މުސާރަތައް ބޮޑުކުރަނީ، ރަސްމާލޭ މަޝްރޫއަށް ރުހުން ހޯދަން: މެންބަރު އަމީން

ކަނޑިތީމު ދާއިރާގެ މެންބަރު އަމީން ފައިޞަލް: ފެންނަނީ ރައްޔިތުންގެ ސުފުރާ މައްޗަށް ބަދަލު ގެންނަންޖެހޭ ކަމަށްބުނެ، ރައްޔިތުން ހާލުގައި ޖައްސަން މަސައްކަތްކުރާތަން ކަމަށް ވިދާޅުވި -- ފޮޓޯ/ ރާއްޖެއެމްވީ

ގައުމުގެ އިސް ބައެއް ބޭފުޅުންގެ މުސާރަތައް ރައްޔިތުންގެ މަޖިލީހުން ބޮޑުކުރަނީ ރަސްމާލެ މަޝްރޫއަށް ރުހުން ހޯދަން ކަމަށް ކަނޑިތީމު ދާއިރާގެ އެމްޑީޕީ މެންބަރު އަމީން ފައިޞަލް ވިދާޅުވެއްޖެއެވެ.

ވެރިކަން ކުރާ ޕީއެންސީގެ ސުޕަމެޖޯރިޓީ އޮންނަ ރައްޔިތުންގެ މަޖިލީހުން މިއަދު ވަނީ، މަޖިލީހުގެ ރައީސާއި އުއްތަމަ ފަނޑިޔާރުގެ މުސާރަ 95،125 ރުފިޔާއަށް ބޮޑުކޮށް، ވަޒީރުންގެ ކާރު އެލަވަންސާއި ކައުންސިލަރުންގެ މުސާރަ ބޮޑުކޮށްފައެވެ.

އެސްއެސްޓީވީން ގެނެސްދޭ "ބާރު ހަތަރެއް" ޕްރޮގްރާމުގައި، އެ މުސާރަތައް ބޮޑުކުރުމާ ގުޅޭގޮތުން ވާހަކަދައްކަވަމުން އަމީން ވިދާޅުވީ، މި ވެރިކަން ފެށުނުއިރު ދައުލަތުގެ ދަރަނި ހުރި މިންވަރަށްވުރެ އެތައް ގުނައެއް މިހާރު އިތުރުވެފައިވާކަމަށް ބަޖެޓު ފޮތްތަކުން ދައްކާކަމަށެވެ.

މި ހާލަތަށް ވެއްޓުމުން އެކަމުގެ ހުރިހާ ބުރައެއް ޖައްސާތަން ފެންނަނީ ރައްޔިތުންނަށް ކަމަށާއި ރައްޔިތުންގެ ސުފުރާމަތި "ގަރުދިޔައާއި ބަތަށް" ތިރިކުރަންވެއްޖެ ކަމަށް ބުނެ، ވެރިންގެ މުސާރަތައް ބޮޑުކޮށްފައި ރައްޔިތުން އިތުރަށް ފަގީރު ހާލަތުގައި ބޭތިއްބުމަށް ރާވާ މަންޒަރު ފެންނަ ކަމަށް އަމީން ވިދާޅުވިއެވެ.

https://sun.mv/229732

އަމީން ވިދާޅުވީ، މި ދަނޑިވަޅުގައި މުސާރަތައް ބޮޑުކުރުމަށް ހިފާފައި މިވަނީ ރަސްމާލޭގައި އީގަލް ހިލްސް ކުންފުނިން ހިންގަން އުޅޭ މަޝްރޫއު ފަދަ ކަންކަމާ މެދު ރައްޔިތުންގެ މެދުގައި އޮތް ނުރުހުމުގެ ތެރެއިން ސަރުކާރުގެ ބޮޑުން ރުއްސުމަށް ކަމަށެވެ. މީގެ އިތުރުން ދިވެހިރާއްޖޭގެ ބިން، ބޭރު މީހުންނަށް މިލްކުކުރެވޭ ގޮތަށް ވަޒީރުންގެ މަޖިލީހުގެ ތެރޭގައި މަޝްވަރާކުރަމުންދާ ކަމުގެ މައުލޫމާތު ލިބިލައްވާކަމަށް ވިދާޅުވެ، އެ ބޭފުޅުންގެ މުސާރަ ބޮޑުކުރުމަކީ މި ކަމަށްޓަކައި ދެވޭ ހަދިޔާގެ މިންވަރަކަށް ވެސް ވެދާނެކަމަށް އަމީން ތުހުމަތު ކުރެއްވިއެވެ.

"މި ބޭފުޅުންނަށް ދައުލަތް ހިންގަން ނޭނގުމުގެ ހުރިހާ ބުރައެއް ދިވެހި ރައްޔިތުންނަށް ޖައްސައި، ދިވެހި ރައްޔިތުން ކެއުމުގެ ކަންކަންވެސް ގަރުދިޔައާއި ބަތާ، މި ލެވަލްއަށް ތިރިކުރަން ވެއްޖެކަމާއި މި ބަދަލުތައް ރައްޔިތުން ސުފުރާ މަތިން ގެންނަންޖެހޭކަމަށް މި ބޭފުޅުން ވިދާޅުވެ، ވަޒީރު ބޭފުޅުންގެ މުސާރަ ބޮޑުކޮށްފައި، ވެރިންގެ މުސާރަ ބޮޑުކޮށްފައި، ދިވެހި ރައްޔިތުން އަދި އިތުރަށް ފަގީރު ހާލަތުގައި ބޭތިއްބުމަށް މި ބޭފުޅުން ރާވަ ރޭވުމެއް މިއީ." އަމީން ވިދާޅުވިއެވެ.

އަމީން އިޝާރާތްކުރައްވާފައިވަނީ ރައީސް އޮފީހުގެ ކުރީގެ މިނިސްޓަރު ޢަލީ ޢާރިފް، ވެރިކަންކުރާ މައި ޕާޓީ، ޕީއެންސީގެ ޖަގަހަ ޖަލްސާއެއްގައި ޖުލައި 14، 2024 ވަނަ ދުވަހު ދެއްކެވި ވާހަކައަކަށެވެ. އެގޮތުން، އެރޭ ޢާރިފް ވިދާޅުވެފައިވަނީ، ބޭރުން ކާ އެއްޗެހި ގެނައުމުގެ ބަދަލުގައި ގޭގައި ގަރުދިޔައާއި ބަތާ ކައްކައިގެން ތަންކޮޅެއް އާދައިގެ ދިރިއުޅުމަކަށް ރައްޔިތުން ތިރިވެލަން ޖެހޭކަމަށެވެ.

https://www.sun.mv/194333

"ބާރު ހަތަރެއް" ޕްރޮގްރާމުގައި އަމީން އިތުރަށް ވިދާޅުވީ، ސަރުކާރުގެ އަސްލު ވިސްނުމަކީ، އާންމު ރައްޔިތުންގެ އަތްމަތި ދަތިވެ، ދިރިއުޅުމުގެ ހާލަތު ދަށްވި ވަރަކަށް އިތުރު ސުވާލެއް، ޝަކުވާއެއްނެތި ވެރިންނަށް އަޅުދާސްތުވެގެން ތިބޭނެ ރައްޔިތުންތަކެއް އުފެއްދުން ކަމަށެވެ.

އެއްވެސް ގޭބިސީއެއްގައި ދިރިއުޅޭ މީހެއް އަމިއްލަ ފައިމައްޗަށް ތެދުވެ، އިތުރު މީހަކަށް ބަރޯސާނުވެ އުޅޭ ނަމަ، ވެރިން ބުނާހާ ގޮތެއް ހަދައިގެން ނޫޅޭނެކަން ފާހަގަކުރައްވައި، އަމީން ވިދާޅުވީ މި ސަރުކާރުން ބޭނުންވަނީ އެހެން ވިޔަ ނުދީ، ކިތަންމެ ގޯސް ކަމެއް ސަރުކާރުން ކުރި ނަމަވެސް "އާދެ، ލައްބަ" ކިޔައިގެން ތިބޭނެ ރައްޔިތުންތަކެއް ކަމަށެވެ.

މަޖިލީހުން މުސާރަތައް ބޮޑުކުރަން ނިންމުމާއެކު ސަރުކާރަށް އެކި ފާޑުކިއުންތައް އަމާޒުވެފައިވެއެވެ.

ރަސްމާލެ މަޝްރޫއަކީ، އަބޫދާބީގެ އީގަލް ހިލްސް ކުންފުންޏާ ހަވާލުކޮށްގެން ރަސްމާލޭގައި ހިންގަން ނިންމައިފައިވާ "މޯލްޑިވްސް ވޯޓާފްރަންޓް އެންޑް މެރީނާ" މަޝްރޫއެވެ. ޖުމްލަ 20 ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓެއް ކަމަށް ލަފާކުރާ މި ބޮޑު މަޝްރޫއާއެކު، އިސްރާއީލުގެ މީހުންނަށް އެ ސަރަހައްދުން ޕްރޮޕަޓީ ގަނެވިދާނެ ކަމުގެ ކަންބޮޑުވުން ރާއްޖޭގެ ބައެއް ސިޔާސީ ފަރާތްތަކާއި އެކްޓިވިސްޓުން ވަނީ ފާޅުކޮށްފައެވެ.

އެހެންނަމަވެސް، ރަސްމާލެއިން އިސްރާއީލާ ގުޅުންހުރި އެއްވެސް ފަރާތަކަށް ޕްރޮޕަޓީ ނުގަނެވޭނެ ގޮތް ހަދާނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

comment ކޮމެންޓް