު -- ސަން ފައިލް ފޮޓޯ

އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ކުރީގެ ރައީސް މުހައްމަދު ޒާހިދަށް ބިންވެރިޔާ ސްކީމުން ހުޅުމާލެއިން ދޫކުރި ގޯތީގެ ރަޖިސްޓްރީ ހައުސިން މިނިސްޓްރީން ބާތިލްކުރި މައްސަލާގައި، އެ ގޯތި އެހެން މީހަކަށް ދިނުން ހުއްޓުވަން ސިވިލް ކޯޓުން ވަގުތީ އަމުރެއް ނެރެފިއެވެ.

މި މައްސަލައަކީ ބިންވެރިޔާ ސްކީމުން ޒާހިދަށް ހުޅުމާލޭގެ ނަންބަރު 20659 ގޯތި ދޫކޮށް، އޭނާގެ ނަމުގައި އެ ގޯތި ރަޖިސްޓްރީކޮށްފައި ވަނިކޮށް ހައުސިން މިނިސްޓްރީއާއި ޒާހިދާ ދެމެދު 2023 ވަނަ އަހަރުގެ ޖުލައި މަހުގެ ހަތަރު ވަނަ ދުވަހު ވެފައިވާ އެއްބަސްވުން ބާތިލުކުރި މައްސަލައެކެވެ.

މި އެއްބަސްވުން ބާތިަލުކޮށްފައި ވަނީ މިއަހަރުގެ ޖުލައި މަހުގެ ދެވަނަ ދުވަހު އެ މިނިސްޓްރީން ޒާހިދަށް ފޮނުވި ސިޓީއަކުންނެވެ.

އެއާއެކު ހައުސިން މިނިސްޓްރީއާ ދެކޮޅަށް ޒާހިދު ހުށަހެޅުއްވި ދައުވާގައި ބުނެފައި ވަނީ، އޭނާއަށް ދޫކުރި ގޯތީގެ ރަޖިސްޓްރީ މިނިސްޓްރީން ބާތިލްކުރީ ފޯމާއެކު ދޮގު މައުލޫމާތު ދީފައިވާ ކަމަށް ބުނެއެވެ.

ނަމަވެސް ޝަރީއަތުގައި ދައުލަތުން ބުނެފައި ވަނީ ސައްހަ ނޫން މައުލޫމާތެއް ހުށަހެޅި ކަމަށް ދައުލަތުން ނުބުނާ ކަމަށާއި، ރަށްވެހިކަމާ ގުޅޭ މައުޟޫއީ ހަގީގަތެއްގެ ސަބަބުން ގޯތި ލިބުމުގެ އަސާސީ ޝަރުތު ހަމަނުވަނީ ކަމަށެވެ. އަދި އެއީ މާލެއަށް އުފަން މީހުންނަށް ދޫކުރި ގޯތިތަކަކަށް ވާއިރު، އަސްލު ރަށް ހއ. ހަތިފުއްޓަށް ނިސްބަތްވާ އަދި މިހާރު މާލޭ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ޒާހިދަށް ގޯތި ދީފައި ވަނީ އުސޫލާ ޚިލާފަށް ކަމަށް ދައުލަތުން ވަނީ ފާހަގަކޮށްފައެވެ.

ޒާހިދުގެ ފަރާތުން ކޯޓުގައި ދައުވާކުރެއްވީ ޝަރުއީ ކޯޓަކުން ގޮތެއް ކަނޑައެޅުމެއް ނެތި، އެއްބަސްވުމާ ޚިލާފަށް ރަޖިސްޓްރީ ބާތިލްކޮށްފައިވާ ކަމަށް ބުނެއެވެ.

އެހެންކަމުން ސުޕްރީމް ކޯޓުގެ ގަޟިއްޔާއަކަށް ހަވާލާދީ ސިވިލް ކޯޓުން ވަނީ ވަގުތީ އަމުރު ނެރެދީފައެވެ.

ސިވިލް ކޯޓުން ވަގުތީ އަމުރާ މެދު ގޮތެއް ނިންމަމުން ބުނެފައި ވަނީ، މައްސަލައިގައި ކަނޑައަޅަންޖެހޭ ކަންކަން ބިނާވެފައިވަނީ ގޯއްޗެއް އޭގެ ޒާތުގައި އައްޔަންވެ ލިބިފައި އޮތް އޮތުމާއި އެ ބިން ދިނުން ބާތިލްކުރުމުގެ މައްޗަށް ކަމަށްވާތީ ވަގުތީ އަމުރު ނެރެންޖެހޭ ހާލަތު އެބަ އޮތް ކަމަށެވެ.

އެއާއެކު ސިވިލް ކޯޓުން ހައުސިން މިނިސްޓްރީގެ މައްޗަށް އަންގާފައި ވަނީ، މައްސަލައިގައި ކޯޓުން ގޮތެއް ނިންމުމުގެ ކުރިން ޒާހިދުގެ ނަމުގައި ރަޖިސްޓްރީ ކުރި ގޯތި ވިއްކުމާއި، ދިނުމާއި، އަދި އެހެންވެސް ގޮތަކުން އެ ބިމުގެ މައްޗަށް ތިންވަނަ ފަރާތެއްގެ ހައްގެއް އުފަންވެދާނެ އެއްވެސް ކަމެއް ނުކުރުމަށެވެ.

comment ކޮމެންޓް