ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން، ވެރިރަށް އިސްލާމްއާބާދުގައި ހުންނަ ޕްރައިވެޓް ހޮސްޕިޓަލަކަށް ބަދަލުކުރުމަށް އެ ގައުމުގެ ސުޕްރީމް ކޯޓުން ކުރި އަމުރު އިސްތިއުނާފުކުރަން ސަރުކާރުން ނިންމައިފިއެވެ.
އުމުރުފުޅުން 73 އަހަރުގެ އިމްރާން ޚާން، ޝިފާ އިންޓަނޭޝަނަލް ހޮސްޕިޓަލަށް ދެ ދުވަހުގެ ތެރޭގައި ބަދަލުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
ޕާކިސްތާނުގެ ގާނޫނީ ވަޒީރު އާޒަމް ނަޒީރު ތަރާރު ވީޑިއޯ މެދުވެރިކޮށް ދެއްވި ބަޔާނެއްގައި ވިދާޅުވި ގޮތުގައި، ކޯޓުގެ މި އަމުރަކީ ގާނޫނީ އިމުގެ ތެރެއިން ނެރެފައިވާ އަމުރެއް ނޫނެވެ. އަދި ކުށް ސާބިތުވެފައިވާ ގައިދީންނަށް ފަރުވާދޭން ޖެހޭނީ ޖަލުގައި ނުވަތަ އާންމު ހޮސްޕިޓަލެއްގައި ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އެހެންކަމުން، މި ނިންމުން މުރާޖައާކުރުމަށް ކޯޓަށް ހުށަހަޅުއްވާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ސުޕްރީމް ކޯޓުގެ އަމުރުގައި، އިމްރާން ޚާންގެ އަމިއްލަ ޑޮކްޓަރާއި، ހިތުގެ ބަލިތަކުގެ ޚާއްސަ ޑޮކްޓަރެއްގެ އިތުރުން ލޮލުގެ ޚާއްސަ ޑޮކްޓަރަކު ހިމެނޭ މެޑިކަލް ޕެނަލެއް އެކުލަވާލުމަށްވެސް ވަނީ އަންގާފައެވެ.
އޮގަސްޓް 2023 އިން ފެށިގެން ރާވަލްޕިންޑީގެ ޖަލެއްގައި ހައްޔަރުކޮށްފައި ހުންނެވި އިމްރާން ޚާންގެ ސިއްހީ ހާލަތާ މެދު އޭނާގެ އާއިލާއިންނާއި ޕާޓީން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އިމްރާން ޚާންގެ ވަކީލުން ބުނާ ގޮތުގައި، ޖަލުގައި ހޭދަކުރެއްވި މުއްދަތުގެ ތެރޭގައި އޭނާގެ ކަނާތު ލޮލުގެ ފެނުން ވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ. މީގެ އިތުރުން، ލަންޑަނުގައި ދިރިއުޅޭ އޭނާގެ ދެ ދަރިންނާ ހަފުތާއަކު ދެ ފަހަރު ފޯނުން ގުޅޭނެ އިންތިޒާމު ހަމަޖެއްސުމަށްވެސް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
އިމްރާން ޚާންގެ ހަގު ދަރި ގާސިމް ނެރުނު ބަޔާނެއްގައި ބުނީ، އެންމެ މުހިންމު ކަމަކީ ބައްޕަގެ ސިއްހީ ހާލަތު ކަމަށެވެ. އަދި ސަރުކާރުން ކޯޓު އަމުރަށް ތަބާވެ، ފޯނުން ގުޅޭނެ ގޮތް ހަދައިދީ، ބައްޕައާ ބައްދަލުކުރުމަށް ޕާކިސްތާނަށް ދިއުމަށް ވިސާ ދޫކުރާނެ ކަމަށް އުންމީދުކުރާ ކަމަށް އޭނާ ބުނެފައިވެއެވެ.
ގާސިމްއާއި އޭނާގެ ބޭބެ ސުލައިމާންއަށް ވިސާ ނުލިބުމުގެ ސަބަބުން 2022 ވަނަ އަހަރުން ފެށިގެން ބައްޕައާ ބައްދަލުވެފައެއް ނުވެއެވެ. އިމްރާން ޚާންގެ މައްޗަށް ގިނަ ދައުވާތަކެއް އުފުލާފައިވާއިރު، އެއް މައްސަލަ ފިޔަވައި އެހެން ހުރިހާ މައްސަލައެއްގެ ހުކުމް މިހާރު ވަނީ ސަސްޕެންޑްކޮށް ނުވަތަ ބާތިލުކޮށްފައެވެ.