ސަރުކާރުގެ ދައުރު ދެބައިވިއިރު, މޯލްޑިވްސް ޓްރާންސްޕޯޓު އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އަށް 2،000އަށް ވުރެ ގިނަ މުވައްޒަފުން އިތުރަށް ނަގާފައިވާ ކަމަށް އެ ކުންފުނިން ބުނެފިއެވެ.
މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން 'ސަން'އިން އެމްޓީސީސީގައި އެދިފައިވާނީ 2021ވަނަ އަހަރުން ފެށިގެން މިދިޔަ އަހަރުގެ ނިޔަލަށް ތިބި މުވައްޒަފުންގެ އަދަދާއި އެ މުވައްޒަފުންގެ މުސާރައާއި އިނާޔަތްތަކަށް ކުރި ޚަރަދުގެ ތަފުސީލާއި، މި އަހަރުގެ ޖުލައި މަހުގެ ނިޔަލަށް އެ ކުންފުނީގައި ތިބި މުވައްޒަފުންގެ އަދަދާއި އެ މުވައްޒަފުންގެ މުސާރައާއި އިނާޔަތްތަކަށް ކުރި ޚަރަދުގެ ތަފުސީލަށެވެ.
މި މަހުގެ 16ވަނަ ދުވަހު އެމްޓީސީސީން ހިއްސާކުރި މައުލޫމާތުގައިވާ ގޮތުން، 2021ވަނަ އަހަރު ނިމުނުއިރު އެ ކުންފުނީގައި ތިބީ 3،129 މުވައްޒަފުންނެވެ. ދެހާސް ބާވީސް ވަނަ އަހަރު ނިމުނުއިރު އެމްޓީސީސީގައި 4،012 މުވައްޒަފުން ތިބިއިރު، 2023ވަނަ އަހަރު ނިމުނުއިރު އެ ކުންފުނީގައި ތިބީ 4،694 މުވައްޒަފުންނެވެ.
އެކަމަކު މި ސަރުކާރު އައި ފަހުން 2024ވަނަ އަހަރު ނިމުނުއިރު އެމްޓީސީސީގައި ތިބި މުވައްޒަފުންގެ އަދަދަށް ދަށްވުމެއް އައިސްފައިވެއެވެ. އެގޮތުން އެ އަހަރު ނިމުނުއިރު 4،433 މުވައްޒަފުން ތިބިއިރު، އެއީ 261 މުވައްޒަފުންގެ މަދުވުމެކެވެ. ނަމަވެސް މިދިޔަ އަހަރު ނިމުނު އިރު، އެ ކުންފުނީގައި ތިބި މުވައްޒަފުންގެ އަދަދު ވަނީ 5،395އަށް އިތުރުވެފައެވެ.
މި އަހަރުގެ ތަފާސްހިސާބުތަކަށް ބަލައިލާއިރު މާރިޗު މަހުގެ ނިޔަލަށް 6،145 މުވައްޒަފުން އެމްޓީސީސީގައި އެބަ ތިއްބެވެ.
ފާހަގަކުރެވޭ ގޮތުގައި، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު 33 އިންސައްތަ މަދުކުރުމަށް ފިނޭންސް މިނިސްޓްރީން, ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)އަށް އެންގީ މިދިޔަ އޭޕްރިލް މަހުގެ 18ވަނަ ދުވަހެވެ. އެ މަހުގެ ނިޔަލަށް އެމްޓީސީސީގައި 6،479 މުވައްޒަފުން ތިއްބެވެ. ނިމިދިޔަ ޖުލައި މަހުގެ ނިޔަލަށް އެ ކުންފުނީގައި 6،649 މުވައްޒަފުން ތިއްބެވެ.
އެހެންކަމުން ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުން މަދުކުރުމަށް އެންގި މުއްދަތުގައި އެމްޓީސީސީން ވަނީ 329 މުވައްޒަފުން އިތުރަށް ނަގައިފައެވެ.
މުވައްޒަފުންގެ މުސާރައާއި އިނާޔަތްތަކަށް ކުރާ ޚަރަދާ ގުޅޭ ގޮތުން އެހުމުން އެމްޓީސީސީން ދިން ޖަވާބުގައި ބުނީ، އެ ކުންފުންޏަކީ އާންމު ކުންފުންޏަކަށް ވާތީ ކުންފުނީގެ މާލީ ހިސާބުތައް އާންމުކޮށް ޝާއިއުކުރަމުން އަންނަ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ އިއްުޔެގެ ޖަލްސާގައި ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުޙައްމަދު އިބްރާހީމް (ކުޑޫ) ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން ފިނޭންސް މިނިސްޓަރު ޙަސަން ޒަރީރު ވިދާޅުވީ، މި ސަރުކާރު އައި ފަހުން މިހާތަނަށް 4،938 މުވައްޒަފުން ސަރުކާރު ހިއްސާވާ ކުންފުނިތަކަށް އިތުރުކޮށްފި ކަމަށާއި، މިހާރު ވެސް ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި 41،000އަށް ވުރެ ގިނަ މުވައްޒަފުން އެބަ ތިބި ކަމަށެވެ.
ޒަރީރު ވިދާޅުވީ ގައުމުގެ އިގުތިޞާދު އިތުރު ހަރުފަތަކަށް ގެންދިއުމަށްޓަކައި ކުންފުނިތައް ރައިޓްސައިޒްކުރަން ޖެހޭ ކަމަށެވެ. އެކަން ކުރާނީ ވަކި ކުލައަކަށް ފިކުރަކަށް ނުބަލާ ކަމަށް ވިދާޅުވިއެވެ.
ފާހަގަކުރެވޭ ގޮތުގައި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު 33 އިންސައްތަ މަދުކުރުމަށް މިދިޔަ އޭޕްރިލް މަހު އެންގުމަށް ފަހު، އެ މަސައްކަތް ތިން މަސް ދުވަހުގެ ތެރޭ ނިންމަން ޕީސީބީން އަންގައިފައިވެއެވެ.
ސިޔާސީ ބޭނުމަށް ސަރުކާރު ކުންފުނިތަކުން ވަޒީފާތައް ބެހުމަކީ ރާއްޖޭގައި މި ފަހުން ވެރިކަން ކުރި ހުރިހާ ސަރުކާރުތަކަކުން ވެސް ކޮށްފައިވާ ކަމެކެވެ. އޭގެ ސަބަބުން ރާއްޖޭގެ އުފެއްދުންތެރިކަމަށާއި އިގުތިސާދަށް ނޭދެވޭ އަސަރުތައް ކުރުމުގެ އިތުރުން ކުންފުނިތަކަށާއި ސަރުކާރަށް ވަނީ ބޮޑު މާލީ ބުރައަކަށް ވެފައެވެ.