މިދިޔަ ތިން އަހަރު އެމްޓީސީސީން، 356 ޕްރޮޖެކްޓު އަމަލީ މަސައްކަތް ފަށައި، 93 ޕްރޮޖެކްޓު ނިންމައިފި

މިދިޔަ ތިން އަހަރު ތެރޭގައި، އެމްޓީސީސީން 356 ޕްރޮޖެކްޓުގެ އަމަލީ މަސައްކަތް ފަށައި، 93 މަޝްރޫއެއް ނިންމައިފިއެވެ.

މިދިޔަ އަންގާރަ ދުވަހު ސަރުކާރަށް ތިން އަހަރުވެފައިވާއިރު، އެމްޓީސީސީން ވަނީ އެ ކުންފުންޏަށް ކުރެވުނު މަސައްކަތްތަކުގެ ތަފުސީލުތައް ހާމަކޮށްފައެވެ.

އެ ކުންފުނިން މިދިޔަ ތިން އަހަރު، ޖުމުލަ 356 މަޝްރޫއެއް ފެށިއެވެ. މިހާރު ވެސް 149 ރަށުގައި އެމްޓީސީސީން ހަރަކާތްތެރިވަމުން އަންނައިރު، ސަރުކާރަށް ތިން އަހަރު ވީއިރު، 93 މަޝްރޫއެއް ވަނީ ނިންމާފައެވެ.

އޭގެތެރޭގައި އެންމެ ގިނައީ، ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ ޕްރޮޖެކްޓުތަކެވެ. އެ ބާވަތުގެ 19 ޕްރޮޖެކްޓު ނިންމާފައިވާއިރު، އައުޓްޑޯ ޖިމް ހެދުމުގެ ޕްރޮޖެކްޓެއް ނިންމާފައިވެއެވެ.

ބަނޑަރު ހެދުމުގެ 14 ޕްރޮޖެކްޓާއި ފުޓުބޯޅަ ދަނޑު އިމާރާތް ކުރުމުގެ ހަތް ޕްރޮޖެކްޓަކާއި ޕޮލިސް ޕޯސްޓް ހެދުމުގެ ހަ ޕްރޮޖެކްޓު މިދިޔަ ތިން އަހަރު އެމްޓީސީސީން ހިންގިއެވެ.

ފާހަގަކުރެވޭ ގޮތުގައި، ޚަރަދު ކުޑަ ކުރުމުގެ ގޮތުން ގިނަ މަޝްރޫއުތައް ހިންގުމަށް ސަރުކާރުން ހަވާލުކުރަނީ ސަރުކާރުގެ އިދާރާތަކާއި މިނިސްޓްރީތަކަށެވެ. މިގޮތުން، އައުޓްޑޯ ޖިމް އިމާރާތް ކުރުން ފަދަ މަޝްރޫއުތައް ކަމާ ނުބެހޭ ކުންފުނިތަކުން ކުރާތީ އާންމުންގެ ފާޑުކިޔުން ސަރުކާރަށް ވަނީ އަމާޒުވެފައެވެ.

އޭގެއިތުރުން، އަތޮޅުގެ އެކި ރަށްރަށުގައި ފަށާފައިވާ މަޝްރޫއުތައް ހުއްޓިފައިވާ ކަމަށް ބުނެ، ބައެއް މީހުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

comment ކޮމެންޓް