ކައުންސިލުތަކުގެ ބިން ސަރުކާރަށް ނެގޭ ގޮތަށް ހެދުމަށާއި ޑޮލަރު މާރުކުރާ އުސޫލު ބަދަލުކުރަން ދައުރު ދަންމައިލައިފި

މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން: ދައުރު ދަންމައިލަން ވަނީ ފާސްކޮށްފައި -- ފޮޓޯ/ މަޖިލިސް

"މުހިންމު މަސައްކަތްތަކެއް ނިންމަން" ހުރި ކަމަށް ވިދާޅުވެ، ވިހިވަނަ ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ދެވަނަ ދައުރު ވެސް ދަންމައިލައިފިއެވެ.

މި ހިނގާ ދެވަނަ ދައުރު ދަންމައިލަން ފާސްވީ ރިޔާސަތުން ވޯޓަށް އެހުމުން، ވޯޓުގައި ބައިވެރިވި 58 މެންބަރުންގެ ވެސް އިއްތިފާގުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގައިވާ ގޮތުން މި ހިނގާ ދެވަނަ ދައުރު ހިނގާނީ ޖޫން މަހުން ފެށިގެން އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށެވެ. މިއަދު ދައުރު ދަންމައިލަން ފާސްކުރުމާ ގުޅިގެން އަންނަ ހަފުތާ ބުރާސްފަތި ދުވަހުގެ ނިޔަލަށް މި ދައުރުގެ ޖަލްސާތައް ކުރިއަށް ދާނެއެވެ.

ފާހަގަކުރެވޭ ގޮތުގައި، ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރު ވެސް ދަންމާލީ މުހިއްމު މަަސައްކަތްތަކެއް ހުރި ކަމަށް ބުނެއެވެ. ނަމަވެސް އެ ދައުރު ދަންމައިލައި ހަމައެކަނި ތާވަލުކުރީ މި ހިނގާ 20ވަނަ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ނައިބު ރައީސް އަޙްމަދު ނާޒިމް މަގާމުން ވަކިކުރުމުގެ މައްސަލައެވެ. އެކަމަކު ނާޒިމް ވަކިކުރުމަށް މިދިޔަ މެއި މަހުގެ 31ވަނަ ދުވަހު ތާވަލުކޮށްފައި ވަނިކޮށް ހަމަ އެ ދުވަހު ވަނީ އިސްތިއުފާ ދެއްވައިފައެވެ.

ބެލެވޭ ގޮތުގައި މި ދައުރު ދަންމައިލަނީ، ސަރުކާރުން ބޭނުންވާ މަޝްރޫއުތައް ހިންގުމަށްޓަކައި ކައުންސިލުތަކުގެ އިހްތިޞާސުގައި ހިމެނޭ ތަންތަނާއި ބިންބިން ސަރުކާރަށް ނަގައި އެ ތަންތަން ކައުންސިލުތަކުގެ އިހްތިޞާސުން ވަކިކުރުމުގެ ފުރިހަމަ ބާރު ސަރުކާރަށް ދޭން އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު ޢަބްދުލްޙަންނާން އަބޫބަކުރު ހުށަހެޅުއްވި އިސްލާހު ފާސްކުރުމަށެވެ.

އެ ބިލު ފާސްކުރުމުގެ މަސައްކަތް ފަސް ދުވަހުން ނިންމަން ލާމަރުކަޒީ ކޮމިޓީން ވެސް ވަނީ ނިންމައިފައެވެ.

އޭގެ އިތުރުން އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދުގެ މައްޗަށް އިތުބާރު ނެތް ކަމަށް ހުށަހެޅި މައްސަލަ ވެސް އަންނަ ހަފުތާގައި ގެންދާނެ ކަމަށް ބެލެވެއެވެ.

އަދި ޑޮލަރު މާރުކުރާ އުސޫލަށް ބަދަލު ގެނައުމަށް ހުށަހެޅި އިސްލާހު ވެސް މި ދަންމާލި ދައުރުގެ ތެރޭ ފާސްކުރާނެ ކަމަށް ބެލެވެއެވެ.

ފާހަގަކުރެވޭ ގޮތުގައި މަޖިލީހުގެ ޖަލްސާތަކާއި ކޮމިޓީ ބައްދަލުވުންތައް ގަވައިދުން ބާއްވަމުން ގެންގޮސްފައި ނުވެއެވެ.

ސަރުކާރުގެ އަޣުލަބިއްޔަތުން ހިންގަމުން އަންނަ މަޖިލީހުގެ މެންބަރުންނަކީ ވަރަށް ބޮޑު މުސާރައެއްގެ އިތުރުން, ގިނަ އިނާޔަތްތަކެއް ދައުލަތުން ފޯރުކޮށްދޭ ބައެކެވެ. އަދި، މަޖިލީހުގެ އިދާރާ ހިންގުމަށް ވެސް ދައުލަތުގެ ބަޖެޓުން ވަރަށް ބޮޑު ހޭދައެއް ކޮންމެ އަހަރަކު ކުރެއެވެ. އެކަމަކު، އެ ލިބޭ މުސާރައާއި އިނާޔަތްތަކާ އެއްވަރަށް މެންބަރުން މަސައްކަތް ނުކުރާކަމުގެ ޝަކުވާ އަބަދުވެސް ބޮޑެވެ.

ގުޅޭ ޓެގު
comment ކޮމެންޓް