ފަތުރުވެރިކަމުގެ ދާއިރާއާ މަޝްވަރާނުކޮށް ބޭރުގެ ޓުއާ އޮޕަރޭޓަރުން އަތުން ޖީއެސްޓީ ނަގާ ބިލު ކޮމިޓީން ފާސްކޮށްފި

އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާޙް: ފަތުރުވެރިކަމުގެ ދާއިރާގެ ފަރާތްތަކާ މަޝްވަރާ ނުކޮށް ބޭރުގެ ޓުއާ އޮޕަރޭޓަރުންނާއި ބޭރުގެ ބުކިން ޕްލެޓްފޯމުތަކުން ދޭ ޚިދުމަތްތަކުން ޖީއެސްޓީ ނަގަން ލާޒިމުކުރުމަށް ސަރުކާރުން ހުށަހެޅި އިސްލާހު މުޅި މަޖިލީހުގެ ކޮމިޓީން ވަނީ ފާސްކޮށްފައި --- ފޮޓޯ: މަޖިލިސް

ބޭރުގެ ޓުއާ އޮޕަރޭޓަރުންނާއި ބޭރުގެ ބުކިން ޕްލެޓްފޯމުތަކުން ދޭ ޚިދުމަތްތަކުން ޖީއެސްޓީ ނަގަން ލާޒިމުކުރުމަށް ސަރުކާރުން ހުށަހެޅި އިސްލާހު ފާސްކުރާނީ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކާ މަޝްވަރާކުރުމަށްފަހު ކަމަށް ވިދާޅުވުމަށް ފަހު، ސަރުކާރުން ހުށަހެޅި ގޮތަށް އެ އިސްލާހު ފާސްކުރަން ވެރިކަންކުރާ ޕީއެންސީގެ ޕާލަމެންޓަރީ ގްރޫޕުގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާޙް މިއަދު ހުށަހަޅުއްވައިފިއެވެ.

ފަލާޙްގެ އެ ހުށަހެޅުއްވުމާ އެއްގޮތަށް މުޅި މަޖިލީހުގެ ކޮމިޓީން ވަނީ އެ އިސްލާހު ފާސް ވެސް ކޮށްފައެެވެ. އެ ހުށަހެޅުއްވުމަށް ތާއީދުކުރެއްވީ ފުނަދޫ ދާއިރާގެ ޕީއެންސީ މެންބަރު މުޙައްމަދު މަމްދޫޙް ޔޫނުސެވެ.

https://sun.mv/226095

މުޅި މަޖިލީހުގެ ކޮމިޓީ ބައްދަލުވުމުގައި ފަލާޙް އެ ގޮތަށް ހުށަހެޅުއްވުމުން ހުޅުމާލޭ ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު ޑރ. އަޙްމަދު ޝަމްހީދު ވަނީ، ބޭރުގެ ޓުއާ އޮޕަރޭޓަރުން އަތުން ޖީއެސްޓީ ނެގުމާ ގުޅޭ ގޮތުން ސަރުކާރުން ހުށަހެޅި އިސްލާހު ފާސްކުރާނީ ސްޓޭކްހޯލްޑަރުންނާ މަޝްވަރާކުރުމަށް ފަހު ކަމަށް ފަލާޙް ވިދާޅުވިކަން ހަނދާން ކޮށްދެއްވައިފައެވެ.

"އެހެންވީމާ އަޅުގަނޑުމެންނަށް ހަމައެކަނި މި ތާނގައި އަޅުގަނޑުމެން ގާނޫނުތައް ފަރުމާކޮށް މި ހަދަނީ މުޅި ދިވެހި ދައުލަތާއި ދިވެހިރާއްޖެއާއި ރައްޔިތުންނާއި، އަދި ރާއްޖޭގައި ވިޔަފާރިކުރާ ހުރިހާ ފަރާތްތަކަށް މީގެން އަސަރުކުރާ ގޮތަށް، އަޅުގަނޑުމެން 93 މެންބަރުންނަށް އަސަރުކުރާ ކަމެއްނޫން މި ނިންމަނީކީ،" ޝަމްހީދު ވިދާޅުވިއެވެ.

އެކަމަކު ވެސް ކޮމިޓީގެ ބައްދަލުވުމުގައި ތިއްބެވި މެންބަރުންގެ ތެރެއިން 64 މެންބަރުންގެ އިއްތިފާގުން ވަނީ ބިލު ފާސްކޮށްފައެވެ.

ސަރުކާރު ފަރާތުން ކުޅުދުއްފުށީ އުތުރު ދާއިރާގެ ޕީއެންސީ މެންބަރު މުޙައްމަދު ދާއޫދު ހުށަހެޅުއްވި އިސްލާހަށް ބަހުސްކުރައްވަމުން ފަލާޙް މިދިޔަ އާދީއްތަ ދުވަހު ވިދާޅުވީ، އެ އިސްލާހުތައް ފާސްކުރާނީ ފަތުރުވެރިކަމުގެ ދާއިރާއަށް އެއްވެސް ލޮޅުމެއް ނާންނަ ގޮތަށް، މަޝްވަރާތަކަށް ފަހު ކަމަށެވެ.

"އަޅުގަނޑުމެން ކޮމިޓީ މަރުހަލާގައި ރާއްޖޭގައި ޓޫރިޒަމް ދާއިރާގައި މަސައްކަތްކުރާ ހުރިހާ ބޭފުޅުންނާ މަޝްވަރާކުރާނަން، އެ ބޭފުޅުންގެ ލަފަޔާއި އިރުޝާދު ހޯދާނަން، އެ ބޭފުޅުން ދޭ ހެޔޮ ލަފާ ގަބޫލުކުރާނެ މި ސަރުކާރުން," ފަލާޙް ވިދާޅުވިއެވެ.

މީގެ އިތުރުން، ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރާއި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ބޭފުޅުންނާއި އެ ޕާޓީގެ މަޖިލިސް މެންބަރުންނާ އެކު އިގުތިޞާދީ ބަހުސަކަށް ވަޑައިގަތުމަށް ވެސް ތައްޔާރު ކަމަށް ވެސް އޭނާ އެ ދުވަހު ވިދާޅުވިއެވެ.

ދާއޫދު ހުށަހެޅުއްވި ބިލުގެ މަގުސަދެއް ކަމަށް ވަނީ، ރާއްޖޭގައި ޑެސްޓިނޭޝަން ޕްރިންސިޕަލް ތަންފީޒުކުރަން ފެށުމަށްޓަކައި އޮފްޝޯ ބުކިން ޕްލެޓްފޯމުތަކާއި ބޭރު ޓުއާ އޮޕަރޭޓަރުންނާއި ޓްރެވަލް އޭޖެންޓުން ފޯރުކޮށްދޭ ޚިދުމަތްތަކާއި އުސޫލުތައް ގާނޫނުގައި ބަޔާންކުރުމެވެ.

މި އިސްލާހުގައި ވަނީ، ފަތުރުވެރިކަމުގެ ދާއިރާގެ ޚިދުމަތްތަކުގެ ތެރޭގައި، ރާއްޖޭގައި ވިޔަފާރީގެ ދާއިމީ ތަނެއް ނެތް ފަރާތަކުން ފޯރުކޮށްދޭ އިންބައުންޑް ޓޫރިޒަމް ޚިދުމަތް ހިމަނަން ހުށަހަޅައިފައެވެ.

އޭގެ އިތުރުން، ފަތުރުވެރިކަމުގެ ޚިދުމަތްދޭ ވިޔަފާރިއެއްގެ ގޮތުގައި ރަޖިސްޓްރީކޮށްފައިވާ ޚިދުމަތްތަކުން ޚިދުމަތްދޭތާ ތިން ދުވަހުގެ ތެރޭ ޓެކްސް އިންވޮއިސް ތައްޔާރުކުރަން މި އިސްލާހުން ލާޒިމްކުރާނެއެވެ.

މި އިސްލާހު ފާސްވެއްޖެ ނަމަ ދައުލަތަށް އަހަރަކު 1.61 ބިލިއަން ރުފިޔާ ވަންނާނެ ކަމަށް، ބިލާއެކު ހުށަހެޅި ކޯސްޓް އެސްޓިމޭޓުގައި ލަފާކޮށްފައިވެއެވެ.

comment ކޮމެންޓް