މި ސަރުކާރު އައި ފަހުން މިހާތަނަށް 4،938 މުވައްޒަފުން ސަރުކާރު ހިއްސާވާ ކުންފުނިތަކަށް އިތުރުކޮށްފި ކަމަށާއި، މިހާރު ވެސް ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި 41،000އަށް ވުރެ ގިނަ މުވައްޒަފުން އެބަ ތިބި ކަމަށް، ފިނޭންސް މިނިސްޓަރު ޙަސަން ޒަރީރު މިއަދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުޙައްމަދު އިބްރާހީމް (ކުޑޫ) ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ޒަރީރު ވިދާޅުވީ ވަކި ސިޔާސީ ފިކުރަކާ ގުޅިގެން ސަރުކާރު ހިއްސާވާ ކުންފުނިތަކުން މުވައްޒަފުން ވަކިކުރުމަކީ މި ސަރުކާރު ގަބޫލުކުރާ ކަމެއް ނޫން ކަމަށާއި، އެފަދަ އެންގުމެއް ވެސް ކުންފުނިތަކަށް އަންގައިފައި ނުވާނެ ކަމަށެވެ.

ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތަކުގެ ވެރިންނާއި މުވައްޒަފުން: ގިނަ ކުންފުނިތައް ހިންގަނީ ރަނގަޅަކަށް ނޫން-- ސަން ފޮޓޯ
ކުޑޫގެ ސުވާލަށް ޖަވާބު ދެއްވަމުން ޒަރީރު ވަނީ ބައެއް ތަފާސްހިސާބުތަކަށް ވެސް އަލިއަޅުވައިލައްވައިފައެވެ. އެގޮތުން ޕްރައިވެޓައިޒޭޝަން އެންޑް ކޯޕޮރަޓައިޒޭޝަން ބޯޑު (ޕީސީބީ)ގެ ރެކޯޑުތަކަށް އަލިއަޅުވައިލައްވައި ޒަރީރު ވަނީ އެކި މުއްދަތުގައި ސަރުކާރު ކުންފުނިތަކަށް މުވައްޒަފުން އައްޔަންކޮށްފައިވާ އަދަދުތައް ހިއްސާކުރައްވައިފައެވެ.
އޭގެ ތެރެއިން ރައީސް އަބްދުالله ޔާމީންގެ ވެރިކަން ނިމުނު 2018ވަނަ އަހަރަށް ބަލާއިރު ކުންފުނިތަކުގައި 18،676 މުވައްޒަފުން ތިބި ކަމަށާއި، ރައީސް އިބްރާހީމް މުޙައްމަދު ޞާލިހުގެ ވެރިކަމުގައި 2019ވަނަ އަހަރުން 2023ވަނަ އަހަރުގެ ނިޔަލަށް 36،729 މުވައްޒަފުން ކުންފުނިތަކުގައި ތިބި ކަމަށް ޒަރީރު ވިދާޅުވިއެވެ.
މިއީ 18،053 މުވައްޒަފުންގެ އިތުރުވުމެއްގެ ގޮތުގައި ޒަރީރު ފާހަގަކުރެއްވިއެވެ.
"ދެން މިދިޔަ މަހުގެ ނިޔަލަށް މުވައްޒަފުން ތިބި އަދަދަކީ 41،667، އެހެންވީމާ 2024ވަނަ އަހަރުން ފެށިގެން މިހާތަނަށް ވެއްދިފައިވާ މުވައްޒަފުންގެ އަދަދަކީ 4،938 މުވައްޒަފުން، މިއީ 13 ޕަސެންޓުގެ އިންކްރިމެންޓެއް،" ޒަރީރު ވިދާޅުވިއެވެ.
ޒަރީރު ވިދާޅުވީ ގައުމުގެ އިގުތިޞާދު އިތުރު ހަރުފަތަކަށް ގެންދިއުމަށްޓަކައި ކުންފުނިތައް ރައިޓްސައިޒްކުރަން ޖެހޭ ކަމަށެވެ. އެކަން ކުރާނީ ވަކި ކުލައަކަށް ފިކުރަކަށް ނުބަލާ ކަމަށް ވިދާޅުވިއެވެ.
ފާހަގަކުރެވޭ ގޮތުގައި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު 33 އިންސައްތަ މަދުކުރުމަށް މިދިޔަ އޭޕްރިލް މަހު އެންގުމަށް ފަހު، އެ މަސައްކަތް ތިން މަސް ދުވަހުގެ ތެރޭ ނިންމަން ޕީސީބީން އަންގައިފައިވެއެވެ.
ފިނޭންސް މިނިސްޓްރީން މިދިޔަ އޭޕްރިލް މަހުގެ 18ގައި ބުނީ، ކުންފުނިތަކުގެ މަސައްކަތްތަކުގެ ހިންގުންތެރިކަން އިތުރުކުރުމާއި، އިންސާނީ ވަސީލަތްތައް މެނޭޖްކުރުން ހަރުދަނާކުރުމުގެ އިތުރުން، މާލީ ގޮތުން ދެމެހެއްޓެނިވި ގޮތެއްގައި ކުންފުނިތައް ހިންގުމަށް ބާރުއެޅުމުގެ ގޮތުން އަޅަންޖެހޭ އިތުރު ފިޔަވަޅުތައް މިނިސްޓްރީން ޕީސީބީއަށް އަންގައިފައިވާ ކަމަށެވެ.
އެ އިރުޝާދުތަކުގެ ދަށުން، ކުންފުނިތަކުގެ ހިންގުމުގެ ޚަރަދު ކުޑަކުރުމަށާއި، ޚަރަދުތައް ބެލެހެއްޓުން ހަރުދަނާކުރުމަށް ކުރެވޭ މަސައްކަތުގެ ބައެއްގެ ގޮތުގައި، ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު 33 އިންސައްތަ މަދުކުރުމަށް އަންގައިފައިވާ ކަމަށް މިނިސްޓްރީން އޭރު ބުންޏެވެ.
ހަތަރު ލައްކައެއްހާ މީހުންގެ އާބާދީއެއް އޮންނަ މި ގައުމުގެ ސިވިލް ސާވިސްގައި މަސައްކަތްކުރާ މުވައްޒަފުންގެ އަދަދު 30،000އަށްވުރެ އިތުރެވެ. އަދި އެކިއެކި އިދާރާތަކާއި މިނިވަން މުއައްސަސާތަކާއި ސިޔާސީ މަގާމުތަކަށް ބަލާއިރު ވިއްސަކަށް ހާހާ ގާތް ކުރެއެވެ. އަމިއްލަ މަސައްކަތްތަކުގެ ބަދަލުގައި، ގިނަ ބަޔަކު ދައުލަތުގެ ޕޭރޯލްގައި ތިބުމަކީ އިގުތިސާދީ މާހިރުން ކަންބޮޑުވުން ފާޅުކުރާ ކަމެކެވެ.
ދައުލަތުގެ ބަޖެޓުން ބޮޑު ޚަރަދެއް ރިކަރަންޓް ޚަރަދަށް ބޭނުންކުރާއިރު، ސަރުކާރުގެ ގިނަ ކުންފުނިތައް ގެއްލުމުގައި ހިންގުމުގެ ކަންބޮޑުވުން ވެސް ވަރަށް ބޮޑެވެ.
ސިޔާސީ ބޭނުމަށް ސަރުކާރު ހިއްސާވާ ކުންފުނިތަކަށް މުވައްޒަފުން ނެގުމުގެ އިތުރުން ކޮރަޕްޝަންގެ އަމަލުތައް ވެސް ކުންފުނިތަކުގެ ތެރެއިން ހިންގުމަކީ ރާއްޖޭގައި ވަރަށް ޒަމާންވީ މައްސަލައެކެވެ.