ޕާކިސްތާނުގެ ހޮސްޕިޓަލެއްގައި ރޯވެ 14 ކުޑަ ކުއްޖަކު މަރުވެއްޖެ

ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދުގައި ހުންނަ ސަރުކާރުގެ މައި ހޮސްޕިޓަލެއްގެ ކުޑަކުދިންގެ ވޯޑުގައި ރޯވި އަލިފާނުގެ ހާދިސާއެއްގައި، 14 ތުއްތު ކުއްޖަކު މަރުވެއްޖެއެވެ.

މިއީ ފަހުގެ ތާރީޚެއްގައި އެ ގައުމުގައި ހިނގި އެންމެ ހިތާމަވެރި އެއް ހާދިސާއެވެ.

މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، މިއަދުގެ ހެނދުނު މި ހާދިސާ ހިނގާފައިވަނީ ޕާކިސްތާން އިންސްޓިޓިއުޓް އޮފް މެޑިކަލް ސައިންސަސް (ޕިމްސް) ހޮސްޕިޓަލުގެ ތިންވަނަ ފަންގިފިލާގައި ހުންނަ މައިންނާއި ކުޑަކުދިންގެ މަރުކަޒުގައެވެ. ޖިއޯ ޓީވީން ރިޕޯޓުކޮށްފައިވާ ގޮތުގައި، ހެނދުނު 6:45 ހާއިރު ރޯވި މި އަލިފާންގަނޑު މިހާރު ވަނީ ނިއްވާލާފައެވެ. އަދި އެ ވަގުތު އެތަނުގައި 15 ކުއްޖަކު ތިބިއިރު، ހޮސްޕިޓަލުގެ މުވައްޒަފުންނަށް ސަލާމަތްކުރެވުނީ އެންމެ ކުއްޖެކެވެ.

މީހުން ސަލާމަތްކުރާ ފަރާތްތަކާ ހަވާލާދީ އެ ނޫހުން ބުނެފައިވަނީ، އަލިފާން ރޯވާން މެދުވެރިވީ އެތަނުގައި ހުރި އޭސީއެއްގެ ކޮމްޕްރެސަރު ގޮވައިގެން ކަމަށް ބެލެވޭ ކަމަށެވެ.

މި ހާދިސާގައި ތިން ދުވަސްވީ ދަރިފުޅު މަރުވި ބަފަޔަކު ނޫސްވެރިންނަށް މައުލޫމާތު ދެމުން ބުނީ، އޭނާއަށް ލިބެމުންދާ ހިތާމަ އެހެން މީހަކަށް އިހުސާސް ނުކުރެވޭނެ ކަމަށެވެ. ހޮސްޕިޓަލުގައި އާއިލާގެ މީހަކަށް ޒިޔާރަތްކުރަން ގޮސް ހުރި މުނީބާ ނަމަކަށް ކިޔާ އަންހެނަކު ސީއެންއެންއަށް މައުލޫމާތު ދިން ގޮތުގައި، އަލިފާންގަނޑު ފެތުރެން ފެށުމާއެކު އޭނާގެ ކޮއްކޮއާއި ފަހަރި ވަނީ ކިރިޔާ ސަލާމަތްވެފައެވެ.

މި ހާދިސާއާ ގުޅިގެން ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހެބާޒް ޝަރީފް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިއީ ފޫނުބެއްދޭވަރުގެ ގެއްލުމެއް ކަމަށާއި، މިކަމާ ވަރަށް ބޮޑަށް ހިތާމަކުރައްވާ ކަމަށެވެ. އަދި އާއިލާތަކަށް ތައުޒިޔާ ފޮނުއްވައި، މި ހާދިސާ ވަގުތުން ތަހުގީގުކުރުމަށް ކަމާބެހޭ ފަރާތްތަކަށް އަންގަވާފައިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން، މިކަމުގައި އިހުމާލުވި ފަރާތްތަކަށް އެންމެ ހަރުކަށި ފިޔަވަޅު އަޅުއްވާނެ ކަމަށްވެސް ބޮޑުވަޒީރު ވިދާޅުވިއެވެ.

ޕާކިސްތާނަކީ އިމާރާތްކުރުމުގެ ސަލާމަތީ މިންގަނޑުތަކަށް އަމަލުނުކުރުމުގެ ސަބަބުން ގިނަގިނައިން އަލިފާނުގެ ހާދިސާތައް ހިނގާ ގައުމެކެވެ. އެގޮތުން، މި އަހަރުގެ ޖެނުއަރީ މަހު ކަރާޗީގެ ގުލް ޕްލާޒާ ޝޮޕިން މޯލުގައި ރޯވި އަލިފާނުގެ ހާދިސާއެއްގައި 65 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. ބުދަ ދުވަހު ހިނގި މި ހާދިސާއަކީ ޕާކިސްތާނުގެ ތާރީޚުގައި ހޮސްޕިޓަލެއްގައި ހިނގި އެންމެ ނުރައްކާތެރި އެއް ހާދިސާއެވެ. ސަރުކާރުން ހިލޭ ބޭސްފަރުވާ ފޯރުކޮށްދިން ނަމަވެސް، ޕާކިސްތާނުގެ ދައުލަތުގެ ހޮސްޕިޓަލްތަކަކީ ބަޖެޓު ދަށް، ތޮއްޖެހުން ބޮޑު އަދި މެނޭޖްކުރުން ދޯދިޔާ ތަންތަން ކަމަށް ރިޕޯޓުތަކުގައި ފާހަގަކޮށްފައިވެއެވެ.

comment ކޮމެންޓް