ދިވެހިރާއްޖެއާއި ޕާކިސްތާނާ ދެމެދު އޮތް ޚާރިޖީ ގުޅުމަށް 60 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން، ކެންސާ ސޮސައިޓީ އޮފް މޯލްޑިވްސް (ސީއެސްއެމް) އިން ފ. ނިލަންދޫގައި ކުރިއަށްގެންދިޔަ ކެންސަރަށް ހޭލުންތެރިކުރުމާއި ސްކްރީން ކުރުމުގެ ޕްރޮގްރާމްގެ ދަށުން 2000 އެއްހައި މީހުން ސްކްރީންކޮށްފިއެވެ.
ޕާކިސްތާނު ސަރުކާރުގެ ފަރާތުން އެ ޤައުމުގެ ހައިކޮމިޝަނުން ސްޕޮންސާކޮށްގެން ކުރިއަށްގެންދިޔަ މި ކެމްޕޭން ނިލަންދޫގައި ރަސްމީކޮށް އިފްތިތާޙު ކޮށްދެއްވީ ޕާކިސްތާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ހައިކޮމިޝަނަރު، ވައިސް އެޑްމިރަލް (ރިޓަޔަޑް) ފައިޞަލް ރަސޫލް ލޯދީއެވެ.
މި ކެމްޕޭން ކުރިއަށް ގެންގޮސްފައިވަނީ މި މަހުގެ 20 އިން 22 އަށެވެ.
މި ޕްރޮގްރާމް އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގައި މަރުޙަބާ ދަންނަވައި ވާހަކަދައްކަވަމުން، ސީއެސްއެމްގެ ރައީސް ޙުސައިން ރަޝީދު މޫސާ އަދި ފ. އަތޮޅު ކައުންސިލްގެ ރައީސް ޢަލީ އަޙްމަދު ވަނީ ޕާކިސްތާނު ސަރުކާރަށާއި އެ ޤައުމުގެ ރައްޔިތުންނަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ދެ ޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ތާރީޚީ އެކުވެރިކަމުގެ މައްޗަށް ދެބޭފުޅުން ވެސް އަލިއަޅުއްވާލެއްވިއެވެ.
މީގެ އިތުރުން، ސީއެސްއެމްގެ ޗެއާޕާސަން ޖުވައިރިޔާ ސަޢީދު ވަނީ ކެންސަރު ސްކްރީނިން މަރުޙަލާތައް ކުރިއަށްދާ ގޮތާއި، މިފަދަ ޕްރޮގްރާމްތަކުގެ ސަބަބުން ޢާންމު ރައްޔިތުންގެ ސިއްހަތަށް ކުރާނެ ފައިދާތަކުގެ ތަފްސީލު ދެއްވާފައެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޕާކިސްތާނުގެ ހައިކޮމިޝަނަރު ވަނީ ކެންސާ ސޮސައިޓީން މެދުކެނޑުމެއްނެތި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށްގެންދާ އަގުހުރި އިޖުތިމާޢީ މަސައްކަތްތައް ފާހަގަކުރައްވައި އެ ޓީމަށް ތަޢުރީފު ކުރައްވާފައެވެ.
އަދި ރަށްރަށުގެ ސިއްހީ ޚިދުމަތްތައް ހަރުދަނާކުރުމަށް މިފަދަ ހަރަކާތްތަކުގެ މުހިންމުކަން ފާހަގަކުރައްވަމުން، މިފަދަ ކަންކަމުގައި ޕާކިސްތާނުން ބައިވެރިވުމަކީ ދެ ގައުމުގެ ރައްޔިތުންގެ މެދުގައި އޮތް ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމެއް ކަމަށް ވިދާޅުވިއެވެ.

ފ. ނިލަންދޫއަށް ޕާކިސްތާން ހައިކޮމިޝަނަރު ކުރެއްވި ދަތުރުގެ ތެރެއިން ---
މި ދަތުރުފުޅުގެ ތެރެއިން ހައިކޮމިޝަނަރާއި މިޝަންގެ އިސް އޮފިޝަލުން ވަނީ ފ. އަތޮޅު ހޮސްޕިޓަލަށް ޒިޔާރަތްކުރައްވައި، އެ ހޮސްޕިޓަލުގެ ޑޮކްޓަރުންގެ ޓީމާ ބައްދަލުކުރައްވާފައެވެ.
މީގެ އިތުރުން ފ. އަތޮޅު ތަޢުލީމީ މަރުކަޒަށް ޒިޔާރަތްކުރައްވައި، އެ ސްކޫލުގެ އިސްވެރިންނާ ބައްދަލުކުރައްވައި ތަޢުލީމީ ދާއިރާއިން އެއްބާރުލުން ދެވިދާނެ ދާއިރާތަކާ ގުޅޭގޮތުން ވެސް މަޝްވަރާ ކުރައްވާފައިވެއެވެ.
ކެންސާ ސޮސައިޓީ އޮފް މޯލްޑިވްސް އަކީ މުޅި ރާއްޖެއަށް އަމާޒުކޮށްގެން ކެންސަރަށް ހޭލުންތެރިކުރުމާއި، ބަލި ދެނެގަތުމަށް ސްކްރީން ކުރުމުގެ ޕްރޮގްރާމްތައް ގައުމީ ފެންވަރުގައި ހިންގަމުން އަންނަ އަމިއްލަ ޖަމްޢިއްޔާއެކެވެ.