ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު 33 ޕަސެންޓް މަދުކުރަން 3 މަހުގެ މުހުލަތެއް

ޕީސީބީގެ ރައީސް މުހައްމަދު ނިޒާރު: ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު 33 ޕަސެންޓް މަދުކުރަން 3 މަހުގެ މުހުލަތެއް ވަނީ ދީފައި -- ފޮޓޯ/ ޕީސީބީ

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު 33 އިންސައްތަ މަދުކުރުމަށް މިދިޔަ އޭޕްރިލް މަހު އެންގުމަށް ފަހު، އެ މަސައްކަތް ތިން މަސް ތެރޭ ނިންމަން ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)އިން މިހާރު އަންގައިފިއެވެ.

ފިނޭންސް މިނިސްޓްރީން މިދިޔަ އޭޕްރިލް މަހުގެ 18ގައި ބުނީ، ކުންފުނިތަކުގެ މަސައްކަތްތަކުގެ ހިންގުންތެރިކަން އިތުރުކުރުމާއި، އިންސާނީ ވަސީލަތްތައް މެނޭޖްކުރުން ހަރުދަނާކުރުމުގެ އިތުރުން، މާލީ ގޮތުން ދެމެހެއްޓެނިވި ގޮތެއްގައި ކުންފުނިތައް ހިންގުމަށް ބާރުއެޅުމުގެ ގޮތުން އަޅަންޖެހޭ އިތުރު ފިޔަވަޅުތައް މިނިސްޓްރީން ޕީސީބީއަށް އަންގައިފައިވާ ކަމަށެވެ.

އެ އިރުޝާދުތަކުގެ ދަށުން، ކުންފުނިތަކުގެ ހިންގުމުގެ ޚަރަދު ކުޑަކުރުމަށާއި، ޚަރަދުތައް ބެލެހެއްޓުން ހަރުދަނާކުރުމަށް ކުރެވޭ މަސައްކަތުގެ ބައެއްގެ ގޮތުގައި، ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު 33 ޕަސެންޓް މަދުކުރުމަށް އަންގައިފައިވާ ކަމަށް އޭރު މިނިސްޓްރީން ބުންޏެވެ.

އެ އިރުޝާދާ ގުޅިގެން، ޕީސީބީން އެކަން ކުންފުނިތަކަށް އަންގައި، ސަރުކާރުން ކުންފުނިތަކުން މުވައްޒަފުން މަދުކުރުމުގެ މަސައްކަތް ފަށައިފައިވާކަން ވެސް އެ ބޯޑުން އިއުލާންކޮށްފައިވެއެވެ.

އެއަށްފަހު، މިދިޔަ އާދިއްތަ ދުވަހު ޕީސީބީން ސަރުކާރު ކުންފުނިތަކަށް ފޮނުވި ސާކިއުލާއެއްގައި ވަނީ، ކުންފުނީގެ މުވައްޒަފުން މަދުކުރުމުގެ މަސައްކަތް، އެ ދުވަހުން ފެށިގެން ތިން މަސް ދުވަހުގެ ތެރޭގައި ނިންމުމަށް އަންގާ ކަމަށެވެ.

ފެނަކަގެ މުވައްޒަފުންތަކެއް: މުވައްޒަފުން މަދުކުރުމަށް، މުވައްޒަފުންނަށް ޕެޖޭކް ހުށަހަޅައިފައިވާ ކުންފުނިތަކުގެ ތެރޭގައި ފެނަކަ ހިމެނޭ -- ފޮޓޯ/ ފެނަކަ

އެ ނިންމުމާ އެެއްގޮތަށް ކުންފުނިތަކުން އަމަލުކުރަމުންދާ ގޮތް ބެލުމަށް ޓަކައި، އެކްސެލް ޝީޓެއްގައި މައުލޫމާތު އަދާހަމަކޮށް، ކޮންމެ ހަފުތާއެއްގެ އާދިއްތަ ދުވަހު ފިނޭންސް މިނިސްޓްރީއާއި ޕީސީބީއަށް މެއިލް ކުރުމަށް އެ ބޯޑުން ވަނީ އަންގައިފައެވެ.

އެ ސާކިއުލާގައި ވަނީ، ޕީސީބީން އަންގާ އެންގުންތަކަށް ސަރުކާރު ކުންފުނިތަކުން އަމަލުކުރުމަކީ ގާނޫނުން ލާޒިމުކުރާ ކަމެއްކަން ހަނދާންކޮށްދީފައެވެ.

ޕީސީބީން އެ ސާކިއުލާ ނެރުނުއިރު، ބައެއް ސަރުކާރު ކުންފުނިތަކުން ވަނީ މުވައްޒަފުން އަމިއްލައަށް ވަކިވުމަށް ހިތްވަރު ދިނުމަށް ޕެޖޭކުތައް ހުށަހަޅައިފައެވެ. އޭގެ ތެރޭގައި މުވައްޒަފުން ވަރަށް ގިނަ ފެނަކައިގެ އިތުރުން އެޗްޑީސީ ހިމެނެއެވެ.

https://sun.mv/223573

މިދިޔަ ފެބްރުވަރީ މަހުގެ 28ގައި އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ފެށި ހަނގުރާމައާ ގުޅިގެން، ގިނަ އަދަދެއްގެ ގައުމުތަކުން ޚަރަދު ކުޑަ ކުރުމަށް ބޮޑެތި ފިޔަވަޅުތައް އެޅިއެވެ. އޭގެ ތެރޭގައި ސަރުކާރު މުވައްޒަފުން މަސައްކަތް ކުރާ ގަޑިތައް މަދުކުރުމާއި، އެ މުވައްޒަފުން ގޭގައި މަސައްކަތް ކުރާ ގޮތަށް ބަދަލުކުރުމާއި ސްކޫލްތައް ބަންދުކުރުން ފަދަ ފިޔަވަޅުތައް ހިމެނެއެވެ.

އެހެންނަމަވެސް މިދިޔަ އޭޕްރިލް މަހުގެ ހަތަރު ވަނަ ދުވަހު އޮތް މުހިންމު އިންތިޚާބުތަކާ ދިމާކޮށް ސަރުކާރު ކުންފުނިތަކަށް ގިނަ އަދަދެއްގެ މުވައްޒަފުން ނަގައިފައިވެއެވެ. އެގޮތުން މެއި މަހުގެ އެކަކުން 28އަށް އެކަނިވެސް އެމްޓީސީސީން ޖުމްލަ 1،185 ވަޒީފާއަކަށް މީހުން ހޯދަން އިއުލާންކޮށްފައިވެއެވެ.

އޭގެ ސަބަބުން ސަރުކާރަށް ގިނަ ބަޔެއްގެ ފާޑުކިޔުން އަމާޒުވިއެވެ. އެ ދުވަހު އޮތް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބުން މުހިންމު ގިނަ ގޮނޑިތައް ކާމިޔާބުކުރީ އިދިކޮޅު އެމްޑީޕީންނެވެ. އަދި މައި ދެ އިންތިޚާބު ކަމަށްވާ، މަޖިލިސް އިންތިޚާބާއި ރިޔާސީ އިންތިޚާބު އެއްކޮށް ބޭއްވުމަށް ނެގި ފެންނަ ނުފެންނަ ވޯޓު ވެސް ނިމުނީ ސަރުކާރުން ބޭނުންވި ގޮތާ ޚިލާފަށެވެ.

https://sun.mv/220647

ފާހަގަކޮށްލެވޭ ގޮތުގައި އެ ނާކާމިޔާބީއަށް ފަހު ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ކެބިނެޓަށް ވެސް ބޮޑެތި ބަދަލުތަކެއް ގެންނަވަައިފައެވެ. އެގޮތުން މިދިޔަ އަންގާރަ ދުވަހު 10 ވަޒީރަކު ވަނީ ކުއްލި ގޮތަކަށް އިސްތިއުފާ ދެއްވައިފައެވެ. އަދި ހުސްވި މަގާމުތަކަށް އާ ބޭފުޅުން އައްޔަންކުރެއްވިއިރު ރައީސް ވަނީ މިނިސްޓްރީތަކުގެ އަދަދު 20އިން 15އަށް މަދުކުރައްވައިފައެވެ.

ހަތަރު ލައްކައެއްހާ މީހުންގެ އާބާދީއެއް އޮންނަ މި ގައުމުގެ ސިވިލްސާވިސްގައި މަސައްކަތްކުރާ މުވައްޒަފުންގެ އަދަދު 30،000އަށްވުރެ އިތުރެވެ. އަދި އެކިއެކި އިދާރާތަކާއި މިނިވަން މުއައްސަސާތަކާއި ސިޔާސީ މަގާމުތަކަށް ބަލާއިރު ވިއްސަކަށް ހާހާ ގާތް ކުރެއެވެ. އަމިއްލަ މަސައްކަތްތަކުގެ ބަދަލުގައި، ގިނަ ބަޔަކު ދައުލަތުގެ ޕޭރޯލްގައި ތިބުމަކީ އިގުތިސާދީ މާހިރުން ކަންބޮޑުވުން ފާޅުކުރާ ކަމެކެވެ.

ދައުލަތުގެ ބަޖެޓުން ބޮޑު ޚަރަދެއް ރިކަރަންޓް ޚަރަދަށް ބޭނުންކުރާއިރު، ސަރުކާރުގެ ގިނަ ކުންފުނިތައް ގެއްލުމުގައި ހިންގުމުގެ ކަންބޮޑުވުން ވެސް ވަރަށް ބޮޑެވެ.

comment ކޮމެންޓް