ދެވަނަ ދައުރު ދެވަނަ ފަހަރަށް ދަންމައިލުމަށް ފަހު ޢަބްދުއްރަޙީމް: "ދޭހަވަނީ މެޖޯރިޓީ ތިބީ ރައްޔިތުންނާ އެކު ކަން"

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ: -- ފޮޓޯ/ މަޖިލީސް

ވިހިވަނަ ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ މިހިނގާ ދައުރު ދެވަނަ ފަހަރަށް ދަންމައިލުމުން ވެސް ދޭހަވަނީ "މެޖޯރިޓީ" ތިބީ ރައްޔިތުންނާ އެކު ކަން ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުالله މިއަދު ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ މި ހިނގާ ދެވަނަ ދައުރު އެންމެ ފުރަތަމަ ދަންމައިލަން ފާސްކުރީ މިދިޔަ ބުދަ ދުވަހެވެ. އެ ދުވަހު ފާސްކުރީ އަންނަ ބުރާސްފަތި ދުވަހުުގެ ނިޔަލަށް ދައުރު ދަންމައިލުމަށެވެ.

https://sun.mv/225937

އޭގެ ފަހުން މިއަދު މި ދައުރު ދެވަނަ ފަހަރަށް ދަންމައިލުމަށް ވަނީ ވޯޓަށް އަހައިފައެވެ. މިއަދު ފާސްކުރީ އަންނަ ހަފުތާ ބުރާސްފަތި ދުވަހުގެ ނިޔަލަށް ދައުރު ދަންމާލާށެވެ.

އެގޮތުން ދައުރު ދަންމައިލަން ރިޔާސަތުން ވޯޓަށް އެހުމުން، ވޯޓުގައި ބައިވެރިވި 67 މެންބަރުންގެ ތެރެއިން ހުށަހެޅުން ފާސްވީ 58 މެންބަރުންގެ ވޯޓުންނެވެ. ނުފެންނަ ކަމަށް ވޯޓު ދެއްވީ ނުވަ މެންބަރުންނެވެ.

އާންމު ގޮތެއްގައި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ފެށޭ ވަގުތު ދައުރު ދަންމައިލާ ނަމަ އެކަން ރިޔާސަތުގެ މޭޒުން އިއުލާނުކުރެއެވެ. ނަމަވެސް މިއަދުގެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވި މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުالله އެކަން އިއުލާނެއް ނުކުރައްވައެވެ.

"މި ވޯޓުގެ ނަތީޖާއަށް ބަލައިލީމަވެސް ވެސް އެނގެނީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ރައްޔިތުންނާއެކު ތިބި މިންވަރު، ރައްޔިތުންނަށް ޚިދުމަތްކުރެއްވުމުގައި 24 ގަޑިއިރު މަސައްކަތްކުރެއްވުމަށްޓަކައި އެ ބޭފުޅުން ތިއްބެވީ ތައްޔާރަށްކަން،" ވޯޓަށް ފަހު ޢަބްދުއްރަޙީމް ވިދާޅުވިއެވެ.

ބެލެވޭ ގޮތުގައި މި ދައުރު ދަންމައިލީ، ސަރުކާރުން ބޭނުންވާ މަޝްރޫއުތައް ހިންގުމަށްޓަކައި ކައުންސިލުތަކުގެ އިޚްތިޞާސުގައި ހިމެނޭ ތަންތަނާއި ބިންބިން ސަރުކާރަށް ނަގައި އެ ތަންތަން ކައުންސިލުތަކުގެ އިހްތިޞާސުން ވަކިކުރުމުގެ ފުރިހަމަ ބާރު ސަރުކާރަށް ދޭން އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު ޢަބްދުލްޙަންނާން އަބޫބަކުރު ހުށަހެޅުއްވި އިސްލާހު ފާސްކުރުމަށެވެ.

ބިލު މި ވަގުތު ކޮމިޓީ މަރުހަލާގައި އޮތް އިރު، އެ ބިލު އަނބުރާ ގެންދިއުމަށް ގޮވައިލައި ހުށަހެޅި ޕެޓިޝަން މާދަމާގެ ޖަލްސާއަށް އެޖެންޑާކުރާނެ ކަމަށް ބެލެވެއެވެ.

އޭގެ އިތުރުން އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދުގެ މައްޗަށް އިތުބާރު ނެތް ކަމަށް ހުށަހެޅި މައްސަލަ ވެސް ކުރިއަށް ގެންދާނެ ކަމަށް ބެލެވެއެވެ. އަދި ޑޮލަރު މާރުކުރާ އުސޫލަށް ބަދަލު ގެނައުމަށް ހުށަހެޅި އިސްލާހު މާލިއްޔަތު ކޮމިޓީން އަލުން ދިރާސާކުރުމަށް ފަހު މި ދަންމާލި ދައުރުގެ ތެރޭ ފާސްކުރާނެ ކަމަށް ބެލެވެއެވެ.

ސަރުކާރުގެ އަޣުލަބިއްޔަތުން ހިންގަމުން އަންނަ މަޖިލީހުގެ މެންބަރުންނަކީ ވަރަށް ބޮޑު މުސާރައެއްގެ އިތުރުން, ގިނަ އިނާޔަތްތަކެއް ދައުލަތުން ފޯރުކޮށްދޭ ބައެކެވެ. އަދި، މަޖިލީހުގެ އިދާރާ ހިންގުމަށް ވެސް ދައުލަތުގެ ބަޖެޓުން ވަރަށް ބޮޑު ހޭދައެއް ކޮންމެ އަހަރަކު ކުރެއެވެ. އެކަމަކު، އެ ލިބޭ މުސާރައާއި އިނާޔަތްތަކާ އެއްވަރަށް މެންބަރުން މަސައްކަތް ނުކުރާކަމުގެ ޝަކުވާ އަބަދުވެސް ބޮޑެވެ.

ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރު ވެސް ދަންމާލީ މުހިއްމު މަަސައްކަތްތަކެއް ހުރި ކަމަށް ބުނެއެވެ. ނަމަވެސް އެ ދައުރު ދަންމައިލައި ހަމައެކަނި ތާވަލުކުރީ މި ހިނގާ 20ވަނަ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ނައިބު ރައީސް އަޙްމަދު ނާޒިމް މަގާމުން ވަކިކުރުމުގެ މައްސަލައެވެ. އެކަމަކު ނާޒިމް ވަކިކުރުމަށް މިދިޔަ މެއި މަހުގެ 31ވަނަ ދުވަހު ތާވަލުކޮށްފައި ވަނިކޮށް ހަމަ އެ ދުވަހު ވަނީ އިސްތިއުފާ ދެއްވައިފައެވެ.

comment ކޮމެންޓް