އުޖޫރައެއް ނުލިބޭ ގޮތަށް، ކޮންމެ މިނިސްޓްރީއަކަށް ފަންނީ ވަކި ދާއިރާތަކުގެ ޚާއްސަ ކޮމިޓީތަކެއް

ވަޒީރުންގެ މަޖިލިސް ބައްދަލުވުމެއްގެ ތެރެއިން --- ފޮޓޯ/ ރައީސް އޮފީސް

ކޮންމެ މިނިސްޓްރީއަކަށް ކަނޑައެޅޭ ފަންނީ ވަކި ދާއިރާތަކަކުން ޚާއްސަ ކޮމިޓީތަކެއް އެކުލަވާލުމުގައި އަމަލުކުރާނެ އުސޫލެއް ކަނޑައަޅައި، އަމަލުކުރަން ފެށުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި، އެ މަނިކުފާނު މި ފަދައިން ނިންމެވީ، އިއްޔެ ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގެ މަޝްވަރާއަށް ފަހުގައެވެ.

ރައީސް އޮފީހުން ބުނީ، އެ އުސޫލުގެ މަގުސަދަކީ "ފަންނީ ދާއިރާތަކުގެ ޚާއްޞަ ކޮމިޓީތަކާއި ފަންނީ މަޝްވަރާ މަޖިލިސް" އެކުލަވައިލުމާއި ހިންގުމުގައި ޢަމަލުކުރާނެ ގޮތް ކަނޑައެޅުއްވުމެވެ. އެއީ، އެކި ފަންނުވެރި ދާއިރާތަކާ ގުޅުންހުރި މައްސަލަތަކާމެދު މަޝްވަރާކޮށް، އެ ދާއިރާތަކާގުޅޭ ސިޔާސަތުތައް ބައްޓަންކޮށް ތަންފީޒުކުރުމުގައި، ދާއިރާތަކުން ލިބިފައިވާ ފަންނީ ތަޢުލީމާއި ތަޖުރިބާގެ އަލީގައި މަޝްވަރާ ހުށަހެޅުމަށް ފުރުޞަތު ދިނުމަށް އުފައްދާ ކޮމިޓީތަކެއް ކަމަށް އެ އޮފީހުން ބުންޏެވެ.

ކޮންމެ މިނިސްޓްރީއަކަށް ކަނޑައެޅޭ ފަންނީ ދާއިރާތަކުގެ ޚާއްޞަ ކޮމިޓީތަކެއް އެކުލަވައިލައި، އެ ދާއިރާތަކުން ފަންނީ ތަޢުލީމާއި ތަޖުރިބާ ލިބިފައިވާ ބޭފުޅުން އެ ކޮމިޓީތަކަށް އައްޔަންކުރައްވާ ގޮތަށް ހަމަޖެއްސުމަށް ވަޒީރުންގެ މަޖިލީހުން ވަނީ ނިންމާފައެވެ.

ރައީސް އޮފީހުން ބުނީ، މި ކޮމިޓީތަކުގައި މެންބަރުން ކުރައްވާ މަސައްކަތަކީ ޤައުމީ ޚިދުމަތެއްގެ ގޮތުގައި ބައްލަވައި، އެ މަސައްކަތަށް ވަކި އުޖޫރައެއް ނުދެއްވާ ގޮތަށް ރައީސް ނިންމަވާފައިވާ ކަމަށެވެ. އަދި، ފަންނީ ދާއިރާތަކުގެ ޚާއްޞަ ކޮމިޓީތަކާއި ފަންނީ މަޝްވަރާ މަޖިލިސް އެކުލަވައިލެއްވުމުގައި ޢަމަލުކުރައްވާނެ އުސޫލު ރައީސް އޮފީހުގެ ވެބްސައިޓުގައި ޝާއިޢުކުރަން ވަނީ ހަމަޖެހިފައެވެ.

https://sun.mv/230384

ފާހަގަކޮށްލެވޭ ގޮތުގައި، މިދިޔަ ބުދަ ދުވަހު ރައީސް ވަނީ، ދައުލަތުގެ ޢިއްޒަތުގެ ޝަރަފުވެރިންގެ ލަފާދޭ މަޖިލީހެއް އެކުލަވާލައްވައިފައެވެ.

ރައީސް އޮފީހުން ބުނެފައިވާ ގޮތުގައި އެ މަޖިލިސް އެކުލަވައިލެއްވީ، ގައުމުގެ ކަންކަން ހަރުދަނާގޮތުގައި ހިންގުމުގައްޔާއި، ސަރުކާރުގެ ކަންކަން ރަނގަޅު ގޮތުގައި ގެންދިޔުމުގައްޔާއި ގައުމަށް ދިމާވާ އެކި ކަންކަމާ ގުޅިގެން، މަޝްވަރާ ހޯއްދަވަންޖެހޭ ކަންކަމުގައި ރައީސް މަޝްވަރާ ހޯއްދެވުމަށެވެ.

comment ކޮމެންޓް