ރައްޔިތުންގެ މަޖިލީހަށް ކުރިން ހުށަހަޅައިފައިވާ ޕެޓިޝަނަކާ ދެކޮޅު ޕެޓިޝަން ވެސް ހުށަހެޅޭ ގޮތަށް ގަވައިދު ބަދަލުކުރަން މިއަދު ފާސްކޮށްފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގައިވާ ގޮތުން، ހުށަހަޅާ ޕެޓިޝަނެއްގެ ޝަރުތުތަކުގެ ތެރޭ, މަޖިލީހަށް ކުރިން ހުށަހެޅި ޕެޓިޝަނެއްގައި އެޅުމަށް ގޮވައިލައިފައިވާ ފިޔަވަޅެއް އަލުން އެޅުމަށް ހިމެނިފައި ނުވުން ހިމެނެއެވެ.
ފުނަދޫ ދާއިރާގެ ޕީއެންސީ މެންބަރު މުޙައްމަދު މަމްދޫޙް ޔޫނުސް ހުށަހަޅުއްވައިފައިވަނީ އެ ޝަރުތު އުނިކުރުމަށެވެ. އެގޮތަށް ގަވައިދު ބަދަލުކޮށްފިނަމަ މަޖިލީހަށް ކުރިން ހުށަހަޅައިފައިވާ ޕެޓިޝަނަކާ ދެކޮޅު ޕެޓިޝަނެއް ވެސް ހުށަހެޅޭނެއެވެ.

މިއަދުގެ އާންމު ކޮމިޓީގެ ބައްދަލުވުމުގެ ތެރެއިން: ހުށަހަޅާފައި އޮތް ޕެޓިޝަނަކާ ދެކޮޅަށް ޕެޓިޝަނެއް ހުށަހެޅޭ ގޮތަށް ވަނީ ހަދާފައި --- ފޮޓޯ/ މަޖިލިސް
މި އިސްލާހު މަޖިލީހުގެ އާންމު ކޮމިޓީއަށް ފޮނުވުމުން، އެ އިސްލާހާއެކު، މާއްދާގެ އަކުރުތައް ތަރުތީބު ކުރަން ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު މުހައްމަދު ހުށަހެޅުއްވިއެވެ.
އެ ހުށަހެޅުމަށް އިސްދޫ ދާއިރާގެ މެންބަރު މުހައްމަދު ޝަފީއު ތާއިދުކުރެއްވިއިރު، އެ އިސްލާހު ގެނައުމަށް ވޯޓުގައި ބައިވެރިވި ހަތް މެންބަރުން ތާއިދުކުރެއްވިއެވެ. ދެކޮޅަށް ވޯޓު ދެއްވީ އެންމެ މެންބަރެކެވެ.
ނުވަ މެންބަރުން މިއަދު ކޮމިޓީއަށް ހާޒިރުވެވަޑައިގެން ތިއްބެވިއިރު، މި އިސްލާހާ ދެކޮޅަށް އެއްވެސް މެންބަރަކު ވާހަކަދައްކަވާފައެއް ނުވެއެވެ.

މިއަދުގެ އާންމު ކޮމިޓީގެ ބައްދަލުވުމުގެ ތެރެއިން: ހުށަހަޅާފައި އޮތް ޕެޓިޝަނަކާ ދެކޮޅަށް ޕެޓިޝަނެއް ހުށަހެޅޭ ގޮތަށް ވަނީ ހަދާފައި --- ފޮޓޯ/ މަޖިލިސް
ފާހަގަކުރެވޭ ގޮތުގައި، މި ބަދަލު ގެނެސްފައި މި ވަނީ ކައުންސިލުތަކުގެ ބެލުމުގެ ދަށުގައި ހިމެނޭ ބިންތައް ސަރުކާރަށް ނަގައި ކައުންސިލުތަކުގެ ދަށުން އެ ބިންތައް ވަކިކުރުމުގެ ބާރު ސަރުކާރަށް ދޭ ބިލު އަނބުރާ ގެންދިއުމަށް ގޮވައިލައި ހުށަހެޅި ޕެޓިޝަނަށް ސޮއި ހަމަކޮށް، ތަޅުމުގައި އެޖެންޑާކުރަން ޕެޓިޝަން ކޮމިޓީން ނިންމައިފައި އޮއްވައެވެ.
އެ ބިލު ފާސްކުރުމަށް ވެރިކަންކުރާ ޕީއެންސީގެ ސަޕޯޓަރުން ވަނީ މަޖިލީހަށް ޕެޓިޝަނެއް ވެސް ވައްދާފައެވެ.
އެގޮތުން ޕީއެންސީގެ ސަޕޯޓަރުންގެ ފަރާތުން ވެއްދި ޕެޓިޝަންގައި ވަނީ، ސަރުކާރާ އެއްކޮޅު ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު މެންބަރު ޢަބްދުލްޙަންނާން އަބޫބަކުރު ހުށަހެޅުއްވި ބިލަކީ ރަށު ފެންވަރުގައި ރައްޔިތުންނަށް ފޯރުކޮށްދޭން ޖެހޭ އަސާސީ ޚިދުމަތްތައް ހަލުވިކަމާއެކު ކޮށްދިނުމަށް މަގުފަހިކޮށްދޭ ބިލެއް ކަމަށެވެ.
ޢަބްދުލްޙަންނާންގެ ބިލާ ދެކޮޅަށް ހުށަހަޅައިފައިވާ ޕެޓިޝަނަކީ ސިޔާސީ މަގުސަދެއް ހާސިލްކުރަން ހުށަހަޅައިފައިވާ ޕެޓިޝަނެއްގެ ގޮތުގައި ވެސް، މި ޕެޓިޝަންގައި ސިފަކޮށްފައިވެއެވެ.