ދުންފަތާ ދެކޮޅު ގައުމީ ކެމްޕެއިން ފުޅާކޮށް، ޖަމިއްޔާތަކާއި ކުޅިވަރު ދާއިރާ ބައިވެރިކުރަނީ

އާދިއްތަ ދުވަހު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުން -- ފޮޓޯ: ރައީސް އޮފީސް

ދުންފަތާއި ނިކޮޓިންގެ ނުރައްކަލަށް ހޭލުންތެރިކުރުމުގެ ގައުމީ ކެމްޕެއިންގައި ޖަމިއްޔާތަކާއި ކުޅިވަރުގެ ދާއިރާގެ ފަރާތްތައް ބައިވެރިކޮށް، އެ ހަރަކާތްތައް އިތުރަށް ފުޅާކުރުމަށް ވަޒީރުންގެ މަޖިލީހުން ނިންމައިފިއެވެ.

ރައީސް އޮފީހުން މަޢުލޫމާތު ދިން ގޮތުގައި، މިދިޔަ އާދީއްތަ ދުވަހު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މިގޮތަށް ނިންމެވީ ދުންފަތުގެ އިމްޕޯޓް ޑިއުޓީ ރޭޓްތައް މުރާޖައާ ކުރުމާއި ކެމްޕެއިން ކުރިއަށް ގެންދިއުމާ މެދު ވަޒީރުންގެ މަޖިލީހުގެ ސަބް ކޮމިޓީން ހެދި ދިރާސާތަކަށް ރިއާޔަތްކުރެއްވުމަށް ފަހުގައެވެ.

މި ކެމްޕެއިންގެ ފުރަތަމަ މަރުހަލާގައި ކޮންމެ އަތޮޅަކުން މަދުވެގެން އެއް ޖަމިއްޔާ އަދި މާލޭ ސަރަހައްދުން ގިނަ ޖަމިއްޔާތަކެއް ބައިވެރިކުރުމަށް ވަނީ ނިންމާފައެވެ. އަދި ރަށްރަށުގައި ތިބޭ ޔޫތު އެސޯސިއޭޓުން ކެމްޕެއިންގައި ބައިވެރިކުރުމުގެ އިތުރުން، ގައުމީ ޓީމުތަކުގައި ހަރަކާތްތެރިވާ އެތުލީޓުންނަކީ ދުންފަތުގެ އިސްތިއުމާލުކުރުމާ އެއްކޮށް ދުރުވެފައި ތިބި ބަޔަކަށް ހެދުމަށް ޚާއްސަ އަމާޒުތަކެއް ކަނޑައެޅުމަށް ވެސް ވަނީ ނިންމާފައެވެ.

މި ކެމްޕެއިންގައި ބައިވެރިވާނެ ފަރާތްތައް ކަނޑައެޅުމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައި ވަނީ ހެލްތު މިނިސްޓްރީއާއެވެ.

މީގެ އިތުރުން، ދުންފަތާ ދެކޮޅަށް އިއުލާންކޮށްފައިވާ "ޖެނެރޭޝަނަލް ބޭން" ތަންފީޒުކުރުމުގެ ގޮތުން ސްކޫލް ނިޒާމުގެ ތެރެއިން ކުރިއަށްދާނެ ކަންކަން އެޑިއުކޭޝަން މިނިސްޓްރީއާއި ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ގުޅިގެން ކުރިއަށް ގެންދިއުމަށް ވަޒީރުންގެ މަޖިލީހުން ވަނީ ނިންމަވާފައެވެ.

މި ސަރުކާރުން ވަނީ ރާއްޖޭގައި ދުންފަތް ކޮންޓްރޯލް ކުރުމަށްޓަކައި ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން، ރާއްޖޭގައި ވޭޕު މަނާކޮށް، ދުންފަތުގެ ބާވަތްތަކުން ނަގާ ޑިއުޓީ ބޮޑުކުރުން ހިމެނެއެވެ.

މީގެ އިތުރުން ދުންފަތުގެ ބާވަތްތަކުން ނަގާ ޑިއުޓީ ބޮޑުކޮށް، 2007ވަނަ އަހަރުން ފެށިގެން އުފަންވާ ކުދިންނަށް ދުންފަން ބޭނުން ކުރުން މަނާކުރުމަށް 'ޖެނެރޭޝަނަލް ބޭން'އެއް ގެނައުން ހިމެނެއެވެ.

ނަމަވެސް މި ސަރުކާރުން ސިނގިރޭޓަކުން ނަގާ ޑިއުޓީ އަށް ރުފިޔާއަށް ބޮޑުކުރުމަށް 2024 ވަނަ އަހަރު ނިންމި ނިންމުން ބަދަލުކޮށް، ޑިއުޓީ ހަތަރު ރުފިޔާއަށް ކުޑަކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބިލު ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މި އަހަރުގެ ޖުލައި މަހު ތަސްދީގު ވެސް ކުރައްވައިފައެވެ.

comment ކޮމެންޓް