ރަސްމާލެ މަޝްރޫއާ ގުޅޭގޮތުން އާންމުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމަށް ގޮވައިލައި އެމްޑީޕީން މަޖިލީހަށް ގަރާރެއް

އެމްޑީޕީގެ ޕާލަމެންޓަރީ ގްރޫޕުން ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން: ރަސްމާލެ އީގަލް ހިލްސްއަށް ދޭ މައްސަލައިގައި އާންމުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދާން ގަރާރެއް ވަނީ ހުށަހަޅައިފައި --- ސަން ފޮޓޯ

ރަސްމާލޭން 500 ހެކްޓަރުގެ ބިން އެކުވެރި ޢަރަބި އިމާރާތް (ޔޫއޭއީ)ގެ އީގަލް ހިލްސް ކުންފުންޏަށް ދޭން އުޅޭ މައްސަލައިގައި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމަށް ސަރުކާރަށް ގޮވައިލައި އެމްޑީޕީން ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅައިފިއެވެ.

އެމްޑީޕީގެ ޕާލަމެންޓަރީ ގުރޫޕުން އެކަން ހާމަކުރީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

އެ ޕާޓީގެ ފަރާތުން ހުށަހެޅި ގަރާރުގައިވަނީ އާންމުންނާގުޅޭ މުހިންމު ކަންކަމުގައި ޚިޔާލު ހޯދުމުގެ ވޯޓު ނެގުމުގެ ބާރު މަޖިލީހަށް ގާނޫނުއަސާސީން ލިބިދޭކަން ފާހަގަކޮށްފައެވެ.

އޭގެ އިތުރުން އެ ގަރާރުގައިވަނީ މަޖިލީހުގެ ގާނޫނު ހެދުމުގެ އިޚްތިޞާޞްގެ ތެރެއިން މުހިންމު ނިންމުމެއް ނިންމުމުގައި އާންމުންގެ ޚިޔާލު ހޯދަން ފެންނަނަމަ އެފަދަ ވޯޓެއް ނެގުމަށް ވެސް ޚިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމާ ބެހޭ ގާނޫނުގެ ދަށުން ކަނޑައެޅިދާނެ ކަމަށެވެ.

މި ގަރާރު ހުށަހެޅީ ގައުމީ ބޮޑު މައްސަލައެއްގައި ގާނޫނުގެ ތެރެއިން އާންމުންގެ ސީދާ ބަހެއް ހޯދުމަށް މަގުފަހިކުރުމުގެ ގޮތުން ކަމަށް ވެސް، ގަރާރު ހުށަހެޅި ސަބަބުތަކުގެ ތެރޭ އެމްޑީޕީން ބަޔާންކޮށްފައިވެއެވެ.

https://sun.mv/229938

ފާހަގަކުރެވޭ ގޮތުގައި ރަސްމާލެ މަޝްރޫއަށް ފެންނަ ނުފެންނަ ވޯޓަކަށް ދާން ސަރުކާރަށް ގޮވާލަން އެމްޑީޕީގެ ގައުމީ މަޖިލީހުން މި މަހުގެ ފުރަތަމަ ދުވަހުގެރޭ ވަނީ ފާސްކޮށްފައެވެ. އެމްޑީޕީގެ ގައުމީ މަޖިލީހުން ބޭއްވި ކުއްލި ޖަލްސާއެއްގައި އެކަމަށް ގޮވައިލައި ގަރާރު ހުށަހެޅުއްވީ އެ ޕާޓީގެ ކުރީގެ ލީގަލް ޑިރެކްޓަރު އަދި ކޮލަމާފުށި ދާއިރާގެ ރައީސް މަޙްފޫޒު ސަޢީދެވެ. ގަރާރަށް ތާއީދުކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މަޢުރޫފް ޛާކިރެވެ.

އެ ގަރާރު ފާސްކުރަން ވޯޓަށް އެހުމުން، ޖަލްސާއަށް ހާޒިރުވެވަޑައިގެން ތިއްބެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުން ވަނީ ގަރާރާ އެއްކޮޅަށް ވޯޓު ދެއްވައިފައެވެ.

އެ ގަރާރުގައި ވަނީ، ރަސްމާލޭން 500 ހެކްޓަރުގެ ބިން 99 އަހަރަށް އެއްވެސް އެކުއިޒިޝަން ކޮސްޓަކާއި އަދި ކުއްޔަކާ ނުލައި ދިނުމަށް ވެފައިވާ އެއްބަސްވުން އާންމުކުރުމަށާއި އެ މަޝްރޫއާ މެދު އާންމުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ގޮވައިލައިފައެވެ. އަދި އެ ވޯޓުގެ ނަތީޖާ ލިބުމުގެ ކުރިން އީގަލް ހިލްސް ނުވަތަ ތިންވަނަ ފަރާތެއްގެ ހައްގެއް އެ ބިމުގެ މައްޗަށް އުފަންވާ ފަދަ އެއްވެސް މުއާމަލާތެއް ނުކުރުމަށް ވެސް ޝަރުތުކޮށްފައިވެއެވެ.

މީގެ އިތުރުން މި މުއާމަލާތުގެ ނުރައްކާތަކާ މެދު އާންމުން ހޭލުންތެރިކުރުމުގެ ހަރަކާތްތައް އެމްޑީޕީ އިސްވެ ހިންގުމަށާއި ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ސަރުކާރު ޖަވާބުދާރީކުރުވުމަށް ގަރާރުގައި ހިމަނައިފައިވެއެވެ.

އަދި ސަރުކާރުން އެ ކަންކަމަށް އިޖާބަ ނުދީފި ނަމަ އެހެން ސިޔާސީ ޕާޓީތަކާއި ޖަމިއްޔާތަކާ ގުޅިގެން ސީދާ ހަރަކާތަށް ނުކުތުމަށް ވެސް ގަރާރުގައި ވަނީ ބާރުއަޅައިފައެވެ.

އެ ގަރާރު ފާސްކުރި ޖަލްސާގައި ކުރީގެ ރައީސް އަދި އެމްޑީޕީގެ ޗެއާޕާސަން މުޙައްމަދު ނަޝީދު ވަނީ ރަސްމާލެ މަޝްރޫއަށް ފުރިހަމައަށް ތާއީދުކުރައްވާކަން ހާމަކުރައްވައިފައެވެ.

comment ކޮމެންޓް