އުފަންވުމާއެކު ދައުލަތުގެ ބެލުމުގެ ދަށަށް ކުއްޖާ ނެގި މައްސަލައިގެ ތަހުގީގަށް ބޭނުންވާ ހުރިހާ މައުލޫމާތެއް ހޯދައިފި ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރްސީއެމް) އިން ބުނެފިއެވެ.
އެޗްއާރްސީއެމްއިން ސޯޝަލް މީޑިއާގައި ހިއްސާކުރި ޕޯސްޓެއްގައި ބުނީ ވިހެއުމަށްފަހު ތުއްތު ދަރިފުޅު މަންމަގެ ނުރުހުމުގައި ނުހައްގުން ދައުލަތުގެ ބެލުމުގެ ދަށަށް ނަގާފައިވާ ކަމަށް ބުނާ މައްސަލައިގެ ތަހުގީގުގެ ބޭނުމަށް، މައްސަލައާ ގުޅުންހުރި ވަރަށް ގިނަ މައުލޫމާތު މިހާރު ވަނީ ހޯދައި ލިބިފައި ކަމަށެވެ. އަދި މިހާރު ކުރިއަށް ދަނީ ހެކިތަކާއި ގަރީނާތަކުގެ ދިރާސީ މަސައްކަތްތައް ކަމަށް އެޗްއާރްސީއެމްއިން ބުންޏެވެ.
https://x.com/hrcmv/status/2089699467637531003
ނަމަވެސް ތަހުގީގު ފުރިހަމަ ކުރުމަށް ބޭނުންވާ އިތުރު ހެއްކާއި މައުލޫމާތު ހޯދުމުގެ މަސައްކަތް ވެސް ކުރިޔަށް ގެންދާ ކަމަށް އެޗްއާރްސީއެމްއިން ބުންޏެވެ.
"އިރާދަކުރެއްވިއްޔާ ބޭނުންވާ އެންމެހައި މައުލޫމާތު ވަރަށް އަވަހަށް ހޯދައި ނިންމާލެވޭނެ،" އެޗްއާރްސީއެމްއިން ބުންޏެވެ.
މި މައްސަލައަކީ އުފަންވުމާއެކު، ކުއްޖަކު ދައުލަތަށް ނެގި ގޮތާ މެދު ކަންބޮޑުވުން ފާޅުކޮށް، އެ ކުއްޖާގެ މަންމަ މައްސަލަ ފެންމަތި ކުރުވި މައްސަލައެކެވެ. އެ މަންމަ އާ ހަވާލާދީ، ސޯޝަލްމީޑިއާގައި ދައުރުވާ ޕޯސްޓުތަކުގައި ވަނީ، ދައުލަތަށް ދަރިފުޅު ނެގީ، އޭނާގެ ނުކުޅެދުންތެރިކަމެއް ހުންނާތީއާއި މީގެކުރިން އަމިއްލަ ނަފުސަށް ގެއްލުންދޭން މަސައްކަތް ކޮށްފައިވާ ކަމަށް ބުނެ ކަމަށެވެ.
މީގެއިތުރުން، އޭނާގެ ނުރުހުމުގައި އެހެން އާއިލާއަކާ ދަރިފުޅު ހަވާލުކުރަން މިނިސްޓްރީން މަސައްކަތް ކުރާ ކަމަށް ބުނެ، އެ ކުއްޖާގެ މަންމަ ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
މި ކަމުގައި މިނިސްޓްރީއަށް ފާޑުކިޔުން އަމާޒުވެފައި ވަނިކޮށް ނެރުނު ބަޔާނުގައި ވަނީ، ދައުލަތުގެ ބެލުމުގެ ދަށަށް ކުޑަކުދިން ނެގުމުގައި އަމަލުކުރަނީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގައިވާ ގޮތަށް ކަމަށެވެ.
މީގެއިތުރުން، ކުޑަކުއްޖަކު ދައުލަތަށް ނަގާނީ، ކުއްޖާގެ މައިންބަފައިންނާއި އާއިލާގެ ފަރާތުން ވެސް ކުއްޖާގެ ރައްކާތެރިކަން ކަށަވަރުނުކުރެވޭ ހާލަތްތަކުގައި ކަމަށް މިނިސްޓްރީގެ ބަޔާނުގައިވެއެވެ.